އިދިކޮޅު ފަރާތްތައް

ލީޑާޝިޕް ބައިބައި ކުރަން ބަޔަކު އުޅޭ: އިދިކޮޅު

ޕީޕީއެމާއި ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ކޯލިޝަންގެ ލީޑަޝިޕް ބައިބައި ކުރަން ބަޔަކު މަސައްކަތް ކުރާ ކަމަށް އެ ކޯލިޝަނުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ނޫސްބަޔާނެއް މެދުވެރިކޮށް ބުނީ އިދިކޮޅު ލީޑަޝިޕްގެ ތެރޭގައި ބައިބައިވުމެއް އޮތް ކަމަށް ދައްކައި އިދިކޮޅު ލީޑަރުގެ މަގާމުގެ ވާދަވެރިކަން އޮތް ކަމަށް ބުނެ މީޑިއާގައި ދޮގު ހަބަރު ފަތުރާ ކަމަށެވެ. އެ ބަޔާނުގައި ބުނެފައި ވަނީ އެއީ އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕް ބައިބައި ކުރަން ދުރާއި ގާތުން ކުރާ މަސައްކަތްތަކެއްގެ ތެރެއިން ބަޔަކު އުފަން ކުރުވާފައިވާ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.

އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަ ކުރައްވައި، ގައުމާއި ރައްޔިތުންނަށް ހުރިހާ ގޮތަކުން މަންފާ އާއި ކުރިއެރުން ގެނެސް ދެއްވި ހަމައެކަނި ލީޑަރު ކަމަށް އެ ކޯލިޝަނުގެ ބަޔާނުގައި ފާހަގަ ކޮށް ބުނެފައި ވަނީ އެއީ ބަހުސަކަށް ދާން ޖެހޭނެ ކަމެއް ނޫން ކަމަށެވެ.

"... މި ކޯލިޝަންގެ ލީޑާޝިޕާއި ކައުންސިލާއި ހުރިހާ ގުނަވަނަކުން ވެސް އަދި ދިވެހި ރައްޔިތުން ވެސް އިދިކޮޅު ލީޑަރާމެދު ސުވާލު އުފައްދާފައި ނުވާއިރު އެފަދަ ގޮތަށް ހެޑްލައިން ހަދާ ޓީވީ ޕްރޮގްރާމްތަކުން ރިޕޯޓް ހަދަމުން ގެންދަނީ މި ކޯލިޝަނާއި މިކޯލިޝަންގެ ލީޑާޝިޕާއި މެދު ދިވެހި ރައްޔިތުންގެ މެދުގައި ފިތުނައާއި ނަފްރަތު އުފައްދާ މިކޯލިޝަންގެ ލީޑާޝިޕާއި ކޯލިޝަން ބައިބައި ކުރުމުގެ ބޭނުމުގަ އެވެ." އިދިކޮޅުގެ ނޫސްބަޔާނުގައި ވެއެވެ.

އިދިކޮޅު ކޯލިޝަނުން އެންމެ އިސްކަމެއް ދީގެން ކުރާ މަސައްކަތަކީ ރައީސް ޔާމީން މިނިވަންކޮށް ރާއްޖޭގެ ރައީސް ކަމުގެ މަގާމަށް އަނބުރާ ގެނައުން ކަމަށް ވެސް ބުނެފައި ވެއެވެ.