ނަޝީދަށް އަމާޒު ކުރި ހަމަލަ

"ހަމަލާގައި ފައިސާ ކަމެއް އުޅޭތޯ ދަނީ ބަލަމުން"

މި މަހުގެ ހަވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަށް ފައިސާ ހަރަދުކުރި ބަޔަކު ތިބިތޯ އަދި އެ ހަމަލާގައި ފައިސާގެ ކަމެއް އެކުލެވޭތޯ ފުލުހުންގެ ތަހުގީގުގެ ތެރެެއިން ބަލަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާ އިރު ޓެރަރިޒަމާ ދެކޮޅަށް މިހާރު ކުރިއަށް ގެންދާ އޮޕަރޭޝަންގައި 14 މީހަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

ބޮމުގެ ހަމަލާ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ވ. ތިނަދޫ ހިޔާ، އަހުމަދު އަދުހަމް ރަޝީދުގެ އިތުރުން މއ. ފޭރުގެ މުޖާޒް އަހުމަދު (21 އ) އާއި ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދު (32 އ) އެވެ. ތަހްމީނަކީ ބޮން ގޮއްވާލުމަށް ބޭނުން ކުރި ސައިކަލްގެ ވެރިމީހާ އެވެ. އަދުހަމްއަކީ ބޮން ގޮއްލި މީހާ އެވެ. ހަމަލާގެ ތުހުމަށް ލ. ގަމަށް ނިސްބަތްވާ އުމުރުން 23 އަހަރުގެ އަހުމަދު ފާތިހުވެސް ވަނީ ހައްޔަރުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ސޯލިހް ވިދާޅުވީ ޓެރަރިސްޓް ހަމަލާގެ ތަހުގީގު ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

"ތަހުގީގު ވަަރަށް ބާރަށް ފުލުސް އޮފީހުގައި އެބަ ކުރިއަށްދޭ، އެއީ ބޭރުގެ އެހީތެރިކަމާއެކު ގައި. އެމެރިކާގެ އެކްޕާޓެއް މިވަގުތުވެސް އެބަހުރި ރާއްޖޭގައި. އެ ތަހުގީގަށް އެބޭފުޅާވެސް ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ތަހުގީގުގައި މިވަގުތު ބަލަމުންދަނީ އެ ހަަމަލާ ރޭވުމުގައި އިސްކޮށް ތިބީ ކޮން ބައެއްތޯ ދެނެގަތުން ކަމަށެވެ. މިހާތަނަށް އެ އަމާޒަށް ދިއުމަށް މުހިންމު މައުލޫމާތުތަކެއް އެއްކުރެވިފައިވާ ކަމަށްވެސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި ހަމަލާ ދިނުމުގައި ފައިސާގެ ކަމެއް އެކުލެވޭތޯވެސް ފުލުހުން ބަލާނެ ކަމަށެވެ.

"މިހާރު ބަލަމުން އެ ގެންދަނީ މިކަން ރޭވުމުގައި އިސްކޮށް ތިބީ ކޮން ބައެއްތޯ. އޭގެވެސް ވަރަށް ގިނަ މައުލޫމާތުތަކެއް އަދި ދާންވީ ދިމާ ހޯދުމަށްޓަކައި މައުލޫމާތުތަކެއް ވަނީ އެއްކުރެވިފައި. އަދި މިކަމުގައި ފައިނޭންސް، ފައިސާ އެކުލެވިގެންވޭތޯ ބެލުމަށްޓަކައި އަޅުގަނޑު މި ދެންނެވި އެމެރިކާގެ އެކްސްޕާޓާއެކީގައި ވަރަށް އަވަހަށް ކުރިއަށްދާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މުހައްމަދު ނަޝީދުގެ ހަށިކޮޅަށް އަމާޒުކޮށްގެން ދީފައިވާ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކުރިޔަށްދާ ތަހުގީގާއި އެންމެހާ ކޯޓު މަރުހަލާތައް ގާތުން ބެއްލެވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ މަންދޫބެއްގެ ގޮތުން އިނގިރޭސިވިލާތުގެ ރައްޔިތެއް ކަމަށްވާ އައްބާސް ފާއިޒް ހަމަޖައްސަވާފައިވާއިރު މަންދޫގެ މަސައްކަތްވެސް ވަރަށް އަވަހަށް ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ނަޝީދު އަވަހާރަަ ކޮށްލަން ހަމަލާއެއް ދިނީ އެމަނިކުފާނު ގެއިން ނުކުމެ ވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން އުޅުއްވަނިކޮށް މާލޭގެ ނީލޯފަރުމަގާއި މަޖީދީ މަގު ކަންމަތީގައި ޕާކްކޮށްފައި އޮތް ސައިކަލެއްގައި ހަރުކޮށްފައި އޮތް އައިއީޑީއެއް ގޮއްވާލައިގެނެވެ. ހަމަލާގައި އެމަނިކުފާނަށް ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި އެވެ. އަދި ހަތަރު ސާޖަރީއެއް ހެއްދެވި އެވެ. އެމަނިކުފާނު ފަހުން ވަނީ ޖަރުމަނުގެ ހޮސްޕިޓަލެއްގައި އިތުރު ފަރުވާ ވެސް ހޯއްދަވައިފަ އެވެ.