ބޮލީވުޑް

ފިލްމުން ނުފެންނަނީ ދަރި ބަލަން ޖެހޭތީ: ޗަންދުރަޗޫރް

އިންޑީޔާގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ މީހުން އެކްޓަރުންނަށް ވާހިތުން މުމްބާއީއަށް ހިޖުރަކުރެ އެވެ. ޗަންދުރަޗޫރް ސިންގަކީ އެގޮތަށް މުމްބާއިއަށް ހިޖުރަކުރި އަދި ހިންދީ ފިލްމު އިންޑަސްޓްރީން ރަނގަޅު ފުރުސަތުތަކެއް ވެސް ލިބުނު އެކްޓަރެކެވެ.

ފިލްމު "މާޗިސް" އިން 1996 ގައި ބޮލީވުޑަށް ތައާރަފް ވުމާއެކު ޗަންދުރަޗޫރަށް ގިނަ ބައެއްގެ ލޯތްބާއި ތާއީދު ލިބުނެވެ. އަދި އިސާހިތަކު އޭނާގެ މަގްބޫލުކަން އެތައް ގުނަޔަކަށް އިތުރުވެގެން ދިޔަ އެވެ. އޭގެ ފަހުން "ދިލް ކިޔާ ކަރޭ"، "ޖޯޝް"، "ކިޔާ ކެހްނާ" އަދި "އާމްދަނީ އަތައްނީ ކަރްޗާ ރުޕައްޔާ" ކާމިޔާބުވެ ގިނަ ޒަމާންތަކަކަށް ބޮލީވުޑްގައި ފިޔަޖަހާނެ އެކްޓަރަކަށް އޭނާ ވާނެކަމަށް ގިނަ ބަޔަކު އުންމީދުކުރި އެވެ. ނަމަވެސް ކުއްލިއަކަށް އޭނާ ފިލްމީ ދުނިޔެއިން ގެއްލުނީ އެވެ. އޭނާގެ ފިލްމީ ދަތުރަށް ހުއްޓުމެއް އައީ އެކްސިޑެންޓެއްގެ ސަބަބުންނެވެ.

ވަރަށް ކުރިން ހިންދުސްތާން ޓައިމްސް އަށް ދީފައިވާ އިންޓަވިއު އެއްގައި ޗަންދުރަޗޫރް ބުނެފައިވަނީ ގޯއާގައި ޖެޓް ސްކީ ކުރަން އުޅެނިކޮށް ހިނގި އެކްސިޑެންޓެއްގައި ކޮނޑުހުޅާއި އަތަށް ވަރަށް އަނިޔާވެ ބޮޑެތި ސާޖަރީތަކެއް ހެދި ކަމަށެވެ.

"ޝޫޓިންގަށް ދިޔަޔަސް އަތުގައި ރިއްސަން ފެށީމަ ކެތް ނުވެގެން ވަކި ހިސާބަކުން ޝޫޓިންދޫކޮށްލާފައި ދާން ޖެހެނީ. އަތަށް ތަދުވާ ވަރުން ކަސްރަތު ނުކުރެވި މަ ބޮޑަށް ބަރުދަން ވެސް އިތުރުވީ. އެހެންވެ ފިލްމުތައް ގަބޫލުނުކުރަން ފެށުމުން ކެރިއަރަށް ހުއްޓުން އައީ،" ޗަނަދުރަޗޫރް ބުނެފައި ވެއެވެ.

އެ ދުވަސްވަރު އަވަންތިކާ މަންކޮޓިއާ ކިޔާ މީހަކާ ޗަންދުރަޗޫރް ކައިވެނިކުރި އެވެ. އަދި ޝާރަނާޖައި ސިންގް ކިޔާ ފިރިހެން ކުއްޖެއް އެމީހުންނަށް ލިބިފައި ވެއެވެ.

ޗަންދުރަޗޫރް ބުނާ ގޮތުގައި އޭނާއަކީ މިހާރު ސިންގަލް ޕޭރެންޓެކެވެ. އަންހެނުން ވަރިކުރިތަ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި ފިލްމު ތަކުން ނުފެންނަނީ ދަރިފުޅުބެލުމުގެ ޒިންމާ އަދާކުރަނީ އޭނާއަށް ވާތީ ކަމަށް ވެސް ޗަންދުރަޗޫރް ބުންޏެވެ.

އީޓައިމްސް އަށް ދިން އިންޓަވިއުއެއްގައި ޗަންދުރަޗުރް ބުނީ ސޯޝަލް މީޑިއާގައި ވެސް އެކްޓިވްކޮށް ނޫޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށެވެ. ދަރި ބެލުމުގެ ޒިންމާ އަދާކުރަމުން އެހެންކަމަކާ ވިސްނާނެ ވަގުތު ނުވާ ކަމަށް އޭނާ ބުންޏެވެ.

"އަހަރެން އެހާ ސޯޝަލް މީޑިއާ އަށް ފަރިތައެއް ނޫން. އަހަރެންގެ ދަރިފުޅު ވެސް އަހަންނަށް ވުރެ އެކަމަށް މާ މޮޅު. އޭނަ ކައިރިން އަހަރެން ވެސް ދަސްކުރަން ޖެހެނީ،" ޗަންދުރަޗޫރް ބުންޏެވެ.

ދަރިފުޅު ތަންކޮޅެއް ބޮޑުވުމުން އަނެއްކާވެސް ފިލްމީ މަސައްކަތް ޗަންދުރަޗޫރް ވަނީ ފަށާފަ އެވެ. ވެބް ސީރީޒް "އާރްޔާ"ގައި ސުޝްމިތާ ސެން އާއެކު ޗަންދުރަޗޫރް ބައިވެރިވެ ވަރަށް މޮޅު އެކްޓިން އެްއ ދައްކާފައި ވެއެވެ. އަދި އޭނާގެ ރޯލަށް ކްރިޓިކްސް އާއި ބެލުންތެރިން ވަރަށް ބޮޑަށް ތައުރީފުކޮށްފައި ވެސް ވެއެވެ.