ބޮލީވުޑް

ދޮންމާމަ ހެމާ މާލިނީ އަށް ކަރަން ޑެއޯލް ތައުރީފުކޮށްފި

ދޮންމާމަ ހެމާ މާލިނީ އަށް ތައުރީފުކޮށް ކަރަން ޑެއޯލް ވާހަކަ ދައްކައިފި އެވެ.

ކަރަން އަކީ ދަރުމެންދުރަ އާއި ޕްރަކާޝް އަށް ލިބިފައިވާ ފަސް ދަރިންގެ ތެރެއިން ދޮށީ ދަރި އަދި އެކްޓަރު ސަނީ ޑެއޯލްގެ ދޮށީ ފިރިހެން ދަރި އެވެ.

ކަރަން ބުނި ގޮތުގައި ދޮންމާމަގެ ދެ ތިން ފިލްމެއް އޭނާ ބެލި އެވެ. އެ ފިލްމުތަކުން ހެމާއަކީ ވިސްނުން ތޫނު މޮޅު ބަތަލާއެއްކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ. އަދި ހެމާގެ ބޮލިވުޑް ކެރިއަރު ވަރަށް ފުރިހަމަ ކަމަށް ވެސް ކަރަން ބުންޏެވެ.

އިންޑިއާ ނޫހަކަށް ދިން އިންޓަވިއު އެއްގައި ކަރަން ބުނީ ކެރިއަރު ފެށުނީއްސުރެ ނިމުމާ ހަމައަށް ވެސް ހެމާ ވަރަށް ރަނގަޅަށް މަސައްކަތްކުރި ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އަދި ވަރަށް ގަދަރުވެރި ކާމިޔާބު މަސައްކަތްތަކެއް ހެމާ ކޮށްފައިވާ ކަމަށް ކަރަން ގަބޫލު ކުރެ އެވެ.

ހެމާ ބޮލިވުޑް ކެރިއަރު ފެށީ 1968ގައި ރިލިޒްކުރި "ސަޕްނޯން ކާ ސައުދާގަރް" އިންނެވެ. އޭގެ ފަހުން "ޑްރީމް ގާލް"، "ސީތާ އައުރް ގީތާ"، "ޝޯލޭ"، "ތުރިޝުލް" އަދި "ސައްތޭ ޕޭ ސައްތާ" ފަދަ ބްލޮކްބަސްޓާ ފިލްމުތައް ކުޅެފައިވެ އެވެ.

ކަރަން ވެސް ވަނީ 2019 ގައި ބޮލީވުޑަށް ނުކުމެފަ އެވެ. ނަމަވެސް އޭނާ ތައާރަފްކުރަން އޭނާގެ ބައްޕަ ސަނީ ޕްރޮޑިއުސްކޮށް ޑައިރެކްޓްކުރި ފިލްމު "ޕަލް ޕަލް ދިލް ކޭ ޕާސް" އަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެ ކަރަން އަށް ވަރަށް ގިނަ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ.

ކަރަން މިހާރު މަސައްކަތް ކުރަނީ "އަޕްނޭ 2" ގައެވެ. މިއީ ޑެއޯލް އާއިލާގެ ތިން ޖެނެރޭޝަންގެ އެކްޓަރުން ހިމެނޭ ފިލްމެކެވެ. މި ފިލްމުގައި ކަރަންގެ ކާފަ ދަރުމެންދުރަ އާއި ބައްޕަ ސަނީ އަދި ބޮޑުބޭބެ ބޮބީ ޑެއޯލް އާއެކު ކަރަން ބައިވެރިވެ އެވެ.

ހެމާ އަށް ތައުރީފުކޮށް ކަރަން ވާހަކަ ދެއްކިއިރު ހެމާ އާއި ދަރުމެންދުރާގެ އަނެއް ބަނޑުގެ ދަރިންނާ މެދު އެހާ ބޮޑު ގުޅުމެއް ނޯންނަކަން ފާހަގަ ކޮށްލެވެ އެވެ. އަދި ހެމާ އާއި ދަރުމެންދުރަގެ ދަރިންނާ ވެސް އެ ބަނޑުގެ ދަރިންނާ މާބޮޑު ގުޅުމެއް ނޯވެ އެވެ.

ހެމާ އާއި ދަރުމެންދުރަ ކައިވެނިކުރިއިރު ވެސް ދަރުމެންދުރަގެ އަންބަކު އިނެވެ. ޕްރަކާޝް ކޯރުއާ ދަރުމެންދުރަ ކައިވެނިކުރީ 1954 ގައި އޭނާގެ އުމުރުން 19 އަހަރުގަ އެވެ.

ހެމާ އާ ލޯބީގެ ގޮތުން ގުޅުނުއިރުވެސް ޕްރަކާޝް އާއި ދަރުމެންދުރަ އަށް ހަތަރު ދަރިން ލިބިފައި ވެއެވެ. އެއީ ސަނީ އާއި ބޮބީ އަދި ވިޖީތާ އާއި އަޖީތާ އެވެ.

ހެމާ އާ ދަރުމެންދުރަ ކައިވެނިކުރީ އިސްލާމް ވެގެންނެވެ. އެއީ ހިންދޫ ދީނުގައި ހުރެގެން ދެ އަންބަށް ކައިވެނި ނުކުރެވޭތީ އެވެ. އީޝާ އާއި އާހްނާ އަކީ ހެމާ އާއި ދަރުމެންދުރަގެ ދެ ދަރިންނެވެ.