ފުވައްމުލަކުގެ މަގު ހެދުމުގެ މަޝްރޫއާ ގުޅޭގޮތުންނާއި އެރަށަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތަކާއި ދަތިތަކަށް ހައްލެއް ހޯދުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމު ކަމާ ގުޅޭ އިދާރާތަކާ އެކު މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
މި ބައްދަލުވުމުގައި ޕްލޭނިން މިނިސްޓްރީގެ އިސް ބޭފުޅުންނާއި، އެމްޓީޓީސީގެ ބޭފުޅުންނާއި، ފުވައްމުލައް ސިޓީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ފުވައްމުލައް ސިޓީގެ ކައުންސިލްގެ މޭޔަރާއި ކައުންސިލް މެންބަރުންގެ އިތުރުން ފުވައްމުލަކުގެ އެކި އިދާރާތަކުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.
އޮންލައިންކޮށް މިއަދު މެންދުރުފަހު މިބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ ދެ ބަޔަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ މަޝްވަރާ ކުރެއްވީ ފުވައްމުލަކުގައި ފެން ބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މަގުހެދުމުގެ މަޝްރޫއުގެ ތެރެއިން ކުރިއަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންނެވެ.
މި ބައްދަލުވުމުގައި ފުވައްމުލަކުގެ ކައުންސިލުން ވަނީ ސްޓޯމް ވޯޓާ ސިސްޓަމާއި ނުހަދާ ހުރި މަގުތައް ގުޅުވޭ ގޮތަށް ސްޓޯމް ސިސްޓަމް އިސްލާހު ކުރަން ޖެހޭނަމަ އިސްލާހުކުރަން ބޭނުންވާ ކަމުގައި ބުނެފަ އެވެ. މީގެ އިތުރުން މަގުގެ ކާނުތަކުގެ ސްލެބު ދަށުން އަޅާފައިވާ ހުރިހާ ހޮޅިތައް ނަގައި ސްލެބް ދަށުން ޖާގަ ތަނަވަސް ކުރަން އަދި ކަލްވަޓްތައް ފުޅާކުރުމަށް ބޭނުންވާ ކަމުގައިވެސް ކައުންސިލުން ފާހަގަކޮށްފައިވެ އެވެ. މީގެ އިތުރުން މަގު ހެދުމުގައި ސަމާލުކަން ދިނުމުގައި ހުރި މުހިއްމު ކަންކަމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެއްވި އެވެ.
އެއަށްފަހު މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ ކޮވިޑް-19ގެ މި ހާލަތުގައި ރައްޔިތުންގެ ރައްކާތެރިކަމަށް އަޅާފައިވާ ފިޔަވަޅުތަކާއި، އެކި އިދާރާތަކުން ދެމުންދާ ހިދުމަތްތައް ރަނގަޅުކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި އެ މުއައްސަސާތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންނެވެ. އެގޮތުން ފުވައްމުލަކުގެ ހޮސްޕިޓަލަށް ކުރިމަތިވެފައިވާ ދަތިތަކާއި، ވެމްކޯގެ މަސައްކަތްތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މި ބައްދަލުވުމުގައި މަޝްވަރާ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސް ވަނީ ފެން ބޮޑުވުމުގެ މައްސަލަ މި ފަހުން ދިމާ ނުވާ ވަރަށް ފުވައްމުލަކުގައި މިހާރު އެމައްސަލަ ދިމާވާކަން ފާހަގަކުރައްވާފަ އެވެ. އަދި އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާތީ، އެމައްސަލައަށް އަވަސް ހައްލެއް ހޯދުމަށް ޕްލޭނިންގ މިނިސްޓްރީގެ ޓީމަކާއި އެކު މަސައްކަތް ކުރުމަށް އެމަނިކުފާނު ލަފާ ދެއްވި އެވެ. އަދި ފުވައްމުލަކުގެ ހޮސްޕިޓަލަށާއި އެހެން މުއައްސަސާތަކަށް ކުރިމަތިވާ ކަންކަމުގައި އެކަމާ ގުޅޭ މިނިސްޓްރީ ތަކާއި މަޝްވަރާ ކުރައްވާ އެކަމަށް ހައްލު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ނައިބް ރައީސް ވަނީ ވިދާޅުވެފަ އެވެ.