ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

އިންތިހާބު ބާއްވަން ހުރިހާ މުއައްސަސާތަކެއް އެއްބާރުލުން ދޭން ގޮވާލައިފި

ކޮވިޑް-19 އާ ގުޅިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާނުލި ނަމަވެސް، ފަސްކޮށްފައިވާ ލޯކަލް ކައުންސިލް އިންތިހާބު ބޭއްވޭ ގޮތަށް އެ އިންތިހާބާ ބެހޭ ހާއްސަ ގާނޫނަށް އިސްލާހެއް ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ކުރި ނަމަވެސް، އިންތިހާބު ބޭއްވުމަށް ޝަރުއީ ކޯޓުތަކުގެ އިތުރުން ދައުލަތުގެ ހުރިހާ މުއައްސަސާތަކުގެ އެއްބާރުލުން ދިނުމަށް އެ އިސްލާހު ހުށަހެޅުއްވި މަޖިލީހުގެ ހުޅުމާލެ ދާއިރާގެ އެމްޑީޕީ މެންބަރު އަލީ ނިޔާޒް މިއަދު ގޮވާލައްވައިފި އެވެ.

އެ އިސްލާހު ގެނައުމަށް ދައުރުން ބޭރުގައި މިއަދު ބޭއްވި ޖަލްސާގައި އެ ބިލު ހުށަހަޅުއްވަމުން ނިޔާޒް ވިދާޅުވީ، އިންތިހާބު އަވަސް ކުރުމަށްޓަކައި ގާނޫނު އިސްލާހުކުރި ނަމަވެސް، އެކަމާ ގުޅިގެން ކުރިމަތިވެފައިވާ ހުރިހާ މައްސަލަތަކަށް ހައްލެއް ނުލިބޭނެ ކަމަށެވެ.

މިގޮތުން، އެފަދަ މައްސަލަތައް ހައްލުކޮށް އިންތިހާބު ބޭއްވޭނީ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބިގެންކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ނިޔާޒް ފާހަގަކުރެއްވި ގޮތުގައި، އިންތިހާބާ ގުޅޭ ތިން މައްސަލައެއް މިހާރުވެސް ކޯޓުތަކަށް ހުށަހެޅިފައިވާއިރު، އިންތިހާބު ބޭއްވޭނީ އެ މައްސަލަތަކަށްވެސް އަވަހަށް ގޮތެއް ނިމިގެންކަމަށެވެ.

މިގޮތުން، މި އިންތިހާބުގައި އަންހެނުންނަށް ކޯޓާ ކަނޑައެޅުމުގެ މައްސަލައާއި، ކެންޑިޑެސީއެއް ބާތިލުކުރި މައްސަލައެއް އިދިކޮޅު ކޯލިޝަނުން ހުށަހަޅާފައިވާ މައްސަލައިގެ އިތުރުން، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަލުން ހުޅުވާލަންޖެހޭކަމަށް ބުނެ އަމިއްލަ ފަރާތަކުން ހުށަހަޅާފައިވާ މައްސަލަ ނިޔާޒް ފާހަގަކުރެއްވި އެވެ.

"މަޖިލީހުން ފާސްކުރާ ގާނޫނަކުން ހުރިހާ މައްސަލައެއް ހައްލެއްނުވާނެ. މި އިސްލާހުން ފާސްކުރުމުން އިންތިހާބު ބާއްވަން ގާނޫނީ ހުރަސްތައް ނައްތާލެވުނަސް، މިއީ މިކަމުން ނުކުންނާނެ ހުރިހާކަމަކަށް އޮތް ހައްލެއް ނޫން،" ނިޔާޒް ވިދާޅުވި އެވެ.

ބިލު ހުށަހަޅުއްވަމުން ނިޔާޒް މިއަދު ވަނީ އިދިކޮޅު ކޯލިޝަނަށްވެސް ފާޑުވިދާޅުވެފަ އެވެ.

މިގޮތުން، އަތޮޅު ތެރޭގައި މިހާރު ކޮވިޑް-19 އަށް ޕޮޒިޓިވް މީހުންގެ އަދަދުތައް އިތުރުވަމުންދާއިރު، ރަށްރަށަށް ދަތުރުކުރުން ހަރުކަށި ކުރުމަށް އިދިކޮޅުން ގޮވާލަމުންދާއިރު، އަނެއް ކޮޅުން ރަށްރަށަށް ދަތުރުކޮށް ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ނުލިބޭކަމަށް ތުހުމަތުކުރާކަން އޭނާ ފާހަގަކުރެއްވި އެވެ.

އެހެންކަމުން، އިންތިހާބާގުޅޭ ގޮތުން އިދިކޮޅުގެ ނިޔަތާ މެދު ސުވާލު އުފައްދަވަމުން ނިޔާޒް ވަނީ މި ބިލާގުޅޭ ބަހުސްގައި، އިދިކޮޅުގެ ވިސްނުން ރަނގަޅަށް ސާފުކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ނިޔާޒް ވަނީ، ގާނޫނު އިސްލާހުކުރާތާ ހަތް ދުވަހުގެ ތެރޭގައި އިންތިހާބު ބޭއްވުމުގެ މަސައްކަތް އީސީން ފަށަންޖެހޭނެކަމަށް ބަޔާންކޮށްފަ އެވެ.

