އެމްޑީޕީ

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ސެޕްޓެންބަރު 25 ގައި

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބު ސެޕްޓެންބަރު މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެ ޕާޓީން ބުނީ ފަސްކޮށްފައިވާ "ދާއިރާތަކުގެ އިންތިޚާބު 2021" ގެ ވޯޓުލުން ހަމަޖެހިފައިވާ ތާރީހަކީ 25 ސެޕްޓެމްބަރ 2021 ވާ ހޮނިހިރު ދުވަސް ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.

މި އިންތިހާބުގައި ވާދަކުރެވޭނީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން މެއި 8، 2021 ވީ ހޮނިހިރު ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ މެންބަރުންނަށެވެ. ޝަރުތު ހަމަވާ ކެންޑިޑޭޓުން ދެނެގަތުމަށްފަހު ކެންޑިޑޭޓުންގެ ލިސްޓް އިއުލާނު ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފަސްކުރީ ރައީސް މުހައްމަދު ނަޝީދުގެ ފުރާނަ ދުއްވާލުމަށް ދިން ހަމަލާއާއި ގުޅިގެން އެމަނިކުފާނަށް ފަރުވާދެމުން ގެންދާ ވަގުތެއްގައި އިންތިހާބު ބޭއްވުމަކީ ރަނގަޅު ކަމެއް ކަމުގައި ނުފެންނާތީ ކަމަށް އެ ޕާޓީން ބުންޏެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ޕްރޮވިންސްތަކާއި ސިޓީތަކާއި ދާއިރާތަކަށް 455 ބޭފުޅުން އިންތިހާބު ކުރުމަށް ހަމަޖައްސާފައިވެ އެވެ.