އަމާނާ ތަކަފުލް މޯލްޑިވްސް އަށް މިދިޔަ އަހަރު ލިބުނު ފައިދާގެ 15 ޕަސެންޓް ބަހަށް ބޯޑުން ފާސްކޮށްފި އެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް އިސްލާމީ އިންޝުއަރަންސްގެ ހިދުމަތް ދެމުން ގެންދާ ކުންފުނި ކަމަށްވާ އަމާނާ ތަކަފުލް މޯލްޑިވްސް އިން އޮންލައިކޮށް ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ވަނީ މިދިޔަ އަހަރު އެ ކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާދާރުންނަށް ބޮޑު އަދަދެއް ބަހަން ނިންމާފަ އެވެ.
އެ ކުންފުނީގެ ފައިދާ ބަހަން ނިންމާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިންޓެރިމް ފައިދާގެ ގޮތުގައި ދޫކުރި 7.5 ޕަސެންޓް ހިމެނޭ ގޮތަށް ޖުމްލަ 15 ޕަސެންޓެވެ. މިއީ މިދިޔަ އަހަރު ބަހަން ނިންމި 12 ޕަސެންޓާ އަޅާ ބަލާއިރު ބޮޑު އިތުރު ވުމެކެވެ.
އަމާނާތަކާފުލްގެ އާމްދަނީ އަދި ވިޔަފާރީގެ ފައިދާ އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. މިދިޔަ އަހަރުގެ ވިޔަފާރީގެ ފައިދާ އިން ނަގާ ޓެކްސް ކެނޑުމުގެ ކުރިން 23 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކުންފުނީގެ ޖުމްލަ އާމްދަނީގެ (ގްރޮސް ރިޓްން ޕްރީމިޔަމް) ގޮތުގައި ފާއިތުވި އަހަރު 127 މިލިއަން ދިވެހި ރުފިޔާ ލިބިފައިވެ އެވެ. މިއީ 2019 ވަނަ އަހަރަށް ބަލާއިރު ހަތް ޕަސެންޓް ދަށް މިންވަރެއް ކަމުގައި ވިޔަސް، ދުނިޔެ އަށް ދިމާވެފައިވާ އިގްތިސާދީ ހީނަރުކަމަށް ބަލާއިރު ރަނގަޅު ކުރިއެރުމެކެވެ.
މިދިޔަ އަހަރު ބަދަލަށް 37 މިލިއަން ރުފިޔާ ދޫކުރި
އެ ކުންފުނިން އިންޝުއަރަންސް ބަދަލުގެ ގޮތުގައި 37 މިލިއަން ރުފިޔާ މިދިޔަ އަހަރު ދީފައިވެ އެވެ.
އެ ކުންފުނިން ބޭއްވި އޭޖީއެމްގައި ކުންފުނީގެ ޗެއާމަން ތައްޔިބު އަކުބަރު އަލީ ވިދާޅުވީ ޓޫރިޒަމް ދާއިރާ ވަރަށް ބޮޑަށް ބަރޯސާވެފައިތީ ރާއްޖޭގެ އެކި ސިނާއަތްތަކަށް ވަނީ ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ހުރަސްތަކާއެކު ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި ދުނިޔެ އަށް ދިމާވެފައިވާ ހާލަތުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކާއެކު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއެކު މި ފަހަރު ވެސް އަމާނާތަކާފުލް މޯލްޑިވްސް އިން ވަނީ މާލީގޮތުން އެކަށޭނެ ނަތީޖާއެއް ހާސިލްވެފައިވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ ކުންފުނީގެ ޖުމްލަ އާމްދަނީ ދަށްވި ނަމަވެސް ކުންފުނީގެ ޕީބީޓީ 60 ޕަސެންޓުގެ ކުރިއެރުމަކާއެކު 19.96 މިލިއަނަށް ރުފިޔާ އަށް އަރާފައިވާ ކަމަށެވެ. އަދި ކުންފުނީގެ އަމާޒަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްދާ އިންޝުއަރަންސް ކުންފުންޏެއް ގޮތުގައި އޮވެ ކުންފުޏާ ގުޅުންހުރި ހުރިހާ ސްޓޭކްހޯލްޑަރުންގެ އުއްމީދުތައް ހާސިލް ކޮށް ދިނުން ކަމަށް ވިދާޅުވި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާން ވިދާޅުވީ ކުންފުނިން ގެންގުޅޭ ކަންކަން ތަޖުރިބާކުރުމުގެ ހަމަތަކުގެ ތެރެއިން މާކެޓަށް އަންނަ ބަދަލުތަކަށް ޖަވާބުދާރީ ވެވޭނެ އިސްތިރާޖީ ތަކެއް އެ ކުންފުނިން ވަނީ ބިނާކޮށްފަ އެވެ. މިކަމުގެ ސަބަބުން އެ ކުންފުނީގެ ވިޔަފާރި ފައިދާ ކުރިއަރާ ހިއްސާދާރުންނާ އަދިވެސް ކުންފުންޏާ ގުޅުންހުރި އެކިއެކި ފަރާތްތަކުގެ އުއްމީދުތަކަށް އިތުރު ތާޒާކަމެއް ގެނެސް ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި އޭޖީއެމްގައި އަމަނާތަކަފުލްގެ ބޯޑަށް މިނިވަން ދެ މެންބަރުން އައްޔަން ކޮށްފައިވެ އެވެ. އަލަށް ކުންފުނީގެ ބޯޑަށް އައްޔަންކުރައްވާފައިވަނީ އަހްމަދު އަލާއު އަލީ އާއި އަހްމަދު އިނާޒް އެވެ. އަމާނާ ތަކަފުލްއަކީ ރާއްޖޭގައި ފުލީފްލެޖު އިސްލާމީ އިންޝުއަރަންސް ހިދުމަތްދޭ ހަމައެކަނި ކުންފުންޏެކެވެ.