ލައިފްސްޓައިލް

ރަހީނުކުރި މީހާގެ އަތްދަށުން ސަލާމަތްވީ ސުވާލު ގިނަކޮށްގެން

ޕްރީސްކޫލް ފުރައިގެ ކުދިން ތަކެއް ތިބި ބަހެއް ހައިޖެކް ކުރި މީހަކު އެ ކުދިންތައް މާގިނައިން އެކި ކަހަލަ ސުވާލުތައް ކުރިމަތިކުރަން ފެށުމުން ބޮލަށް އުނދަގޫ ވެގެން ހުރިހާ ކުދިން ދޫކޮށްލައިފި އެވެ.

މިހިނގާ މެއި މަހުގެ ހަވަނަ ދުވަހު ހިނގި މި ހާދިސާގައި ބަސް ހައިޖެކްކުރީ ކުދިން ބަހަށް އަރައި ދަތުރުފެށިތާ އެންމެ ހަ މިނިޓް ތެރޭގަ އެވެ.

ދަ ވޮޝިންޓަން ޕޯސްޓުގައިވާ މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މިމަހު ކުރީކޮޅު ކޮލަމްބިއާގެ ސައުތު ކެރޮލައިނާގައި ހިނގި މި ހާދިސާގައި ބަޑި ހިފައިގެން ހުރި މީހަކު ގަދަކަމުން ސްކޫލު ކުދިން ތިބި ބަހަކަށް އަރައި ބަސް ހައިޖެކް ކުރީ އެވެ. އަދި ބަހުގައި އޭރު ތިބި 18 ކުދިންނާއި ބަހުގެ ޑްރައިވަރު ރަހީނުކުރީ އެވެ.

މި ކުދިންނާއި ޑްރައިވަރަށް އެއްވެސް ގެއްލުމެއް ނުވެ ސަލާމަތް ވުމުން ގިނަ ބަޔަކު ހީކުރީ އެއީ ބަހުގެ ޑްރައިވަރު ކެނެތު ކޯބިންގެ ކުޅަދާނަކަމުން ވީކަމެއް ކަމަށެވެ. އަދި އޭނާއަކީ ހީރޯއެއް ކަމަށް ކޮލަމްބިއާ ނޫސްތަކުން ވެސް ސިފަ ކުރި އެވެ. ނަމަވެސް ފަހުން ޑްރައިވަރު ކެނެތު ހާމަކުރި ގޮތުގައި އެ ހާދިސާގެ ހަގީގީ ހީރޯއިންނަކީ ބަހުގައި ތިބި ކުޑަކުޑަ ކުދިން ތަކެވެ.

އެ ކުދިންގެ މައުސޫމް ސުވާލުތަކަށް ރަހީނުކުރި މީހާއަށް ޖަވާބު ދެވޭނެ ގޮތެއް ނުވެ އޭނާ މުޅިން ހާސްވީ ކަމަށް ޑްރައިވަރު ބުންޏެވެ.

އެ އެންމެންނަށް ގެއްލުމެއް ނުލިބި ސަލާމަތްވީ ހަމައެކަނި އޭނާގެ މަސައްކަތުން ނޫން ކަމަށާއި ބަހުގައި ތިބި ކުދިންނަށް ނޭނގި ނަމަވެސް އެކުދިންނަށް ދެެއްކުނު ވާހަކަތަކާއި ކުރެވުނު ސުވާލުތައް އެއީ ސަލާމަތްވި ސަބަބެއް ކަމަށް ޑްރައިވަރު ބުންޏެވެ.

"އެ ކުދިންތައް ބަސް ހައިޖެކްކުރި މީހާއާ ވަރަށް ގިނަ ސުވާލުތައް އެއްފަހަރާ ކުރަން ފެށި. އެކަމާ އެމީހާ ކުޑަކޮށް ހިތްހަމަނުޖެހޭ ގޮތްވި،" މިކަމާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ސަރަހައްދުގެ ފުލުހުންގެ އިސް އޮފިސަރު ބުންޏެވެ.

"ގުޑް މޯނިން އެމެރިކާ"އަށް ދިން އިންޓަވިއުއެއްގައި ޑްރައިވަރު ބުނީ ބަސް ހައިޖެކްކުރި މީހާ ބަހަށް އަރައި ހުރިހާ ކުދިން ބަހުގެ ކުރިއަށް ގެންދިޔަ ކަމަށެވެ. އެހިސާބުން ބައެއް ކުދިން އެމީހާއަށް ސުވާލުތައް ކުރަން ފެށީ ކަމަށެވެ.

"އެއް ކުއްޖަކު އެހި އޭނާއަކީ ސިފައިންގެ މީހެއްހޭ؟ އަނެއް ކުއްޖަކު އެހި އޭނާ އެހެން އެ ހަދަނީ ކީއްވެ ހެއްޔެވެ؟ އަނެއް ކުއްޖަކު ބުނި އޭނަ އުޅެނީ އެ ކުދިންނަށް އަނިޔާ ކުރަން ހެއްޔެވެ؟ މިކަހަލަ ސުވާލުތައް ކުދިން ތަކުރާރުކުރަން ފެށުމުން ހައިޖެކްކުރި މީހާ ބޯގޮވާ ގޮތްވީ،" ޑްރައިވަރު ކިޔައިދިނެވެ.

އެންމެ ފަހުން އައި ރުޅިން ބަހުން ފައިބަން ކުދިންނަށް އެމީހާ އަމުރުކުރުމުން ކުދިންތަކާއި ޑްރައިވަރު ބަހުން ފޭބީ އެވެ. އަނިޔާއެއް ނުލިބި އެންމެން ސަލާމަތްވީ އެހެންވެ އެވެ.