ދުނިޔެ

ޓްރަމްޕް އަލުން އެމެރިކާގެ ރައީސް ކަމަށް

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ދެވަނަ ދައުރެއް ލިބިވަޑައިގެންނެވޭ ގޮތެއް ނުވި އެވެ. އޭނާ އަށް އިންތިހާބު ގެއްލިވަޑައިގަތީ އެމެރިކާގައި 2020 ގައި އޮތް ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓިކް ޕާޓީން ކުރިމަތިލެއްވި ކެންޑިޑޭޓް ޖޯ ބައިޑަންއާ ވާދަކުރައްވައިގެންނެވެ. އެހެނެއް ކަމަކު ދެވަނަ ދައުރެއް ކާމިޔާބުކުރައްވައި އެމެރިކާގެ ރައީސް ކަމަށް އަލުން ވަޑައިގަންނަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން އަދިވެސް ގެންދަވަނީ ތަކުރާރު ކުރައްވަމުންނެވެ.

ޓްރަމްޕް މީޑިއާއަށް ވިދާޅުވި ގޮތުން އެމެރިކާގައި 2024 ގައި އޮންނަ ރިޔާސީ އިންތިހާބަށް އެމަނިކުފާނު ނިކުމެ ވަޑައިގަންނަވާނެ އެވެ. މީޑިއާއަށް މިވަގުތު ހުރިހާ ތަފްސީލެއް ދެއްވަން ބޭނުންފުޅު ނުވާ ކަމަށް ވިދާޅުވެ ވިދާޅުވީ އެމަނިކުފާނު ހުންނެވީ އެކަމުގައި ވަރަށް ސީރިއަސްވެ ވަޑައިގެން ކަމަށެވެ.

"އަޅުގަނޑުގެ އަތުގައި އެބަހުރި ތިޔަ ބޭފުޅުން އުފާވާނެ ކިތަންމެ ވާހަކައެއް،" ޓްރަމްޕް ވިދާޅުވި އެވެ.

"އެކަމަކު މިވަގުތު ދަންނަވާނީ އަދި ކުރައްވާނީ މިވަގުތަށް އެކަށީގެންވާ މަސައްކަތް"

ޓްރަމްޕް ވިދާޅުވީ ގައުމަށްޓަކައި މުހިއްމު މަސައްކަތްތަކެއް ކުރެވުނު ކަމަށާއި ޒައާމަތުގައި އެނމެ ބޮޑަށް ކުރިއަރައިގެން ދިޔައީ އަސްކަރިއްޔާ ކަމަށެވެ. އެމެރިކާގެ އިގުތިސޯދަށް ވެސް ހެޔޮ ބަދަލުތަކެއް ގެނެވުނު ކަމަށް ވިދާޅުވި އެވެ.

ޓްރަމްޕްގެ ޒައާމަތުގައި ކޮވިޑް ކޮންޓްރޯލްކުރަން ކާމިޔާބު މަސައްކަތްތަކެއް ކުރެއްވުނު ކަމަށް ވިދާޅުވެ ވިދާޅުވީ އެންމެ ރަނގަޅަށް ކުރެވުނު ކަމަކީ ޑރ. އެންތަނީ ފައުޗީއާ ދެކޮޅަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ. އަދި ވިދާޅުވީ ފައުޗީ ވިދާޅުވި ގޮތް ނޫން ގޮތްތަކެއް އިޚުތިޔާރުކުރެއްވުމަކީ ހަމަ ނަސީބު ކަމަށެވެ.

ޓްރަމްޕަށް ވަފާތެރި ސަޕޯޓަރުން މިއަހަރު ޖެނުއަރީ ހައެއްގައި ކެޕިޓަލްއަށް ވަދެގަނެ ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެމަނިކުފާނު އިމްޕީޗްކުރި އެވެ. ޑިމޮކްރެޓުން ބުނީ ހައުސްއަށް ވަދެގަތުމަށް ސަޕޯޓަރުންނަށް ހިތްވަރުދެއްވީ ޓްރަމްޕް ކަމަށާއި އެއީ ގާނޫނީ ދައުލަތެއް ބަލިކަށިކޮށްލަން ދިން ހަމަލާއެއް ކަމަށެވެ.

ޓްރަމްޕް އަޒުލުކޮށް ކުށްވެރިވޭތޯ ބެލުމަށް ގާނޫނު ހަދާ މަޖިލީހުގައި ޑިމޮކްރޭޓުން ކުރި މަސައްކަތްތައް ކާމިޔާބު ނުވެ ރިޕަބްލިކަނުންނާ ހެދި ވަނީ ފެއިލްވެފަ އެވެ. ޓްރަމްޕްއަކީ ވަރަށް ނުފޫޒުގަދަ ރިޕަބްލިކަނެކެވެ.