ޓާޓާ ފްލެޓް މައްސަލަ

250 މިލިއަން ޑޮލަރުގެ ބަދަލުގެ މައްސަލަ ޓާޓާއިން ގެންގޮސްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ފްލެޓު އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބާތިލްކުރުމާ ގުޅިގެން ބަދަލު ހޯދުމަށް ޓާޓާ ކުންފުނިން އާބިޓްރޭޝަނަށް ހުށަހަޅާފައިވާ މައްސަލަ މިއަދު އަނބުރާ ގެންގޮސްފި އެެވެ.

ޓާޓާ އިން މައްސަލަ ގެންގޮސްފައި މިވަނީ އެ ކުންފުންޏާ އެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގައި މައްސަލަ ހައްލުކުރުމަށް ދެ ފަރާތުން އެއްބަސްވެ ގޮތްތަކެއް ނިންމުމުންނެވެ.

އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި، ޓާޓާ ކުންފުންޏާ އެކު ދިވެހި ސަރުކާރުން ހަދާފައިވާ އެއްބަސްވުމާ އެއްގޮތަށް ފްލެޓްތައް އަޅަމުން ނުދާ ކަމަށް ބުނެ ރައީސް ޔާމީންގެ ސަރުކާރުގައި އެއްބަސްވުން ބާތިލްކުރީ އޭޕްރީލް 19، 2017ގައެވެ.

އެއްބަސްވުން ބާތިލްކުރުމާ ގުޅިގެން ޓާޓާ ކުންފުނިން ވަނީ 250 މިލިއަން ޑޮލަރުގެ ބަދަލެއް ހޯދުމަށް އިންޑިއާގެ މުމްބާއީގެ އާބިޓްރޭޝަން ސެންޓަރަށް 2018 ވަނަ އަހަރު މައްސަލަ ހުށަހަޅާފަ އެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި މާލޭގައި ފްލެޓް އަޅަން ޓާޓާ އަށް ހަތަރު ބިމެއް ދީފައިވެ އެވެ. އޭގެތެރެއިން ގާކޮއްޓާއި އަރަބިއްޔާ ހުރި ބިމުގައި ސޯޝަލް ހައުސިންގެ ގޮތުގައި 280 ފްލެޓު އަޅާފައިވެ އެވެ. ޓާޓާ ކުންފުނިން ފްލެޓް އަޅާތީ ސަރުކާރުން ދޭން ޖެހޭ ރަށެއް ނުދީ އޮތް ކަމަށް ބުނެ ބާކީ އޮތް ދެ ބިމުގައި އަޅަންޖެހޭ ފްލެޓްތައް ޓާޓާ އިން މިއަދާ ހަމައަށްވެސް އަޅާފައެއް ނުވެ އެވެ. އެއްބަސްވުމުގެ ދަށުން އޯޑިއޯން ހުރި ބިމުގައި މަތީ ފަންތީގެ 54 ފްލެޓް އަދި ނާދީ ހުރި ބިމުގައި މަތީ ފަންތީގެ 74 ފްލެޓާ އެކު ޖުމްލަ 128 ފްލެޓް ޓާޓާ އިން އަޅަންޖެހެ އެވެ.

ޓާޓާ އިން ބަދަލު ހޯދުމަށް ހުށަހަޅާފައިވާ މައްސަލަ އެ ކުންފުންޏަށް ކާމިޔާބުވެދާނެ ކަމަށް ފެންނާތީއާއި ބަދަލުގެ ގޮތުގައި ދޭން ޖެހޭ އަދަދު ބޮޑުވުމުން މިސަރުކާރުން މިހާރު ވަނީ ޓާޓާ ކުންފުންޏާ އެކު އާ އެއްބަސްވުމެއް ހަދާފަ އެވެ. އެނގިފައިވާ ޓާޓާ އިން ބޭނުންވެގެން އުޅޭ ރަށް -- ޅ. ޅޮއްސަލަ ފުށި އަލުން އެ ކުންފުންޏަށް ދިނުމަށް ސަރުކާރުން ވަނީ އާ އެއްބަސްވުމުގައި ހިމަނާފަ އެވެ. އަދި ފްލެޓް އަޅަން ފަށާފައި ނުވާ ދެ ބިމުގައި މަތީ ފެންވަރުގެ ޖުމްލަ 120 ފްލެޓް އެޅުމަށް ވަނީ އެއްބަސްވެފަ އެވެ.