ބޭރު ކުޅިވަރު

އިބްރަހިމޮވިޗް ވަރެއްނެތް. ޖެހިޖެހިގެން ނުވަވަނަ ފަހަރަށް އެވޯޑް ހޯދައިފި

އިބްރަހިމޮވިޗް ވަރެއްނެތް. ޖެހިޖެހިގެން ނުވަވަނަ ފަހަރަށް އެވޯޑް ހޯދައިފި

ސްވިޑްންގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ގައުމި ކެޕްޓަން ޒްލަޓާން އިބްރަހިމޮވިޗް 10 ވަނަ ފަހަރަށް ހޯދައިފި އެވެ.

މިއީ ފްރާންސްގެ ޕީއެސްޖީ އަށް ކުޅޭ ފޯވަޑް މިއިނާމް ޖެހިޖެހިގެން ލިބުނު ނުވަ ވަނަ ފަހަރެވެ. އޭނާ އެންމެ ފުރަތަމަ މި އެވޯޑް ހޯދީ 2005ގަ އެވެ. އެގެ ފަހުން 2007 އިން ފެށިގެން މި އަހަރާ ހަމައަށް ވެސް އެވޯޑް ހޯދަމުންއައީ އޭނާ އެވެ.

މިދިޔަ ސީޒަނުގައި 35 މެޗުން 30 ގޯލު ޖެހި އިބްރަހިމޮވިޗް އަކީ މިހާރު ޕީއެސްޖީގެ ތާރީހުގައި ވެސް އެކުލަބަށް އެންމެ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އިޓަލީގެ އެންމެ މަޝްހޫރު ތިން ކުލަބު ކަމަށްވާ އިންޓަމިލާނާއި އޭސީމިލާން އަދި ޔުވެންޓަސްގެ އިތުރުން ސްޕޭނުގެ ބާސެލޯނާ އަށް ކުޅެފައިވާ އިބްރަހިމޮވިޗަށް އިނާމް ހަވާލުކޮށްދެއްވީ ޕޯޗުގަލްގެ ކުރީގެ ކެޕްޓަން ލުއިސް ފީގޯ އެވެ.

އުމުރުން މިހާރު 34 އަހަރުގެ އިބްރަހިމޮވިޗަށް އިނާމް ލިބުނުއިރު އޭނާ ފަނީ ޔޫރޯ ކޮލިފައިން ޕްލޭއޯފްގައި ޑެންމާކާ ދެކޮޅަށް ކުޅެން ތައްޔާރުވަމުންނެވެ.

"މިއީ ބޮޑު ދެ ފައިނަލް. އަހަރުމެން ޖެހޭ ދެ މެޗުގައި ވެސް 100 ޕަސެންޓް ނެރެން. އެންމެ މެޗެއްގައެއްނޫން. ޓީމުގައި ވަރަށް ރަނގަޅު ޒުވާން ކުޅުންތެރިން ވެސް އެބަތިބި،" އިބްރަހިމޮވިޗް ބުންޏެވެ.

ޕްލޭއޯފް ދެ މެޗު ކުޅޭނީ މި މަހުގެ 13 އަދި 16ގަ އެވެ.