މިފްކޯ

މަސްވެރިން ހިތްވަރާއެކު މަހަށް، މަސްވެރިކަން ވަރަށް ރަނގަޅު

May 25, 2021

ކޮވިޑް-19 ގެ ބަލި ރާއްޖޭން ފެނުމާއެކު ޓޫރިޒަމް ހުއްޓުނު ހަތަރު މަހު ރާއްޖޭގެ އިކޮނޮމީ ހިފަހައްޓާ ދިނީ މަސްވެރިންނެވެ. މިހާރުވެސް މަސްވެރިން ތިބީ ހަމަ އެގޮތުގަ އެވެ. ކޮވިޑް-19ގެ "އާރާޅެއް" އުފެދި އެތައް ބަޔަކަށް މި ބަލި ޖެހެމުން ދިޔަ ނަމަވެސް މަސްވެރިން ހިތްވަރު އެލުވާނުލައި މިވަނީ މަހަށް ނުކުމެފަ އެވެ. މަސްވެރިން މަހަށް ނުކުމުން މި ދުވަސްވަރު އާދަޔާ ހިލާފަށް އަނެއްކާ މަސްވެރިކަން ވެސް މިވަނީ ރަނގަޅު ވެފަ އެވެ.

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ ރޯދައިގެ ކުރީގައި މަސްވެރިކަން ރަނގަޅުވި ކަމަށާ، އަދި ރޯދަ މަސް ނިމި މަސްވެރިން މަހަށް ނުކުންތްއިރު އެ މަސްވެރިކަމާ ލައްލާފައިވާ ކަމަށެވެ.

"ދެކުނުގައި ވަރަށް ބޮޑަށް މަަސްވެރިކަން ރަނގަޅު. ބުރާސްފަތި ދުވަހު ވެސް 450 ޓަނުގެ މަސް ކިރުވި. އިއްޔެ [ހޯމަ ދުވަހު] ވެސް 64 ދޯނިން 300 ޓަނުގެ މަސް ގަތް. މިއަދު ވެސް މަސްވެރިކަން ވަރަށް ރަނގަޅު،" އިސްމާއިލް ވިދާޅުވި އެވެ.

މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެފައިވާއިރު ސަރުކާރުގައި ކެޕެސިޓީ ނެތިގެން މަސް ނުކިރުމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. ރޯދަ މަސް ފެށިގެން އައިއިރު އަދި ރޯދަ މަހުގެ ތެރޭގައި ވެސް މި މައްސަލަ ދިމާވެފައިވެ އެވެ. އަދި މަސްވެރިންނަށް އައިސް ނުލިބުމުގެ ޝަކުވާވެސް ބޮޑުވި އެވެ.

މިފްކޯގެ އެމްޑީ އިސްމާއިލް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ބައެއް ރަށްތައް ލޮކްޑައުންވެފައިވާތީ އެ ރަށްރަށުގައި އެ ކުންފުނީގެ ބައެއް ބޯޓު ތަކުގެ މުވައްޒަފުން އެބަތިބި ކަމަށެވެ. ނަމަވެސް ބާކީތިބި ބޯޓުތައް މަސް ގަތުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

"ކަލަމިންޖާ ބޯޓު ވެސް އެކި ސަރަހައްދުތަކުން މަސް ގަތުމުގެ މަސައްކަތް ކުރުމަަށް މިވަނީ ފޮނުވާފަ. އިއްޔެ އެ ބޯޓު އޮތީ ތިނަދޫ ބަނދަރުގައި،" އިސްމާއިލް ވިދާޅުވި އެވެ.

ކޮވިޑް-19ގެ ބަލި މިފްކޯގެ ބައެއް ފެކްޓްރީތަކުގައި ފެތުރި ބައެއް ތަންތަނުގެ އޮޕަރޭޝަނަށް ރޯދަ މަހު ތެރޭގައި ބުރޫ ވެސް އެރި އެވެ. އެެއް ތަނަކީ ފެލިވަރު ކާރުހާނާ އެވެ. ނަމަވެސް މިހާރު އެ ބަލިން ސަލާމަތްވެފައިވާ ކަމަށް އިސްމާއިލް ވިދާޅުވި އެވެ. އަދި އެ ކުންފުނީގެ މުވައްޒަފުންގެ ބޮޑު ބަޔަކަށް ވެކްސިން ޖަހައި، ފެލިވަރުގެ ގިނަ ބަޔަކު ދެވަނަ ޑޯޒް ވެސް ވަނީ ފުރިހަމަކޮށްފަ އެވެ.