ރަޝިޔާއިން ކޮވިޑް-19 އާ ދެކޮޅަށް ތައްޔާރުކުރި ސްޕުޓްނިކް ވީ ވެކްސިންގެ 200،000 ޑޯޒް ގަންނަން ނިންމާފައިވާ ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް މިރޭ ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި މިނިސްޓަރު ނަސީމް ވަނީ ކޮވިޑް ވެކްސިން ހޯދުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ ތަފްސީލް ހާމަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ސްޕުޓްނިކް ވީގެ 200،000 ޑޯޒް ގަންނަން ނިންމާފައިވާއިރު ދެ ފަރާތުގެ މެދުގައި ވަރަށް އަވަހަށް އެއްބަސްވުން ގާއިމު ކުރެވޭނެ ކަމަށެވެ. ނަސީމު ވިދާޅުވި ގޮތުގައި މިހާރު އޮތީ މަޝްވަރާގެ މަރުހަލާގައެވެ. އަދި ދެތިން ދުވަސްތެރޭ ވެކްސިން ހޯދަން އޯޑަރު ދޭނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓަރު ވަނީ ރަޝިޔާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވެފައެވެ. ވިދާޅުވީ އެއްބަސްވުން ގާއިމުކުރެވޭތާ މަސް ދުވަސްތެރޭ ވެކްސިން ލިބޭނެ ކަމަށެވެ.
ރަޝިއާއިން ކޮވިޑް ވެކްސިން ގަތުމަށްޓަކައި 61 ގައުމަކުން އެދިފައިވާ ކަމަށް އެ ގައުމުން ދާދި ފަހުން ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ސްޕުޓްނިކް ވީ ބޭނުން ކުުރުމުގެ ހުއްދަ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ވަނީ ދީފައެވެ.
ރާއްޖެއިން މިހާތަނަށް ބޭނުން ކުރަމުން ދަނީ ކޮވިޝީލްޑް އާއި އެސްޓްރަޒެނިކާ އާއި ފައިޒާ އަދި ސިނޯފާމް ވެކްސިނެވެ. ކޮވިޝީލްޑް ވެކްސިން ގިނަ ބަޔަކަށް ދީފައިވާއިރު އެ ވެކްސިން މިހާރު ވަނީ ހުސްވެފައެވެ. މިހާރު ދެމުން ގެންދަނީ ސިނޯފާމް އާއި ފައިޒާ އެވެ. ފައިޒާ ވެކްސިން ދެމުން ދަނީ ހާއްސަ ހާލަތްތަކުގައިވާ މީހުންނަށް އެެކަންޏެވެ.
އިނގިރޭސިވިލާތުގެ އޮކްސްފަޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 700،000 ޑޯޒް ގަތުމަށް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފައެވެ. އެ ވެކްސިން ލިބޭނެ ކަމަށް އެކި ތާރީހުތައް ދީފައިވާއިރު އެންމެ ފަހުން ދިން ތާރީހަކީ ޖޫން މަހުގެ ފުރަތަމަ ހަފްތާއެވެ.
ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އެސްޓްރާޒެނެކާ އިން ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޑަަބްލިއުއެޗްއޯއިން މަޝްވަރާ ދީފައިވާ ކަމަށް ޓެގް ޓީމުން ވަނީ ބުނެފައެވެ.
މިނިސްޓަރު ނަސީމް މިރޭ ވިދާޅުވީ 700،000 ޑޯޒްގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ނުލިބޭނެ ކަމަށެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.
މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ކެންޕެއިން ފެށިފައިވާއިރު ރާއްޖޭގައި ފުރަތަމަ ޖަހަންފެށި ކޮވިޝީލްޑް ވެކްސިން ހުސްވެ ވެކްސިން ލިބޭނެ ގޮތެއް ނެތި 100،000 އެއްހާ މީހުން ތިބި ދެވަނަ ޑޯޒް ޖެހޭނެ ދުވަހެއްގެ އިންތިޒާރުގައެވެ.
ޗައިނާ ސަރުކާރުން ވަނީ އެ ގައުމުން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ 200،000 ޑޯޒްވެސް ހަދިޔާ ކުރައްވާފައެވެ. އެ ވެކްސިން މިހާރުވެސް ދަނީ ޖަހަމުންނެވެ. 50،000 ވުރެ ގިނަ ވެކްސިން ޑޯޒް އަދިވެސް އެބަހުއްޓެވެ.
ރައީސް ސޯލިހް މިރޭ ވިދާޅުވީ ވެކްސިން ހޯދުމަށް ވަރަށް ގިނަ މަސައްކަތް ކުރަމުންދާ ކަމަށެވެ. މިހާތަނަށް 300،000 ވުރެ ގިނަ މީހުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާއިރު 100،000 ވުރެ ގިނަ މީހުން ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށެވެ. އެއީ އާބާދީ 35 ޕަސެންޓް ކަމަށް ރައީސް ވިދާޅުވިއެވެ.