ލާމަރުކަޒީ ނިޒާމު ކާމިޔާބު ކުރެވޭނީ ކައުންސިލް ތަކުން ސަރުކާރާ ގުޅިގެން މަސައްކަތްކޮށްގެން ކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން މިފަދަ އިން ވިދާޅުވެފައި ވަނީ އަލަށް މަގާމާ ހަވާލުވި ކައުންސިލްތަކުގެ މެމްބަރުން މަގާމަށް އަހުލުވެރިކުރުމަށް ހިންގާ އޮރިއެންޓޭޝަން ޕްރޮގްރާމް ފެށުމުގެގޮތުން ކުރި އަށް ދިޔަ ރަސްމިއްޔާތުގައި ޝަރަފްވެރިކޮށްދެއްވައި ވާހަކަ ފުޅުދައްކަވަމުންނެވެ.
އިމްރާންގެ ވާހަކަފުޅުގައި މި ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބަހައްޓާ އަހަންމިއްޔަތުކަން ފާހަގަކުރެއްވި އެވެ. އެގޮތުން މި ސަރުކާރު ވެރިކަމާ ހަވާލުވީ އެ ނިޒާމް ނެތިދާން ކައިރިވެފައިވަނިކޮށް ކަމަށާއި ހާއްސަ އިސްކަމެއް ދީގެން ލާމަރުކަޒީ ނިޒާމުގެ ގާނޫނަށް އަށް ވަނަ އިސްލާހު ގެނައީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ކަމަށް ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް ދެމެހެއްޓުމަށްޓަކައި ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ކައުންސިލްތަކުގެ އެއްބާރުލުން ބޭނުންވާނެ ކަމަށެވެ. މި ސަރުކާރުގެ ބޭނުމަކީ ތަރައްގީގެ މަސައްކަތްތަކުގައި ސަރުކާރާއި ކައުންސިލްތަކާއި ގުޅިގެން ރައްޔިތުންނަށް ހިދުމަތްކޮށްދޭ ކައުންސިލް ތަކެއް ބިނާކުރުން ކަމަށް އިމްރާން ވިދާޅުވި އެވެ.
"ރަށުގައި ހިމެނޭ ދައުލަތުގެ އެހެން މުއައްސަސާތަކާ ރަށުގެ އިސްވެރިންނާއި ޖަމިއްޔާ ޖަމާއަތްތަކާ ކައުންސިލްތަކާ ގުޅިގެން މަސައްކަތް ކުރުމުން މެނުވީ މި ނިޒާމުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ އެންމެ މަތިވެރި ހިދުމަތްތަކާއި ފޮނި މީރުކަން ލިބިގެންނުދާނެކަން އެއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެއް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
އެލްޖީއޭ އިން މިއަދު ފެށި މި އޮރިއެންޓޭޝަން ޕްރޮގްރާމް މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ކުރި އަށް ގެންދާން ވަނީ ހަމަޖެހިފަ އެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ވާޗުއަލްކޮށެވެ. މި ޕްރޮގްރާމްގައި ކައުންސިލްތަކުގެ ގާނޫނީ ބާރުވެރިކަމާއި ޒިންމާތަކާއި އިދާރީ މަސައްކަތްތަކާ ގުޅޭ މައުލޫމާތުތައް އަލަށް ހުވާކުރި ކައުންސިލް މެމްބަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުންނަށް އެލްޖީއޭ އިން ދޭނެ އެވެ.