ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

އަށް ރަށެއްގައި 12 ގަޑިއިރު ކާފިއު ހިންގަނީ

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ދެކުނުގެ ބޮޑު ދެ ސިޓީ ހިމެނޭހެން އަށް ރަށެއްގައި 12 ގަޑިއިރު ކާފިއު ހިންގަން ނިންމައިފި އެވެ.

މިހާރުވެސް އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ އަދި ލ. ގަމުގައި އަންނަނީ 12 ގަޑިއިރު ކާފިއު ހިންގަމުންނެވެ. އެ ރަށްތަކުގައި 12 ގަޑިއިރު ކާފިއު ހިންގާ މުއްދަތު އިތުރުކޮށް އަދި ގދ. ތިނަދޫ، ގއ. ދާންދޫ، އއ. މާމިގިލި، ފ. ނިލަންދޫ، ފ. ފީއަލީގައި ވެސް ކާފިއު ހިންގާނެ ކަމަށް އެޗްޕީއޭ އިން ވަނީ އަންގާފަ އެވެ.

އެގޮތުން ހަވީރު 4:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން މަނާވާނެ އެވެ. އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމާއި އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް މި މުއްދަތުގައި މަނާކޮށްފައިވެ އެެވެ. ލ. ގަމާއި ފުވައްމުލަކު ސިޓީގައި އެއް އަވަށުން އަނެއް އަވަށަށް ދިއުން ވެސް ވަނީ މަނާކޮށްފަ އެވެ.

އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުމާއި ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމަަށްވެސް އަންގާފައިވެ އެވެ.

އަދި ޓެކްސީގެ ހިދުމަތްދޭ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ
ހިދުމަތް ދިނުމާއި ފިހާރަތަކުން ހިދުމަތް ދޭއިރު ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިއަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފަ އެވެ.

ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ޑެލިވަރީގެ ހިދުމަތް ދިނުމަށްވެސް ވަނީ އަންގާފަ އެވެ.

އެޗްޕީއޭ އިން މިހާރު ވަނީ މޮނީޓަރިންގެ ހާލަތަށް ގެންނަ ހުރިހާ ރަށެއްގައި މާދަމާ އިން ފެށިގެން ކާއިފު ހިންގަން ވެސް ނިންމާފަ އެވެ.