ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
މިނިސްޓްރީ އޮފް ހެލްތު

މިހާރު ބުނަނީ 70 ޕަސެންޓް މީހުން އެއްވެސް ޑޯޒެއް ނުޖަހާ ކަމަށް

ތަފާސް ހިސާބުތަކަށް ބަލާއިރު އަދިވެސް ރާއްޖޭގެ 70 ޕަސެންޓަށްވުރެ ގިނަ މީހުން ކޮވިޑް ވެކްސިނުގެ އެއްވެސް ޑޯޒެއް ނުޖަހާ ކަމަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ހެލްތު މިނިސްޓަރު، ކެރަފާ އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މަރަކާއި ގުޅިގެން އައި ޕްރެޝަރުތައް ބޮޑު ވެގެން ރޭ ބޭއްވި ޕްރެސްގައި މިނިސްޓަރު އެހެން ވިދާޅުވިއިރު ރާއްޖޭގެ އާބާދީގެ 69 ޕަސެންޓް މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށާ އާބާދީ 35 ޕަސެންޓަށް ދެވަނަ ޑޯޒް ދީފައިވާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފަ އެވެ. މެއި 26 ގައި ރަައީސް އޮފީހުގައ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ވަނީ ރާއްޖޭގެ ވެކްސިން ޕްރޮގްރާމަށް އަލި އަޅުވާލައްވައި ކާމިޔާބީ ވެސް ފާހަގަ ކުރައްވާފަ އެވެ.

އެކަމަކު ނޫސްވެރިންގެ ބައްދަލު ވުމުގައި ނަސީމް ވަނީ ވެކްސިން ނުޖަހާ މީހުންގެ އަދަދު އިތުރު ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލާއިރު 70 ޕަސެންޓް މީހުން ތިބީ އެއްވެސް ވެކްސިނެއް ނުޖަހަ އެވެ. އަދި ކޮވިޑް ބަލީގައި މަރުވި ގިނަ މީހުން ވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ޖަހާފައެއް ނުވެއެވެ. އޭގެ ތެރޭގައި ދޮށީ އުމުރުގެ މީހުން ވަރަށް ގިނަ އެވެ.

"ސްޓެޓިސްޓިކްސްއަށް ބަލާއިރު ގާތްގަނޑަކަށް 70 ޕަސެންޓަށްވުރެ ގިނަ މީހުންނަށް ވެކްސިން ޖެހިފައި ނެތް ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ، އެއްވެސް ވައްތަރެއްގެ ވެކްސިނެއް ޖެހިފައި ނެތް ކަމަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އަދި ވިދާޅުވީ އެޑްމިޓްކޮށްފައިވާ މީހުނަށް ވެކްސިން ދޭން މިވަގުތު ވެސް ހަތަރު ޓީމެއް ހަރަކާތްތެރިވަމުންދާ ކަމަށާ ދުވާލެއްގެ މައްޗަށް 23 މީހުނަށް ވެކްސިން ދެވޭނެ ކަމަށެވެ. އެކަމަށް ތިން އެމްބިއުލާންސް އާއި ޑޮކްޓަރުންްގެ ޓީމެއް ހަރަކާތްތެރިވަމުންދާއިރު އެކަން މެނޭޖް ކުރަމުން ދަނީ ދަމަނަވެށިން ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ވަކި ވައްތަރެއްގެ ވެކްސިނެއް ނޫނީ ނުޖަހަން ތިބި ބަޔަކު ވެސް އެބަތިބި ކަމަށާ ނަމަވެސް އޭނާގެ އިލްތިމާސަކީ ވީހާވެސް އަވަހަށް މިވަގުތު ލިބެން ހުރި ވެކްސިނެއް ޖެހުން ކަަމަށެވެ.

"ވެކްސިން ޖެހުމުން ކޮންމެވެސް ވަރެއްގެ ޕްރޮޓެކްޝަނެއް ލިބޭ ކަމަށް، ރަނގަޅު ސިއްހަތެއްގައި ހުރި މީހެއްނަމަ ލިބޭ ކަމަށް ވަނީ. އެހެން ނޫން، އެހެން ކަހަލަ ބަލިތަކާއި ކަންކަން ހުންނަ ނަމަ ދަތިތަކެއް ދިމާވޭ. އެހެންވީމަ މި ފުރުސަތު ދޫކޮށް ނުލައްވާ،" މިނިސްޓަރު ވިދާޅުވި އެވެ.

އެޗްޕީއޭއިން ރޭ އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު ރާއްޖެއިން މިހާތަނަށް ފުރަތަމަ ޑޯޒް ޖަހާފައިވަނީ 310،405 މީހުންނެވެ. އަދި 168،889 މީހުން ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި ދިވެހިންނާއި ބިދޭސީން ހިމެނޭ މިންވަރު ސާފުކޮށް ހާމަ ކުރަމުން ގެންގޮސްފައެއް ނުވެއެވެ.