އެމްއެމްޕީއާރުސީގެ ހިޔާނާތް

އެމްއެމްޕީއާރުސީގެ ދެވަނަ ލިސްޓެއް 2024 ގައި ނިކުންނާނެ: އާދަމް ޝަރީފް

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ ދެވަނަ ލިސްޓެއް 2024 ވަނަ އަހަރު ނުކުންނާނެ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ހާލަތު ގޯސްވެފައިވާތީ އެކަމަށް އަވަސް ފިޔަވަޅު އެޅުމަށް އެދި ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިއަދު ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރި ބަހުސްގައި އާދަމް ޝަރީފް ވިދާުޅުވީ ކޮވިޑްގެ މިފަދަ ނާޒުކު ހާލަތުގައިވެސް ފެންނަނީ ސަރުކާރުން ވައްކަން ކުުރަމުންދާތަން ކަމަށެވެ. އެގޮތުން ކޮވިޑާ ގުޅިގެން ވެންޓިލޭޓަރުތަކާއި އޮކްސިޖަން ސިލިންޑަރު ގެނައުމުގައި ވި ހިޔާނާތްތައް އޭނާ ފާހަަގަ ކުރެއްވި އެވެ.

މިފަހަކަށް އައިސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ވާހަކަވެސް ދައްކަނީ އެ ވައްކަންތައް ފޮރުވަންކަމަށް އާދަމް ޝަރީފް ތުހުމަތު ކުރެއްވި އެވެ. ނަމަަވެސް ބޮޑު ހިޔާނާތްވެސް ތަހުގީގު ކުރުމުގައި އިހުލާސްތެރިކަމެއް ނެތް ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލްވާ ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ލިސްޓެއް އެސެޓް ރިކަވަރީ ކޮމިޝަނުން އެކުލަވާލައި މަޖިލީހަށް ފޮނުވުން އެ ލިސްޓު މަޖިލީހުން ފަހުން ވަނީ އާންމުވެސް ކޮށްފަ އެވެ. އެ ލިސްޓުގައި ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްވާ މިހާރުގެ ގިނަ މަޖިލިސް މެމްބަރުންވެސް ހިމެނިލައްވަ އެވެ. ނަމަވެސް އެ މެމްބަރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގައި ޖެހިފައިނުވާނެ ކަމަށް ދަނީ ވިދާޅުވަމުން ނެވެ.

އާދަމް ޝަރީފް މިއަދު ވިދާޅުވީ 2024 ވަނަ އަހަރު އެމްއެމްޕީއާރުސީގެ މުޅިން އާ ދެވަނަ ލިސްޓެއް ނުކުންނާނެ ކަމަށެވެ.

"އެ ލިސްޓުގައި 19 މިލިއަން ރުފިޔާ އަހުމަދު އަދީބުގެ ގެއިން ބަލައި ދިޔަ ފަރާތާއި އެތަނުގައި ތިބި އޭރުގެ ސަރުކާރުގެ ދެ ވަޒީރުންނާއި މަޖިލިސް މެމްބަރުން ވެސް ތިއްބަވާނެ. އެ ބޭފުޅުން އަދި އެ ވާހަކަފުޅުތައް ދައްކަވާނެ،. 24 ގަ މި ލިސްޓު ނުކުމެގެން ސައްހަ ގޮތެއްގައި މަސައްކަތް ކޮށްގެން ނޫނިއްޔާ އިންސާފު ވެސް މި ގައުމުގައި ލިބޭނެ ކަމަކަށް އަޅުގަނޑުމެންނަކަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑު ތަކުރާރުކޮށް ދަންނަވާލަން ބޭނުން އިންސާފު ހޯދައިދިނުމަށްޓަކައި ސަރުކާރުން މިހާރަށްވުރެ ބޮޑަށް މަސައްކަތް އެބަ ކުރަން އެބަޖެހޭ" ޝަރީފް ވިދާަޅުވި އެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ ކޮވިޑްގައި މިހާރު އޮތް ހާލަތުން ގައުމު އަރައިގަތުމަށް މިހާރު އޮތް ސަރުކާރަށްވުރެ ހަރުދަނާ ސަރުކާރެއް ގާއިމްކުރަން ޖެހޭ ކަމަށެވެ.