ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އަހުމަދު ނަސީމް

ރާއްޖެއަށް ވެކްސިން ހޯދަން އުނދަގޫވެއްޖެ: ނަސީމް

ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކަށް ކޮވިޑް-19 އިން ދިފާއުވުމަށް ޖަހަމުންދާ ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާތީ އިތުރު ވެކްސިން ހޯދަން އުނދަގޫތަކެއް ކުރިމަތިވާ ކަަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެ އެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ކެންޕޭން ފަށާފައި ވާއިރު 306،000 ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފަ އެވެ. އަދި 158،075 މީހަކު ވަނީ ދެ ޑޯޒް ޖަހާ ވެކްސިން ފުރިހަމަ ކޮށްފަ އެވެ.

ރާއްޖޭގައި ފުރަތަމަ ޖަހަން ފެށީ އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑްވެ. އެ ގައުމުން 200،000 ޑޯޒް ވަނީ ހަދިޔާ ކޮށްފަ އެވެ. އަދި އެ ގައުމުން އިތުރު 300،000 ޑޯޒް ގަންނަން ވަނީ ފައިސާ ދައްކާފަ އެވެ. އޭގެ ތެރެއިން ލިބިފައިވަނީ 100،000 ޑޯޒެވެ. ބާކީ 200،000 ޑޯޒް ލިބޭނެ ދުވަހެއް ނޭނގެ އެވެ. އެއީ އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސްވެ އިންސާނީ ބޮޑު ކާރިސާއަކަށް ބަދަލުވުމުންނެވެ. ކޮވިޝީލްޑް ވެކްސިން ހުސްވެ ވެކްސިން ލިބޭނެ ގޮތެއް ނެތި 100،000 އެއްހާ މީހުން ތިބި ދެވަނަ ޑޯޒް ޖެހޭނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

ވެކްސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ރޭ ވިދާޅުވީ ވެކްސިން ޕްރަގްރާމްގައި ރާއްޖެ ހޯދި ކާމިޔާބު މިވަގުތު އިދިކޮޅަށް ޖެހިފައިވާ ކަމަށެވެ. އިތުރު ވެކްސިން ހޯދަން ކުރަމުންދާ މަސައްކަތަށް އެ ކާމިޔާބުން ހުރަސް އެޅިފައިވާ ކަމަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ހަމަހަމަ ކަމާއެކު ވެކްސިން ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުންދާ ގާވީ އޮގަނައިޒޭޝަނުން ވެކްސިން ހޯދަން ކުރަމުންދާ މަސައްކަތަށް ވެސް އެކަމުން ހުރަސް އެޅިފައިވާ ކަމަށް ނަސީމް ވިދާޅުވި އެވެ.

"ނަމަވެސް އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ހަފުތާތެރޭ ކޮންމެވެސް ކަހަލަ ސިގްނަލެއް ލިބޭނެ ކަމަށް. އަޅުގަނޑުމެންނަށް މާގިނަ އަދަދަކަށް ވެކްސިން ޖެހިފައި ހުރީމާ އުނދަގޫތަކެއް މި އުޅެނީ. ބައެއް ގައުމުތައް އެބަހުރި އެއްވެސް ވެކްސިނެއް ނުޖެހި ވެސް،"

ސަރުކާރުން މިހާރު ވަނީ ރަޝިޔާގެ ސްޕުޓްނިކް ވީގެ 200،000 ޑޯޒް ގަންނަން ނިންމާފަ އެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ދެ ފަރާތުގެ މެދުގައި ވަރަށް އަވަހަށް އެއްބަސްވުން ގާއިމު ކުރާނެ ކަމަށެވެ. ނަސީމު ވިދާޅުވި ގޮތުގައި މިހާރު އޮތީ މަޝްވަރާގެ މަރުހަލާގަ އެވެ. އަދި ދެތިން ދުވަސްތެރޭ ވެކްސިން ހޯދަން އޯޑަރު ދޭނެ ކަމަށް ވެސް ވިދާޅުވި އެވެ. މިނިސްޓަރު ވަނީ ރަޝިޔާ ވެކްސިން ވަރަށް އަވަހަށް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ. އަދި ވިދާޅުވީ އެއްބަސްވުން ގާއިމުކުރާތާ މަސް ދުވަސްތެރޭ ވެކްސިން ލިބޭނެ ކަމަށެވެ.

އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވާސިޓީ އާއި އެސްޓްރާޒެނެކާ ކުންފުނިން އުފައްދާފައިވާ ވެކްސިންގެ 700،000 ޑޯޒް ގަތުމަށް ދިވެހި ސަރުކާރުން ވަނީ އެއްބަސްވެފަ އެވެ. އެ ވެކްސިން ލިބޭނެ ކަމަށް އެކި ތާރީހުތައް ދީފައިވާއިރު އެންމެ ފަހުން ދިން ތާރީހަކީ ޖޫން މަހުގެ ފުރަތަމަ ހަފްތާއެވެ.

ކޮވިޝީލްޑްގެ ފުރަތަމަ ޑޯޒް ޖެހި މީހުންނަށް އެސްޓްރާޒެނެކާ އިން ދެވަނަ ޑޯޒް ޖެހޭނެ ކަމަށް ޑަަބްލިއުއެޗްއޯއިން މަޝްވަރާ ދީފައިވާ ކަމަށް ޓެގް ޓީމުން ވަނީ ބުނެފައެވެ.

މިނިސްޓަރު ނަސީމް މިރޭ ވިދާޅުވީ 700،000 ޑޯޒްގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް ޖޫން މަހުގެ ފުރަތަމަ ހަފްތާގައި ނުލިބޭނެ ކަމަށެވެ. ނަމަވެސް ޖޫން މަހުގެ ތެރޭގައި ވެކްސިން ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.