ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

މުހިންމު ތިން މިނިސްޓަރެއްގެ ހަނދާން ރައީސްގެ ނެތް!

May 26, 2021
10

ކެބިނެޓްގައި މިހާރު ތިއްބެވި ހުރިހާ މިނިސްޓަރުން ވެސް ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ ކެބިނެޓަށް ފުރިަހަމަ އިތުބާރު އެބަ އޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލު ވުމުގައި މިހާރު އޮތް ކެބިނެޓަށް ބަދަލުތަކެއް ގެންނަންވަން މަސައްކަތް ކުރައްވަންތޯ ރައީސަށް ސުވާލު ދެންނެވުނެވެ. އެ ސުވާލާއި ގުޅިގެން ރައީސް ވިދާޅުވީ މިވަގުތު ކެބިނެޓްގައި ތިއްބެވި ބޭފުޅުން ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ހަވާލު ކުރައްވާ ކޮންމެ ކަމެއް ބަރާބަރަށް ނިންމަވާ ކަމަށެވެ.

އެއަށްފަހު ރައީސް ވަނީ މިނިސްޓަރުންނާއި އެ މިނިސްޓަރުން ނިސްބަތްވާ މިނިސްޓްރީތަކުގެ ނަންތައް ވިދާޅުވެ ދެއްވާފަ އެވެ.

"އަޅުގަނޑުގެ ގަބޫލުކުރާ ގޮތުގައި މިވަގުތު ކެބިނެޓްގައި ތިއްބެވި ބޭފުޅުން ވަރަށް ރަނގަޅަށް މަސައްކަތް ކުރައްވަމުން އެބަ ގެންދަވާ. އަޅުގަނޑުމެން ހަވާލުކުރާ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ކުރައްވަމުން ގެންދަވާ. އެގޮތުން ފިނޭންސް މިނިސްޓްރީ ކަމަށްވިޔަސް ހެލްތް މިނިސްޓްރީ ކަމަށްވިޔަސް އިކޮނޮމިކް މިނިސްޓްރީ ކަމަށްވިޔަސް ޓޫރިޒަމް މިނިސްޓަރު ކަމަށްވިޔަސް އެޑިއުކޭޝަން މިނިސްޓަރު ކަމަށްވިޔަސް ހަޔާ އެޑިއުކޭޝަން މިނިސްޓްރީ ކަމަށްވިޔަސް ފިޝަރީޒް މިނިސްޓްރީ ކަމަށްވިޔަސް އަދި ޕްލޭނިން މިނިސްޓްރީ ކަމަށްވިޔަސް އަދި އެންވައިމަންޓް މިނިސްޓްރީ ކަމަށްވިޔަސް އެ ތިއްބެވި ހުރިހާ ބޭފުޅުން މިކަމުގައި ވަރަށް ބޮޑަށް ބައިވެރިވެވަޑައިގެން އެބަ މަސައްކަތް ކުރައްވާ،" ރައީސް ވިދާޅުވިއެވެ.

މި ވާހަކަފުޅުގެ ކުރީން ރައީސް ގެންދެވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން ކުރަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް އެ މަަސައްކަތުގައި އެންމެ މުހިންމު ދައުރެއް އޮތް ދެ މިނިސްޓަރުންނާއި އެ މިނިސްޓްރީގެ އެއްވެސް ވާހަކައެއް ވިދާޅުވެފައި ނުވާތީ ބައެއް މީހުން ގެންދަނީ ސުވާލު އުފައްދަމުންނެވެ. އެ ސުވާލު އުފައްދަން ޖެހުނު ސަބަބުތަކެއް ވެސް ވެއެވެ. ބަންޑާރަ ނާއިބާއެކު 18 މިނިސްޓަރުން ހިމެނިވަޑައިގަންނަވާއިރު ނުވަ މިނިސްޓްރީގެ ނަން ވިދާޅުވުމަށް ފަހު ރައީސް ވިދާޅުވީ ކެބިނެޓްގެ އެއްވެސް މަގާމެއް އުނިނުކޮށް ވިދާޅުވެވިއްޖެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"މީގެ ތެރޭގައި އަޅުގަނޑަށް ކެބިނެޓްގެ އެއްވެސް މަގާމެއް އުނިވެގެން ނުދިޔަ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ކެބިނެޓަށް ފުރިހަމަ އިތުބާރާއެކީގައި އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ. ގެންނަން ޖެހޭ ބަދަލުތައް ގެންނާނަން އިރާދަ ކުރެއްވިއްޔާ،" ރައީސް ވިދާޅުވި އެވެ.

