އެމްޑީޕީގެ ފުރަތަމަ ރައީސް އަދި މާލޭގެ ކުރީގެ މަޖިލިސް މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ގެ މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށް ދައުލަތުން އެއްބަސްވި މުއްދަތު ހަމަވިއިރު ފައިސާ ލިބިފައި ނުވާ ކަމަށް އިބްރާ ވިދާޅުވެއްޖެ އެވެ.
ސިވިލް ކޯޓުގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާ ނުވަތަ ޝަރީއަތަށް މައްސަލަ ނުގެންގޮސް ހައްލުކުރާ މަރުހަލާގެ ތެރެއިން މަންދު ކޮލެޖަށް ބަދަލު ދިނުމުގެ މައްސަލަ ހައްލުކޮށް އެއްބަސްވުމަކަށް އައީ ދައުލަތުގެ ވަކީލުންނާއި މަންދު ކޮލެޖު ހިންގާ މާލެ ހައި ޕްރައިވެޓް ލިމިޓެޑްގެ ވަކީލުން ސިވިލް ކޯޓުގައި މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ބައްދަލު ކުރެއްވުމަށް ފަހު އެވެ.
މަންދު ކޮލެޖުން ބަދަލު ހޯދަން ދައުވާ ކުރީ ކުރިން، މާލެ އިންގްލިޝަން ސްކޫލު (އެމްއީއެސް) ހިންގި އިމާރާތުގައި އެ ކޮލެޖު ހިންގަމުން ދަނިކޮށް އެތަނުން އެ ކޮލެޖު ބޭރު ކޮށްލި މައްސަލާގައި ލިބުނު ގެއްލުމުގެ ބަދަލު ނަގަން ދައުވާ ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރުމާ ގުޅިގެންނެވެ.
މަންދު ކޮލެޖުން އެދުނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 18 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ދައުލަތުން ހުށަހެޅީ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދިނުމަށާއި އެ ފައިސާ އެއްމަސް ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑުން ވަނީ ދައުލަތުގެ ހުށަހެޅުން ބަލައިގަނެ މައްސަލަ ނިންމަން އެއްބަސްވެފަ އެވެ.
މިކަމާ ގުޅިގެން މިއަދު އަވަސް އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިބްރާ ވިދާޅުވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ލިބެންޖެހެނީ މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އެކަމަކު މިހާތަނަށް ފައިސާ ލިބިފައި ނެތް ކަމަށާއި ދެން އެކަމުގައި އަމަލުކުރާނެ ގޮތެއް ބައްލަވަމުން ގެންދަވާ ކަމަށެވެ.
"އަޅުގަނޑުމެންނަށް ބަދަލު ދޭން ޖެހުނީމާ މަޖިލީހުގެ ތެރެއިން ބައެއް މެންބަރުންގެ ފަރާތުން އެ ކުރި ޕްރެޝަރުތަކާ ގުޅިގެން ވެސް ލަސްވީ ކަމަށް ވެދާނެ. ބައެއް ފަހަރު އެބަ ބުނޭ ކޯޓަށް ފައިސާ ފޮނުވި ކަމަށް ވެސް. އެކަމަކު ލިޔުމަކުން އެ ޖަވާބެއް ނުލިބޭ،" އިބްރާ ވިދާޅުވި އެވެ.
މަންދު ކޮލެޖަށް ގެއްލުމުގެ ބަދަލަށް ދޭން ޖެހޭ 15 މިލިއަން ރުފިޔާ ދީފައި ނުވާ މައްސަލާގައި ބަންޑާރަނައިބްގެ އޮފީހާއި ފިނޭންސް މިނިސްޓްރީގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.
އެމްއީއެސް ހިންގި އިމާރާތް ނުވަތަ މިހާރުގެ އިއްޒުންދީން ސްކޫލުގައި މަންދު ކޮލެޖު ހިންގަން އެ އިމާރާތް ހަވާލުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. މާލެ ހައި ޕްރައިވެޓް ލިމިޓެޑާ އެކު ސޮއި ކުރި އެއްބަސްވުން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރީ 2015 ވަނަ އަހަރުގެ ތެރޭގަ އެވެ.
މިކަމާ ގުޅިގެން ކޮލެޖު ހިންގަން ކުއްލި ގޮތަކަށް ތަނެއް ހޯދައި ވަސީލަތްތައް ގާއިމުކުރަން ޖެހުމުގެ ސަބަބުން މަންދު ކޮލެޖުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި ކޯޓުން ނިންމީ އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ކަމަށެވެ. މަންދު ކޮލެޖުން އެ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކުރުމުން ހައިކޯޓުން ވަނީ ދަށު ކޯޓުގެ ހުކުމް ބާތިލްކޮށްފަ އެވެ. ދައުލަތުގެ ފަރާތުން ހައިކޯޓުގެ ހުކުމް އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުން ވަނީ ހައިކޯޓުގެ ހުކުމަށް ތާއީދުކޮށް އެއްބަސްވުން ބާތިލްކުރީ ރަނގަޅަށް ނޫން ކަމަށް ހުކުމް ކޮށްފަ އެވެ. އަދި ބަދަލު ހޯދަން މަންދު ކޮލެޖަށް ދައުވާ ކުރެވޭނެ ކަމަށްވެސް ހުކުމްގައި ކަނޑައަޅާފައިވެ އެވެ.
ސަރުކާރަށް ފާޑު ކިޔުން ވަރަށް ބޮޑަށް އިތުރުވެފައިވާއިރު މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލަކީ އިބްރާގެ ކޮއްކޮ އެކެވެ.