ކައިވެނި ކުރާނީ ކޮންއިރަކުންތޯ އަބަދުވެސް ގިނަ ބަޔަކު ސަލްމާން ޚާނާ ސުވާލު ކުރެ އެވެ. މިއީ ސަލްމާނުގެ އެތައް މިލިއަނުން ފޭނުންނަކާއި އިންޑަސްޓްރީގައި އެކުގައި މަސައްކަތްކުރާ މީހުންގެ ހިތުގައި ވެސް އުފެދިފައިވާ ބޮޑު ސުވާލެކެވެ.
އެންމެ ގިނައިން ކުރެ ފޭނުންނާއި ބޮލިވުޑް އެކުވެރިވެރިން އަބަދުވެސް އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ސުވާލުތައް ކުރެ އެވެ. ނަމަވެސް ސަލްމާނަށް ވެސް އެ ސުވާލުގެ ޖަވާބު އެނގޭ ކަމަކަށް ނުވެ އެވެ.
ފިލްމު އިންޑަސްޓްރީ އާއި ސޯޝަލް މީޑިއާގައި ވެސް ރަސްކަންކުރާ ސަލްމާން، 55، ކައިވެންޏާ މެދު ދެކޭ ގޮތް ވަރަށް ގިނަ ފަހަރަށް ގިނަ ގޮތްގޮތަށް ކިޔައިދިފައި ވެއެވެ. އެގޮތުން 1990 ގެ އަހަރުތަކުގައި ފިލްމުފެއާ އިންޓަވިއު އެއްގައި ސަލްމާން ބުނެފައި ވަނީ އޭނާ ކައިވެނި ކުރާނީ މައިންބަފައިންގެ ގެއިން އެ އަންހެނަކަށް ލިބޭ އެއްޗަކަށް ވުރެ ރަނގަޅު އެއްޗެއް އެ އަންހެނަކަށް ދެވޭ ދުވަހަކުން ކަމަށެވެ. އޭރު ސަލްމާން އުޅެނީ ސަންގީތާ ބިޖިލާނީ އާ ރައްޓެހި ވެގެނެވެ. އަދި އޭނާގެ ފިލްމީ ކެރިއަރު ވެސް އޭނާ އެހާ ރަނގަޅަށް ހިނގައެއް ނުގަނެ އެވެ.
އޭގެ ފަހުން 2019 އާ ހަމައަށް އައިއިރު ކައިވެންޏާ މެދު ސަލްމާން ދައްކާ ވާހަކަ ވަނީ މުޅިން ބަދަލުވެފަ އެވެ. މިހާރު އޭނާ ބުނަނީ ކައިވެންޏަކީ އޭނާ ގަބޫލުކުރާ އެއްޗެއް ވެސް ނޫން ކަމަށެވެ. ކައިވެންޏަކީ "މަރުވަމުންދާ އިންސްޓިޓިއުޝަނެއް" ގެ ގޮތުގައި ސަލްމާން ސިފަ ކުރި އެވެ.
ސަލްމާން ހޯސްޓްކުރާ ރިއަލިޓީ ޝޯ "ބިގް ބޮސް" ގެ އެކި ސީޒަންތަކުގައި ވެސް އޭނާގެ ކައިވެންޏާ ބެހޭ ގޮތުން ވަރަށް ގިނަ ޖޯކުތައް ޖަހާފައި ވެއެވެ. އެގޮތުން "ބިގް ބޮސް" ގެ 2017 ގައި ދެއްކި ސީޒަންގައި ސަލްމާނާ މީހަކު އެ ސުވާލު ކުރުމުން އޭނާ މަޖަލަކަށް ހަދާފައި އެ ސުވާލުކުރި މީހާ ކައިވެނި ނުކޮށް ހުރިނަމަ އޭނާ އާ ކައިވެނި ކޮށްފީސް ކަމަށް ބުންޏެވެ.
ޅަ އުމުރުގައި ކައިވެނި ކުރި ނަމަ މިހާރު އޭނާ ވަރުގެ ކާފަ ދަރިން ތިބީސް ކަމަށް "ބިގް ބޮސް 14" އިގެ ގްރޭންޑް ފިނާލޭގައި ބައިވެރިވި ޒުވާން ކުއްޖެއް ކައިރީގައި ސަލްމާން ބުނެފައި ވެއެވެ.
ސަލްމާންގެ އެކުވެރިޔާ އަދި ޕްރޮޑިއުސަރު ސާޖިދު ނާދިއަދްވާލާގެ ތަންކޮޅެއް ކުރީގެ އިންޓަވިއު އެއްގައި ބުނެފައިވާ ގޮތުގައި އެއް ފަހަރަކު ސަލްމާން ކައިވެނި ކުރަން ނިންމައި ތާރީހު ވެސް ކަނޑައެޅި އެވެ. އެއީ ނޮވެމްބަރު، 18، 1999 އެވެ. އަދި މި ދުވަހު ކައިވެނި ކުރަން ދައުވަތު ކާޑު ވެސް ބެހި އެވެ. ނަމަވެސް ކައިވެންޏަށް ހަ ދުވަހަށް ވެފައި ވަނިކޮށް ކުއްލިއަކަށް ކައިވެނި ނުކުރަން ނިންމީ އެވެ. އެ ފަހަރު އޭނާ ކައިވެނިކުރަން އުޅުނީ ސަންގީތާ އާއެވެ.
މިހާރު ސަލްމާނުގެ ގިނަ އެކުވެރިން ގަބޫލު ކުރަނީ އޭނާ ދުވަހަކު ވެސް ކައިވެންޏެއް ނުކުރާނެ ކަމަށެވެ.