ސިފައިން ސީދާ ތިން ސެޓުން ބަލިކޮށް ގައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި އެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓް ޕޮލިސް ކާމިޔާބު ކުރީ ސިފައިންނަށް ފުރަތަމަ ސެޓުގައި 18 އަދި ދެ ވަނަ ސެޓުގައި 21 ޕޮއިންޓް ދީފަ އެވެ. ފަހު ސެޓް ޕޮލިސް ކާމިޔާބު ކުރީ 25-27 އިންނެވެ.
މި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީ މޯލްޑިވިއަންގެ އިސްމާއީލް ސާޖިދު (ކުޑަކާއްޓޭ) އެވެ. އެންމެ މޮޅު ސެޓަރަކީ ޕޮލިހުގެ އިޝާން މުހައްމަދު (ބަޓިސް) އެވެ. އެންމެ މޮޅު މިޑްލް ބްލޮކަރަކީ ޕޮލިހުގެ މުހައްމަދު އަހުސަން އެވެ. ދެ ވަނަ ކުޅުންތެރިއަކީ ޕޮލިހުގެ ހުސައިން ސައީދު (ސެންޑީ) އެވެ. އެންމެ މޮޅު އައުޓް ސައިޑް އެޓޭކަރަކީ ޕޮލިހުގެ މުހައްމަދު ޝާއިންނެވެ. ދެ ވަނަ ކުޅުންތެރިއަކީ ސިފައިންގެ އަހުމަދު އަބުދުލްކަރީމް (ލޯންގޭ) އެވެ. އެންމެ މޮޅު ލިބަރޯ އަކީ ޕޮލިހުގެ އަހުމަދު ނަބީލެވެ. އެންމެ މޮޅު އޮޕޮޒިޓް ކުޅުންތެރިއަކީ ނަވާރަ އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއާގެ މަގާމު ވެސް ހޯދި ޕޮލިހުގެ ހަސަން ނިލާމެވެ. ފެއާޕްލޭ ކުޅުންތެރިއަކީ ސިފައިންގެ ޓީމުގެ އަލި ހުޒާމެވެ. އެކާވީސް އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ މޯލްޑިވިއަންގެ އާދަމް ފައިރޫޒެވެ. އެންމެ މޮޅު ކޯޗަކީ ޕޮލިހުގެ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އެވެ.
މި މުބާރާތުގެ ގަދަ ތިން ޓީމު ކަމަށްވާ ޗެމްޕިއަން ޕޮލިހާއި ދެ ވަނަ މޯލްޑިވިއަން އަދި ތިން ވަނަ ސިފައިން ކޮލިފައިވެފައިވަނީ އަންނަ ހޮނިހިރު ދުވަހު ފަށާ ގައުމީ ވޮލީ ބޯޅަ މުބާރާތަށެވެ. މިތިން ޓީމު ލީގު އުސޫލުން ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށްދާނެ އެވެ. ފައިނަލުގެ ފަހު ޖާގަ ލިބޭނީ ދެ ވަނަ ޓީމާއި ތިން ވަނަ ޓީމު ކުޅެގެން މޮޅުވާ ޓީމަކަށެވެ. ގައުމީ ފައިނަލް ކުޅޭނީ ޑިސެމްބަރު 10ގަ އެވެ.
މެޗަށް ފަހު ސިފައިންގެ ކޯޗު އިބްރާހީމް ރަޝީދު (ސަތޯ) ބުނީ ޕޮލިސް ޓީމުގެ އިންޑިޔާ ކުޅުންތެރިޔާގެ ސަބަބުން މެޗު އެނބުރިގެންދިޔައީ ކަމަށާއި ކުރިއަށް އޮތް ގައުމީ މުބާރާތުގައި ސިފައިން ދިވެހި ކުޅުންތެރިންނަށް ބަރޯސާ ނުވާނެ ކަމަށެވެ.
ޕޮލިސް ޓީމުގެ ކޯޗު ކާއްޓޭ ބުނީ މިއީ މުޅި ޓީމުގެ ކާމިޔާބީއެއް ކަމަށާއި ގައުމި މުބާރާތަށް ޓީމު ކުރިމަތިލާނީ މިހާރަށްވުރެ ފޯރީގައި ކަމަށެވެ.