ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަ ކުރާ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހުގެ މާއްދާ ބާތިލް ކޮށްދިނުމަށް އެދި ހައިކޯޓަށް ހުށައެޅި މައްސަލައިގެ ހުކުމް އިއްވަން ތައްޔާރުވެއްޖެ އެވެ. ހައިކޯޓުން މިހާރު ވަނީ ހުކުމް ކުރުމުގެ މަޖިލިސް އާދިއްތަ ދުވަހަަށް އެޖެންޑާ ކޮށްފައެވެ.
މި މައްސަލަ ހައިކޯޓަށް ހުށަހެޅީ އާންމު ފަރާތެއް ކަމަށްވާ މޫސާ އަންވަރެވެ. އޭނާ އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓަށެވެ. ނަމަވެސް އެ ކޯޓުން މައްސަލަ ބޭރުކޮށްލީ އެވެ.
ސުޕްރީމް ކޯޓުން މައްސަލަ ބޭރުކުރީ އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހްތިސާސް އޮންނަނީ ހައި ކޯޓަށް ކަމަށް ބުނެ އެވެ. ހައިކޯޓުން މައްސަލައިގެ އަޑުއެހުންތައް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ނިންމާލާފައެވެ.
ލާމަރުކަޒީ ގާނޫނަށާއި ގަނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށްފަހު، އެ އިސްލާހުތަކާއެކު ފުރަތަމަ ބާއްވާ ކައުންސިލް އިންތިހާބުގައި 983 ކައުންސިލަރުން އިންތިހާބު ކުރާއިރު އޭގެ ތެރެއިން 370 ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ.
އަންހެނުންނަށް ގޮނޑި ހާއްސަ ކުރަން ނިންމުމާ ގުޅިގެން ގިނަ މީހުންގެ ކަންބޮޑުވުން އޮތީ ސިޓީ ކައުންސިލްތަކުގައި އަންހެނުންނަށް ގޮނޑި ހާއްސަ ކުރާ އުސޫލަށެވެ. އެ ސިޓީއެއް ދާއިރާތަކަށް ބެހުމަށް ފަހު ކޮންމެ ދާއިރާއަކުން މެންބަރަކު އިންތިހާބު ކުރާއިރު، އެއިން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑި ކަނޑައަޅަނީ ގުރުއަތު ލުމަކުންނެވެ.
އެހެންކަމުން އަންހެނުންނަށް ހާއްސަވާ ދާއިރާގެ ގޮނޑިއަށް ކުރިމަތިލާން ބޭނުންވާ ފިރިހެނުންގެ ހައްގުތަކާއި އެ ދާއިރާއިން ބޭނުންވާ މީހަކު އިންތިހާބު ކުރުމުގެ ހައްގު ވޯޓު ލާ މީހުންގެ އަތުން ގެއްލޭ ކަމަށް ބައެއް މީހުން ބުނެ އެވެ.
މާލެ ސިޓީގެ 18 ދާއިރާގެ ތެރެއިން އަންހެނުންނަށް ހަ ދާއިރާއެއް ހާއްސަ ވާއިރު އައްޑޫގެ 12 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއެއް އަންހެނުންނަށް ހާއްސަކޮށްފައިވެ އެވެ. ފުވައްމުލަކުގެ ހަ ދާއިރާއިން ދެ ދާއިރާ އާއި ކުޅުދުއްފުށީގެ ހަ ދާއިރާއިން ދެ ދާއިރާ އަންހެނުންނަށް ހާއްސަވެ އެވެ.
މީގެ އިތުރުން ފަސް މެންބަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުން ދެ ގޮނޑި، އަދި ހަތް މެންބަރުން އިންތިހާބު ކުރާ ރަށު ކައުންސިލްތަކުން ތިން ގޮނޑި ވަނީ އަންހެނުންނަށް ހާއްސަކޮށްފަ އެވެ. ހަތް މެންބަރުން އިންތިހާބު ކުރަނީ 3،000 އަށްވުރެ މަތީގެ އާބާދީގެ ރަށްތަކުގަ އެވެ. އެއަށްވުރެ ދަށުގެ އާބާދީގެ ރަށްތަކުން އިންތިހާބު ކުރަނީ ފަސް މެންބަރުންނެވެ.