އޮންލައިންކޮށް ކިޔެވުމަށް ބޭނުންވާ މޯބައިލް ޑޭޓާ ފޯރުކޮށްދޭއިރު މިފަހަރު ހަމައެކަނި ދިރާގުގެ ނަންބަރުތަކަށް ޑޭޓާ ދޭން ނިންމާފައިވާތީ ބެލެނިވެރިންނާއި ޓީޗަރުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ސުކޫލުތައް ބަންދުކޮށް އޮންލައިންކޮށް ކިޔަވައިދޭތީ އެކަމަށް އެހީތެރިވުމުގެ ގޮތުން 5ޖީބީގެ މޯބައިލް ޑޭޓާ ދޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ކުރިން ބުނެފައިވެ އެވެ. އަދި ދިރާގާއި އުރީދޫގެ އެހީތެެރިކަމުގައި އެގޮތަށް ޑޭޓާ ފޯރުކޮށްދެމުން ދިޔަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މި މަހުގެ 21 ވަނަ ދުވަހު ސުކޫލުތަކަށް ފޮނުވާފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ އޮންލައިންކޮށް ކިޔެވުމަށް މިވަގުތު ބޭނުންވާ މޯބައިލް ޑޭޓާ ދިރާގު މެދުވެރިކޮށް ލިބިފައިވާ ކަމަށާއި ޑޭޓާ ދިނުމުގައި އަމަލުކުރާނެ އުސޫލެއް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން ޑޭޓާ ބޭނުންވާ ފަރާތްތަކުން ދިރާގުގެ މޯބައިލް ނަންބަރެއް ސުކޫލާ ހިއްސާކުުރުމަށް ވަނީ އެދިފަ އެވެ.
ނަމަވެސް ހަމައެކަނި ދިރާގު ނަންބަރު ގެންގުޅޭ ބެލެނިވެރިންނަށް ޑޭޓާ ދޭން ނިންމުމުން އެތައް ބެލެނިވެރިންނެއް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބައެއް ސުކޫލުތަކުގެ އިސްވެރިން ވިދާޅުވީ އެޑިޔުކޭޝަންގެ ސާކިއުލާ ހިއްސާ ކުުރުމުން ބެލެނިވެރިން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
"މިރަށުގެ ގިނަ ބެލެނިވެރިން މި ގެންގުޅެނީ އުރީދޫ ނަންބަރުތައް. އެހެންވީމަ އެޑިޔުކޭޝަންގެ މިފަހަރުގެ ނިންމުމުގެ ސަބަބުން އެ ބެލެނިވެރިންނަށް ޑޭޓާ ލިބޭނެ ގޮތެއް ނެތް. ދެން މި ޖެހެނީ އަމިއްލަ ހަރަދުގައި އެކަން ކުރަން. މިއީ ވާނޭ ވަރު ކަމެއް ނޫން،" މޮނިޓަރިންގައި އޮތުމުން އޮންލައިންކޮށް ކިޔަވައިދެމުންދަ މެދު އަތޮޅެއްގެ ރަށެއްގެ ބެލެނިވެރިޔަކު ބުންޏެވެ.
އެޑިޔުކޭޝަނުން ބުނީ ދެމެހެއްޓެނިވި ގޮތަކަށް މި ހިދުމަތް ހިލޭ ފޯރުކޮށް ދިނުމަކީ ހިދުމަތްދޭ ކުންފުނިތަކަށް ގޮންޖެހުން ބޮޑު ކަމެއް ކަމަށެވެ. އަދި އެ ކަމަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެކަމަކީ ފަންނީ ގޮންޖެހުން ބޮޑު، އެކަށީގެންވާ މުއްދަތެއް ނަގާ ކަމަށްވާތީ ވަސީލަތްތައް ގާއިމުކުރަން ނަގާ މުއްދަތުގައިވެސް މޯބައިލް ޑޭޓާ ފޯރުކޮށް ދިނުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ބައެއް ބެލެނިވެރިން ބުނީ އެތައް ބައެއްގެ ވަޒީފާ ގެއްލި އާމްދަނީ ހުއްޓިފައިވާ މިފަދަ ވަަގުތެއްގައި ބެލެނިވެރިޔަކު ނުވަތަ ދަރިވަރަކު ކޮންމެ ނެޓްވޯކެއް ގެންގުޅުނު ނަމަވެސް ޑޭޓާ ލިބޭނެ ގޮތެއް އެޑިޔުކޭޝަން މިނިސްޓްރީން ހަމަޖައްސަން ޖެހޭނެ ކަމަށެވެ. އަދި އެކަން ނުކުރެވުމަކީ އެ މިނިސްޓްރީގެ ފެއިލްވުމެއް ކަމަށެވެ.
ކޮވިޑްގެ ހާލަތު ގޯސްވެ މާލެ ސަަރަހައްދުގައި އަދި ވަރަށް ގިނަ ރަށްރަށުގައިވެސް ކިޔަވައިދިނުން ވަނީ އޮންލައިންކޮށްފަ އެވެ. އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްްކާ ގޮތުން މިވަގުތުވެސް 74 ރަށެއް އޮތީ މޮނިޓަރިންގަ އެވެ. ބައެއް ރަށްރަށުގައި ކޮވިޑް ކޭސްތައް ގިނަވެ ކާފިއުވެސް ދަނީ ހިންގަމުންނެވެ.
މި ހާލަތުގައި ބެލެނިވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތަކަށް އަދި ސުވާލުތަކަށް އެޑިޔުކޭޝަން މިނިސްޓްރީގެ ވެރިން ޖަވާބުދާރީނުވާތީ އެތައް ބައެއްގެ ފާޑުކިޔުމާއި ނުރުހުން މިނިސްޓަރާއި އެޑިއުކޭޝަންގެ ވެރިންނަށް ވަނީ އަމާޒުވެފަ އެވެ. މި ސަރުކާރުގައި އެންމެ ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވާ އެއް މިނިސްޓްރީ އަކީ އެޑިޔުކޭޝަން މިނިސްޓްރީ އެވެ.