ގައްދޫ

ގައްދޫ ކައުންސިލްގެ ރައީސް ބަންދުގައި ބަހައްޓަން އަމުރުކޮށްފި

May 23, 2021
6

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ގދ. ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހްމަދު (އެމްޑީ) ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހައިކޯޓުން އެގޮތަށް އަމުުރުކުރީ މުހައްމަދު އަހްމަދުގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރިން ވެސް އަމުރުކޮށްފައި ވަނިކޮށް މިމަހުގެ ތިންވަނަ ދުވަހު އޭނާ ޖަލުން މިނިވަން ކުރަން ގައްދޫ މެޖިސްޓްރޭޓް ކޯޓުން ކުރި އަމުރު ދައުލަތުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުންނެވެ. އިސްތިއުނާފަށް ހުށަހެޅީ މިމަހުގެ ހަވަނަ ދުވަހު އެވެ. ހައިކޯޓުން މިއަދު ވަނީ ގައްދޫ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ބާތިލްކޮށްފަ އެވެ. އެހެންކަމުން އޭނާ އަލުން ބަންދަށް ގެންދެވޭނެ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ދައުވާ ލިބޭ މީހަކު އިންތިޚާބެއްގައި ވާދަކޮށް ކާމިޔާބު ވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުޑަކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.

ކުޑަކުއްޖަކާ އެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާ މުހައްމަދު އަހްމަދުގެ މައްޗަށް އުފުލީ މީގެކުރިން 2015 ވަނަ އަހަރު އޭނާ ގދ. ގައްދޫ ކައުންސިލްގެ ރައީސްކަމުގައި ހުންނެވި ދުވަސްވަރު ކުޑަކުއްޖަކާއެކު ޖިންްސީ އަމަލެއް ހިންގުމުގެ ތުހުމަތުގަ އެވެ. މީހަކު ޖިންސީ އަމަލެއް ހިންގަމުން ގެންދާ މަންޒަރެއް ނުވަތަ ފޮޓޯއެއް ނުވަތަ ފިލްމެއް ނުވަތަ ފިލްމެއްގެ މަންޒަރެއް ކުޑަކުއްޖަކަށް ދެއްކުން ނުވަތަ އެފަދަ އަމަލެއް ހިންގާ އަޑު ކުޑަކުއްޖަކަށް އިއްވުމުގެ ކުށުގެ ދައުވާ އާއި އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ މުހައްމަދު އަހުމަދުގެ މައްޗަށް އުފުލާފަ އެވެ. އެކަމަކު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާތައް ކުރިއަށް ނުގޮސް ގައްދޫ މެޖިސްޓްރޭޓު ކޯޓުގައި އޮންނަތާ އެތައް އަހަރެއް ވަނީ ފާއިތުވެފަ އެވެ.

ސީރިއަސް ތުހުމަތުތަކެއްގައި މުހައްމަދު އަހްމަދުގެ މައްޗަށް ދައުލަތުން ދައުވާ އުފުލާފައިވަނިކޮށް އޭނާ ވަނީ ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓްގައި ގައްދޫ ކައުންސިލްގެ ރައީސް ކަމަށް ވާދަކުރައްވައި ގޮނޑި ވެސް ކާމިޔާބު ކުރައްވާފަ އެވެ. އަދި މިމަހުގެ 17 ވަނަ ދުވަހު ކައުންސިލްގެ ރައީސް ކަމުގެ ހުވާ ވެސް އޭނާ ވަނީ ކުރައްވާފަ އެވެ.