ކޮވިޑް-19 ޖެހިގެން މިއަދު ދެވަނަ މީހަކު މަރުވެއްޖެ އެވެ.
އެޗްޕީއޭ އިން ބުނީ މިއަދު 10:49 ހާއިރު 62 އަހަރުގެ އަންހެނަކު ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށެވެ. އެއީ ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް މަރުވި މީހެކެވެ.
ރާއްޖޭގައި ކޮވިޑް ޖެހިގެން މަރުވި މީހުންގެ ނަންބަރު މިވަނީ 125 އަށް އަރާފަ އެވެ. މިއީ މިމަހުގެ 52 ވަނަ މަރެވެ.
ހުޅުމާލެ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މިއަދު ހެނދުނު 8:07 ހާއިރު ވެސް ވަނީ މަރުވެފަ އެވެ. އެއީ 66 އަހަރުގެ ފިރިހެނެކެވެ.
މިދިޔަ އަހަރު ހަތް މަސް ދުވަހުގެ ތެރޭގައި މަރުވީ 51 މީހެކެވެ. މިއީ ކޮވިޑްގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވި މަހެވެ.
މި ބަލީގައި އިއްޔެ ވަނީ ތިން މީހަކު މަރުވެފަ އެވެ. ހުކުރު ދުވަހު ހަތަރު މީހަކު ވަނީ ބަލި ޖެހިގެން މަރުވެފަ އެވެ.