ނަމަވެސް، އެ މާއްދާގައި (ށ) އިސްލާހުކޮށްފައިވަނީ، ސިއްހީ ކުއްލި ހާލަތު ދެމި އޮވެއްޖެނަމަ، އީސީން އިންތިހާބު ބޭއްވުމުގެ މަސައްކަތް ފަށައިގެން ކުރިއަށް ގެންދަންވާނީ، އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތަކާއި އިރުޝާދުތަކާ އެއްގޮތަށެވެ.

އަދި އިންތިހާބުގެ ކަންކަން ފެށުމަށް އީސީން ކަނޑައަޅާ ތާރީހުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ފިޔަވަޅުތަކާއި އުސޫލުތައް އެކުލަވާލައި، އާއްމުކުރަންވާނެކަމަށް އިސްލާހުގައިވެ އެވެ.

އަދި އިންތިހާބު ބޭއްވުމަށް އީސީން ކަނޑައަޅާ ތާރީހުގައި އިންތިހާބު ބާއްވައި، ނިންމުމަށްޓަކައި، އިންތިހާބުތަކާބެހޭ އާއްމު ގާނޫނުގެ އިތުރުން ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އިންތިހާބުގެ ކަންކަމާ ގުޅޭގޮތުން ކަނޑައަޅާފައިވާ މުއްދަތުތަކަށް ބަދަލުގެނައުމަށް އަލީ ނިޔާޒް ހުށަހެޅުއްވި އިސްލާހުގައި ވަނީ ހިމަނައިފަ އެވެ.

މިގޮތުން، ޖުމްލަ ހަ މުއްދަތެއް ބަދަލުކުރަން ހިމަނާފައިވާއިރު އިންތިހާބު ބޭއްވުމުުގެ 45 ދުވަސް ކުރިން ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓު އާންމު ކުރަންވާނެ ކަމަށް ބުނެފައިވާ މުއްދަތު ވަނީ 30 ދުވަހަށް މަދުކޮށްފަ އެވެ.

އަދި ވޯޓާސް ލިސްޓަށް ޝަކުވާ ހުޅުހެޅުމަށް މިހާރު އޮތް 10 ދުވަސް ފަސް ދުވަހަށް ކުޑަ ކުރުމުގެ އިތުރުން، ހުށަހެޅޭ ޝަކުވާއަކާ މެދު ގޮތެއް ނިންމަންޖެހޭ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް ކުޑަކުރަން ހުށަހަޅާފައިވެ އެވެ.

މީގެ އިތުރުން، ޝަކުވާއަކާ ގުޅޭގޮތުން ނިންމާ ނިންމުމެއް ހައި ކޯޓަށް ހުށަހެޅުމަށް ދީފައިވާ މުއްދަތު ފަސް ދުވަހުން ތިން ދުވަހަށް މަދުކޮށްފައިވާއިރު، އެ މައްސަލަ ބަލައި ނިންމަން ހައި ކޯޓަށް ލިބިދީފައިވާ 15 ދުވަހުގެ މުއްދަތު، މި އިސްލާހުގައި ވަނީ ހަތް ދުވަހަށް ކުޑަކޮށްފަ އެވެ.

ދެން މި އިސްލާހުގައި މަދުކޮށްފައިވަނީ ރަސްމީ ނަތީޖާ އިއުލާން ކުރާތާ ގިނަވެގެން 14 ދުވަސް ތެރޭ އިންތިހާބާ ގުޅޭ މައްސަލަތައް ހުށަހެޅޭނެ ކަމަށްް ބުނާ މުއްދަތެވެ.

މިގޮތުން، އެ މުއްދަތު ހަތް ދުވަހަށް ކުޑަކުރުމަށް ބިލުގައި ހިމަނާފައިވާއިރު، އެފަދަ މައްސަލައަކާ ގުޅިގެން ގޮތެއް ނިންމަން ހައި ކޯޓަށް ލިބޭ 30 ދުވަހުގެ މުއްދަތު ވަނީ 15 ދުވަހަށް ބަދަލުކުރަން ހިމަނައިފަ އެވެ.

މި މަހުގެ ތެރޭގައި ގާނޫނު އިސްލާހުކޮށްދީފިނަމަ، އޭޕްރީލް 13 ގައި ރޯދަ މަސް ފެށުމުގެ ކުރިން އިންތިހާބު ބޭއްވޭނެކަމަށް އީސީން ވަނީ ބުނެފަ އެވެ.

އަދި އިންތިހާބު ބާއްވާ އާ ތާރީހެއްގެ ގޮތުގައި އަންނަ އޭޕްރީލް މަހުގެ ތިން ވަނަ ދުވަސް އީސީން ވަނީ ކަނޑައަޅައިފަ އެވެ.