ނުވަ މިނިސްޓްރީއަކާއި އެ މިނިސްޓްރީގެ މިނިސްޓަރުންގެ ނަން ރައީސް ފާހަގަ ނުކުރެއްވީ ހަނދުމަފުޅު ނެތިގެން ނުވަތަ ގަސްތުގައި ކަމަށްވީ ނަމަވެސް އެކަމާއި ގުޅޭގޮތުން އުފެދޭ ސުވާލުތައް އެބަހުއްޓެވެ. ރައީސް އެ އިޝާރާތް ކުރެއްވީ ކޮވިޑްގެ މެނޭޖް ކުރުމުގައި އެކުލަވާލި ކަމަށް ސަރުކާރުން އިއުލާނުކުރި މިނިސްޓަރު ލެވެލްގެ ބޭފުޅުން ކަމަށްވާ ނަމަވެސް ރައީސްގެ އެ ލިސްޓުން ތިން މިނިސްޓަރެއްގެ ނަން ހަނދާން ނެތިގެން ނުވާނެ އެވެ.

ކޮވިޑްގައި ރާއްޖެ ހޭދަކުރި މުއްދަތުގައި ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީ އަދި ފުލުހުންގެ މެންޑޭޓް އޮތް ހޯމް މިނިސްޓްރީގެ ދައުރު ވަަރަށް ބޮޑެވެ. އަދި ބޮޑު ބަޖެޓަކާއެކު ޖެންޑާ މިނިސްޓްރީއަށް ވެސް ބޮޑު މެންޑޭޓެއް އޮތީ ދީފައެވެ. މިހާރުވެސް އެންމެ ބޮޑު އަދި އެންމެ މުހިންމު ދައުރެއް އޮތް މިނިސްޓްރީތަކުގެ ތެރޭގައި މި މިނިސްޓްރީތައް ހިމެނެއެވެ.

ރައީސް ވިދާޅުވި ލިސްޓަގައި ހިމެނިވަޑައިނުގެން ބޭފުުޅުންގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ތިން މިނިސްޓަރުންނަށް މި ދުވަސްވަރަކީ ފާޑުކިޔުން ބޮޑު ދުވަސްވަރެކެވެ.

މި މަހުގެ ހަވަނަ ދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަށް ބޮޑު ފާޑުކިޔުމެއް އެބައޮތެވެ. އޭޑީކޭގައި ހުންނަވައިގެން ރައީސް ނަޝީދުގެ ފުރާނަފުޅަށް ނުރައްކަލެއް ނެތް ކަމަށް އިމްރާން ވިދާޅުވެފައިވާތީ އިއްޔެ މަޖިލީހުގެ ޖަލްސާގައި ނަޝީދުގެ އާއިލާގެ ފަރާތުން ނާއިބު ރައީސް އިވާ އަބްދުﷲ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފަ އެވެ. އަދި ހަމަލާގެ މައުލޫމާތު ކުރިން ލިބި ފިޔަވަޅު އަޅާފައިނުވާ ކަމަށް ތުހުމަތުކޮށް މިނިސްޓަރު މާރިޔާއަށް ވެސް އެތައް ބަޔަކު ފާޑުކިޔާފައި ވެއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ޔޫކޭގައި ހުންނަވާތާ މަސް ދުވަސް ވެފައިވާތީ އެކަމަށް ވެސް މި ދުވަސްވަރު ވަރަށް ބޮޑު ފާޑުކިޔުމެއް އެބައޮތެވެ.

އެެހެންވީމަ ރައީސް ރޭ ވިދާޅުވި ލިސްޓްގައި އެ ހިމެނުއްވީ ކޮވިޑް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ މިނިސްޓަރުން ކަމަށް ވެދާނެ އެވެ. ނަމަވެސް 18 މިނިސްޓަރުންގެ ތެރެއިން ނުވަ މިނިސްޓަރެއްގެ ނަން ވިދާޅުވެ ކެބިނެޓްގެ ހުރިހާ ބޭފުޅުން ވިދާޅުވެވުނީ ކަމަށް ދެންނެވުން ވީ އެތައް ބަޔަކަށް ގޯހަކަށެވެ. ނުވަތަ ރައީސް ގަސްތުގައި ކުރެއްވި ކަމަކަށެވެ. ބައެއް މީހުން އެކަން ސިފަކުރީ ކެބިނެޓްގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރައީސް އެންމެ ހިތްހަމަޖެހިވަޑައިގަންނަވާ ބޭފުޅުން ފާހަގަ ކުރެއްވުމުގެ ގޮތުގައެވެ.

ރައީސްގެ ލިސްޓުން އުނިވެފައިވަނީ މިނިސްޓަރު މާރިޔާ ދީދީ އާއި މިނިސްޓަރު އިމްރާން އަބްދުﷲ އާއި މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އާއި މިނިސްޓަރު އަހުމަދު މަހުލޫފް އާއި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އާއި މިނިސްޓަރު ޔުމްނާ މައުމޫނާއި މިނިސްޓަރު އައިޝަތު ނަހުލާ އާއި ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތެވެ.