ލޯކަލް ކައުންސިލްތަކުގެ އިންތިހާބު

އިންތިހާބީ ހަ ޝަކުވާއެއް ބަލައިގަނެ މާދަމާ ޝަރީއަތް ފަށަނީ

May 10, 2021

އިންތިހާބީ ޝަކުވާގެ ގޮތުގައި ހައިކޯޓަށް ހުށަހެޅި ހަ މައްސަލައެއް ބަލައިގަނެ މާދަމާ ޝަރީއަތް ފެށުމަށް ތާވަލްކޮށްފި އެވެ.

ހައިކޯޓުން މިރޭ ބުނީ އިންތިހާބީ ޝަކުވާ ހުށަހެޅުމުގެ މުއްދަތު މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 12:00 އަށް ހަމަވިއިރު އިންތިހާބީ ޝަކުވާގެ ގޮތުގައި 15 ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.

ހައިކޯޓަށް ބަލައިގަނެފައިވާ އިންތިހާބީ ޝަކުވާގެ މައްސަލަތަކަކީ ހއ. ފިއްލަދޫ، ށ. ބިލައްފަހި، ކ. ތުލުސްދޫ، ތ. ކަނޑޫދޫ، ލ. މާބައިދޫ އަދި ގއ. ކޮނޑޭގެ އިންތިޚާބާ ގުޅޭ މައްސަލަތަކެވެ.

މިހާތަނަށް ބަލައިގަނެފައި ނުވާ މައްސަލަތަކުގެ ތެރެއިން ބައެއް މައްސަލަ މުރާޖައާ ކޮށްދިނުމަށް ހުށަހަޅާފައިވާ ކަމަށްވެސް ހައިކޯޓުން ވަނީ މައުލޫމާތު ދީފަ އެވެ.

އިންތިހާބީ ޝަކުވާގެ މައްސަލަތައް ހައިކޯޓަށް ހުށަހެޅޭނީ އެ ޝަކުވާއެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން ކޮމިޝަނުން ދޭ ޖަވާބާ މެދު ހިތްހަމެނުޖެހޭ ނަމަ އެވެ.

ލޯކަލް ކައުންސިލް އިންތިހާބު ބާއްވާފައިވަނީ މިދިޔަ މަހުގެ 10 ދުވަހު އެވެ. އިންތިހާބުގެ ރަސްމީ ނަތީޖާ ވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިއުލާންކޮށްފަ އެވެ.

ލޯކަލް ގަވަރުމަންޓް އޮތޯރިޓީން ވަނީ މިމަހުގެ 17 ވަނަ ދުވަހު އާ ކައުންސިލަރުން ހުވާކުރުން ހުރިހާ ރަށެއްގައި ވެސް ކުރިއަށްދާނެ ކަމަަށް ބުނެފަ އެވެ.