އާ ފިޔަވަޅުތަކާއެކު ކުރިއަށް އޮތް ދެ ހަފުތާތެރޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މީހުންގެ ނަންބަރުތައް ދަށް ކުރެވޭނެ ކަމަށް ޑރ. ނަޒްލާ މުސްތަފާ ވިދާޅު ވެއްޖެ އެވެ.
ނަޒްލާ ރޭ ވިދާޅުވީ ކޮވިޑްގައި މިހާރު މިއޮތް ހާލަތުގައި ގައުމު އާންމު ހާލަތަށް ދޫކޮށްލައިފިނަމަ ޕޮޒިޓިވްވާ ރޭޓް ދެނެގަތުމަށް މި މަހުގެ ދެވަނަ ދުވަހު ޑރ. ޝީނާ މޫސާ ޕްރޮޖެކްޝަނެއް ހައްދަވާފައިވާ ކަމަށެވެ.
ޝީނާގެ އެ ޕްރޮޖެކްޝަނުން ދައްކާ ގޮތުގައި، އާންމު ހާލަތަށް ގައުމު ރުޖޫއަ ކޮށްފިނަމަ ދުވާލަކު 7000 މީހަކު ބަލިވާނެ އެވެ. އަދި ކުޑަ ފިޔަވަޅުތަކަކާއެކު ދުވާލެއްގެ މައްޗަށް 6000 މީހަކު ޕޮޒިޓިވްވެދާނެ އެވެ. އަދި ކުރިން އަޅާފައިވާވަރުގެ މޮޑެރޭޓް ފިޔަވަޅުތަކަކާއެކު މި ރާޅުގައި ދުވާލަކު 3000 މީހަކު ޕޮޒިޓިވާނެ އެވެ.
ނަޒްލާ ވިދާޅުވި ގޮތުގައި ލޮކްޑައުނެއް ނުވަތަ މިހާރު އަޅާފައި މިވާ ވަރުގަދަ ފިޔަވަޅުތަކާއެކު ދުވާލަކު ޕޮޒިޓިވްވާ އަދަދު 500 އަށް މަދު ކުރެވޭނެ އެވެ.
"އަޅުގަނޑުމެންގެ އުންމީދަކީ މި ރެސްޓްރިކްޝަން އިތުރަށް ވަރުގަދަ ކުރުމުން ދެން އަންނަ ދެ ހަފުތާ ތެރޭގައި އިރާދަކުރެއްވިއްޔާ ނަންބަރުތައް ވަރަށް ދަށްކުރެވުން." ނަޒްލާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ ހަފުތާގައި ކޮވިޑް ނަމްބަރުތައް ދަށް ކުރެވުނު ކަމުގައި ވިޔަސް ބަލީގައި މީހުން މަރުވާ ނިސްބަތް މަދު ކުރަން ދުވަސްކޮޅެއް ނަގާފާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަލަށް ބަލި ޖެހޭ މީހުން އެޑްމިޓްކޮށް ފަރުވާ ދޭން ޖެހޭނެތީ އޭގެ ތެރޭގައި ވެސް ފުރާނައަށް ނުރައްކާވެދާނެ މީހުން ތިބޭނެ ކަމަށެވެ.
ކޮވިޑް-19 ގެ ހާލަތު ގޯސްވެފައިވާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކުރަން ނިންމާ އެ ފިޔަވަޅުތައް އިއުލާންކުރީ ހޯމަ ދުވަހު އެވެ. މިއަދު ވަނީ އެ ފިޔަވަޅުތަކަށް އަމަލު ކުރަން ފަށާފަ އެވެ.