ކޮވިޑް-19 އަށް ޕޮޒިޓިވްވެ އިތުރު ފަރުވާއަށް ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންދިޔަ އުމުރުން ދުވަސްވީ މީހަކަށް ވީނުވީއެެއް ނޭންގި ގެއްލުނު މައްސަލާގައި އެހެން ދިމާވީ އެމީހާ އެހެން ވޯޑަކަށް ބަދަލުކޮށްފައި އޮތުމުން ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ވިދާޅުވިއެވެ.
އުމުރުން 90 އަހަރުގެ ދިވެހި ފިރިހެނަކު ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ގެންދިޔަ ފަހުން ގެއްލިފައިވާތީ އެކަމުގެ ކަންބޮޑުވުން އެ އާއިލާއިން ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ. އެ އާއިލާއިން ބުނީ އެމީހާއާ ބެހޭ މައުލޫމާތު ހޯދުމަށް އެޗްޕީއޭގެ ނަންބަރު 3022221 ނަންބަރާ ގުޅުމުން އެއްވެސް މައުލޫމާތެއް ލިބިފައިނުވާ ކަމަށެވެ.
މަބުރޫކް ވިދާޅުވީ ބަލި މީހާ އޮތީ އިތުރު ފަރުވާއަށް އެހެން ވޯޑަކަށް ބަދަލުކޮށްފައި ކަމަށެވެ. އަދި އެކަން މިހާރު މެޑިކަލް ފެސިލިޓީން އާއިލާއަށް އަންގާފައިވާ ކަމަށެވެ. މަބުރޫކް ވަނީ އެެހެން ދިމާވުމުން މައާފަށްވެސް އެދިވަޑައިގެންފައެވެ.
މެޑިކަލް ފެސިލިޓީއާ ގުޅޭ ގިނަ ޝަކުވާތަކެއް ފެންމަތިވެފައިވާއިރު އެތައް ބައެއްގެ ކަންބޮޑުވުންތައް އެ ފެސިލިޓީގެ އިންތިޒާމްތަކާ ދޭތެރޭ އެބައޮތެވެ.
ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ނަރުހުން ތިބެންޖެހޭ ސްޓޭންޑެޑް އަދަދަށް ނަރުހުން ނެތް ކަމަށް އެ ފެސިލިޓީ ބެލެހެއްޓުމުގައި އިސްކޮށް ހުންނެވި ހުޅުމާލެ ހޮސްޕިޓަލްގެ ސީއީއޯ މާރިޔާ ސައީދު އިއްޔެ ވަނީ ވިދާޅުވެފައެވެ. މާރިޔާ ވިދާޅުވީ މެޑިކަލް ފެސިލިޓީގައި 274 އެނދު ހުރިއިރު ބަލި މީހުންނާއެކު ފެސިލިޓީ ފުރިފައިވާ ކަމަށެވެ. ބަލި މީހުންގެ އަދަދު އިތުރުވުމާއި ގުޅިގެން މިވަގުތު އެ ފެސިލިޓީގައި ސްޓޭންޑެޑް އަދަދަށް ނަރުހުން ނެތް ކަމަށް ކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.
ފެސިލިޓީގައި ހުރި 274 އެނދުގެ ތެރޭގައި ޑައިލިސިސް މެޝިނާ އެކު ތައްޔާރުކޮށްފައިވާ ތިން އެނދުވެސް ހިމެނެ އެވެ. އެތަނުގަައި 34 ޑޮކްޓަރުން މަސައްކަތް ކުރަމުންދާއިރު 116 ނަރުހުން ދަނީ މަސައްކަތް ކުރަމުންނެވެ.
"ސްޓޭންޑެޑް ވަރަކަށް ވުރެ މަދުން ނަރުހުން މިތިބީ. ނަމަވެސް ކްރިޓިކަލް ފަރުވާ ދޭންޖެހޭ މީހުންނަށް ހާއްސަ އިސްކަމެއް ދެން،" މާރިޔާ ވިދާޅުވިއެވެ.
މާރިޔާ ވިދާޅުވީ ބަލީގެ ހާލަތުން އެޓެންޑް ކުރަން ޖެހޭ ކޮންމެ ބަލި މީހަކަށްވެސް ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓަމުން ގެންދާ ކަމަށެވެ. އަދި ރާއްޖޭގައި ތިބި ސްޕެޝަނަލިސްޓުން ބަލި މީހުންނަށް ފަރުވާ ދިނުމަށް ގަވާއިދުން ޒިޔާރަތް ކުރަމުންދާ ކަމަށެވެ.