ބާ ކައުންސިލް

އުސޫލާ ހިލާފަށް އަމަލުކުރި ދެ ވަކީލަކަށް ބޮޑު ޖޫރިމަނާއެއް

ބާ ކައުންސިލުން ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ހިލާފަށް ބޭނުންކުރި މައްސަލާގައި ދެ ވަކީލަކު ބައިލައްކަ ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ގާނޫނާއި ގަވައިދާ ހިލާފަށް ބޭނުންކުރުމުގެ ސަބަބުން ޖޫރިމަނާކޮށްފައިވަނީ ގއ. ދާންދޫ، ބީޗްވިލާ، އަލްއުސްތާޒާ މެހެނާޒް ހުސައިނާއި، އޭނާގެ ފިރިމީހާ މ. ނައިންހައުސް، އަލްއުސްތާޒު ޒުންނަވާރު ސަލީމް އެވެ. ކޮންމެ ބޭފުޅަކު ވެސް ޖޫރިމަނާކޮށްފައިވަނީ 50،000 ރުފިޔާ އިންނެވެ.

މެހެނާޒް ޖޫރިމަނާކުރީ ބާ ކައުންސިލުން އޭނާ އަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ، ޒުންނަވާރު ބޭނުންކުރަން ދީފައިވާތީ އެވެ. ޒުންނަވާރަކީ ޕަބްލިކް ނޯޓަރީ ހިމެނޭ ސިއްކަ ބޭނުންކުރުމުގެ ހުއްދަ އޮތް ގާނޫނީ ވަކީލެއް ނޫނެވެ.

ބާ ކައުންސިލްގެ އުސޫލު ހަމަޖެހިފައިވާ ގޮތުން ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރާ ގާނޫނީ ވަކީލަކީ ނޯޓަރީގެ ހިދުމަތް ލިބިގަންނަ ފަރާތުގެ ގާނޫނީ ވަކީލަށް ވެގެން ނުވެ އެވެ.

ބާ ކައުންސިލުން ބުނީ މެހެނާޒަށް ފިޔަވަޅު އެޅީ އުސޫލާ ހިލާފަށް އަމަލުކޮށްފައިވާތީއާއި، ނޯޓަރައިޒް ކޮށްދޭ ލިޔެކިޔުމުގެ ބާވަތާއި ސޮއިކުރި ފަރާތްތަކުގެ މައުލޫމާތު ބަލަހައްޓާފައި ނުވާތީއާއި އެ ކައުންސިލުން މެހެނާޒަށް ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުމުގެ ކުރިން އެކި ފަރާތްތަކަށް ނޯޓަރައިޒް ކުރުމުގެ ހިދުމަތް އޭނާ ފޯރުކޮށްދީފައިވާތީ ކަމަށެވެ. އެހެންކަމުން މެހެނާޒަށް ފިޔަވަޅު އެޅީ ގާނޫނީ ފަންނުގެ ގާނޫނާއި، ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ގަވައިދާ ހިލާފަށް އަމަލުކުރި ކަމަށް ކަނޑައެޅުމަށްފަހު އެވެ.

ގާނޫނާއި ގަވައިދާ އަދި އުސޫލާ ހިލާފަށް އަމަލުކޮށްފައިވާތީ މެހެނާޒާއި ޒުންނަވާރު 50،000 ރުފިޔާ އިން ޖޫރިމަނާ ކުރުމާ އެކު މެހެނާޒަށް ދޫކޮށްފައިވާ ޕަބްލިކް ނޯޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރުމުގެ ހުއްދަ އެއް އަހަރު ދުވަހުގެ މުއްދަތަކަށް ހިފެހެއްޓުމަށްވެސް ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ބާ ކައުންސިލުން ބުނީ މެހެނާޒާއި ޒުންނަވާރު ހިންގާފައިވާ އަމަލަކީ ގާނޫނީ ފަންނުގެ ގާނޫނުގައި، ގާނޫނީ ވަކީލުން އަމަލުކުރަން ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާ ހިލާފު، އާންމު މުޖުތަމައުގެ މެދުގައި ގާނޫނީ ވަކީލުންނާއި ގާނޫނީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާ މެދު އިތުބާރު ގެއްލޭ ފަދަ އަދި ނަޒާހަތްތެރިވުމުގެ އުސޫލާ ހިލާފަށް ކޮށްފައިވާ އަމަލެއް ކަމަށެވެ. އަދި އެއްބަސްވުން ނޯޓަރައިޒް ކުރުމަށް މެހެނާޒްގެ ސޮއި ޒުންނަވާރު ކޮށްފައިވާ މައްސަލަ އަކީ ޖިނާއީ ތަބީއަތުގެ ކުށެއް ހިމެނޭ ފަދަ މައްސަލައެއް ކަމުގައިވެސް ބާ ކައުންސިލުން ބުނެފައިވެ އެވެ.

"[އެހެންކަމުން] މިމައްސަލަތައް ކަމާ ބެހޭ އިޖުރާއަތުތަކުގެ ތެރެއިން ކުރިއަށް ގެންދިއުމަށްވެސް މި ޖަލްސާގައި ވަނީ ނިންމާފަ އެވެ." ބާ ކައުންސިލުން ނެރެފައިވާ ބަޔާނުގައިވެ އެވެ.