ގޯތި ގެދޮރު ކަހަލަ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރުމުގެ ބާރު މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ލިބިފައި ނުވާ ކަމަށް އެ ކޮމިޓީން ބުނެފި އެވެ.
ޕެޓިޝަން ކޮމިޓީން އެހެން ބުނެފައި މިވަނީ މާލޭގެ އިމާރާތްތަކުގެ ކުލި ކޮންޓްރޯލް ކުރުމަށް އެދި އަމިއްލަ މީހަކު މަޖިލީހަށް ފޮނުވި ޕެޓިޝަނެއްގެ މައްސަލަ ކޮމިޓީން ބެލުމަށް ފަހު އޭނާއަށް ޖަވާބުދާރީވެ ފޮނުވި ސިޓީއެއްގަ އެވެ.
ޕެޓިޝަންގައި ބުނެފައިވަނީ މާލޭގައި ދިރިއުޅޭ 63 ޕަސެންޓް މީހުންނަކީ ކުއްޔަށް އުޅޭ ބަޔަކަށް ވާއިރު ރައްޔިތުންނަށް ލިބޭ އާމްދަނީއާ ނުބައްދަލު މިންވަރެއް ކުއްޔަށް ހޭދަކުރުމަކީ ބޭ އިންސާފެއް ކަމަށެވެ. އަދި އެހާ ބޮޑު ހޭދައެއް ހަމައެކަނި މަދު ބަޔަކު މުއްސަނދިކުރަން ހޭދަކުރާނަމަ ފަގީރުކަމުން އަރައި ނުގަނެވޭނެ ކަމަށްވެސް ޕެޓިޝަންގައި ފާހަަގަކޮށްފައިވެ އެވެ.
ކޮމިޓީން ނިންމި ގޮތް ކަމަށް ބަޔާންކޮށް މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ސޮއިކުރައްވާ ފޮނުއްވި ސިޓީގައި ބުނެފައިވަނީ ޕެޓިޝަނާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ކަމާ ގުޅޭ ފަރާތްތަކާ ކޮމިޓީގެ ބޭފުޅުން ބައްދަލުކުރައްވާ މައުލޫމާތު ސާފުކުރި ކަމަށެވެ.
ބީއެމްއެލް އިން ދީފައިވާ މައުލޫމާތަށް ބަލާއިރު މާލޭގައި އިމާރާތް ކުރަން ބީއެމްްއެލް އިން ދޫކުރާ ލޯން ތަކުގެ އިންޓަރެސްޓް ރޭޓް ކަނޑައެޅުމުގައި އެ ބޭންކަށް ހުރި ރިސްކުތަކާއި ލޯން ޕްރޮޑަކްޓް ބައްޓަން ކުރެވިފައި ހުރި ގޮތާއި އަދި އޭގެ ކެޓަގަރީތަކަށް ރިއާޔަތް ކުރާ ކަމަށް ބޭންކުން ބުނެފައިވާ ކަމަށެވެ. މާލޭގައި އިމާރާތް ކުރާ އިމާރާތް ތަކަކީ އެކި ފެންވަރަށް އިމާރާތް ކުރާ ތަންތަނަށް ވާތީ އެކި ލޯންތަކަށް ދައްކަން ޖެހޭ އަދަދު ކަނޑައަޅާނީ އެ ނަގާ ލޯނުގެ ނިސްބަތުން ކަމަށް ބޭންކުން މައުލޫމާތު ދިން ކަމަށްވެސް ބުނެފައިވެ އެވެ.
"ގެދޮރު އިމާރާތް ކުރުމަކީ އަމިއްލަ ވިޔަފާރިއަކަށް ވެފައި ގެދޮރުގެ ކުލި ކަނޑައެޅުމަކީ އެ އިމާރާތްކުރާ ބަޔަކު ނުވަތަ ގޯތީގެ ވެރިފަރާތުގެ އަމިއްލަ އިހުތިޔާރުގައި ނިންމާ ނިންމުމަކަށް ވާއިރު އަމިއްލަ ފަރާތްތަކުން ކުރާ މިފަދަ ވިޔަފާރިތަކަށް ގޮތް ނިންމުމަކީ ކޮމިޓީއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އެ ކޮމިޓީން ދެކެވަޑައިގަންނަވާތީ އެ ވާހަކަ ދެންނެވީމެވެ." ސިޓީގައިވެ އެވެ.
ކުލި ކޮންޓްރޯލް ކުރަން ޕެޓިޝަނެއް ހުށަހެޅިއިރު ކޮވިޑާ ގުޅިގެން ގިނަ ބައެއްގެ އާމްދަނީއަށް އަސަރުކޮށް ކުލި ނުދެއްކިގެން އެތައް ބަޔަކު މާލެ ދޫކޮށް އެނބުރި ރަށަށްވެސް ވަނީ ބަދަލުވެފަ އެވެ. އަދި ހާލަތާ ގުޅިގެން ބައެއް އިމާރާތްތަކުގެ ވެރިން ވަނީ ކުލި ކުޑަވެސް ކޮށްދީފަ އެވެ.