ކޮނޑޭ

ކޮނޑޭ ރައީސްގެ ވޯޓު އަލުން ގުނަން އަމުރުކޮށްފި

ގއ. ކޮނޑޭ ކައުންސިލްގެ ރައީސްގެ ވޯޓު އަލުން ގުނުމަށް މިއަދު ހައިކޯޓުން ހުކުމްކޮށްފި އެވެ.

ކޮނޑޭ ކައުންސިލް ރައީސްގެ ވޯޓު ބާތިލުކޮށްދިނުމަށް ނުވަތަ އަލުން ގުނައިދިނުމަށް އިންތިހާބީ ޝަކުވާ ހުށަހަޅާފައިވަނީ ރައީސް ކަމަށް ކުރިމަތިލި ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީ އެވެ.

މައްސަލަ ހުށަހަޅަމުން އޭނާ ވަނީ ދެ ކަމެއް ފާހަގަކޮށްފަ އެވެ. އެއީ ވޯޓު ފޮށީގެ ވެރިޔާ އިންތިހާބާ ބެހޭ ގަވާއިދާ ހިލާފަށް އަމަލުކޮށްފައިވުމާއި، އެރަށުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ގާނޫނާ ހިލާފަށް ވޯޓުލާފައިވާ ކަމަށް ބުނެ އެވެ.

ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޝުއައިބު ފާހަގަކޮށްފައިވާ ކަންތައްތަކަކީ އިންތިހާބުގެ ނަތީޖާއަށް އަސަރުކޮށްފާނެ ކަންތައްތަކެއް ކަމަށް ގަބޫލުކުރެވޭތީ އަލުން ކައުންސިލް ރައީސްގެ ވޯޓު ގުނަން އަމުރު ކުރާ ކަމަށެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިމެންދެން އެ ރަށުގެ އިންތިހާބީ ކައުންސިލްގެ ރައީސް ހުވާކުރުން ވެސް އޮތީ ފަސްކޮށްފަ އެވެ.

ކޮނޑޭގެ ކައުންސިލް އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުގައި އިންތިހާބު ވެފައިވަނީ ކެންޑިޑޭޓް އަބްދުލްހަކީމެވެ. އެންމެ ވޯޓެއްގެ ތަފާތުން ދެވަނަ އަށް ގޮސްފައި ވަނީ އިންތިހާބީ ޝަކުވާ ހައިކޯޓަށް ހުށަހެޅި ކެންޑިޑޭޓް ޝުއައިބު މުހައްމަދު ދީދީ އެވެ.