ފައިސަލް ނަސީމް

ނައިބް ރައީސް ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައިފި

Oct 26, 2021

ނައިބް ރައީސް ފައިސަލް ނަސީމް މިއަދު ފުވައްމުލަކަށް ވަޑައިގެން އެ ސިޓީގެ ކައުންސިލާ ބައްދަލުކުރައްވައިފި އެވެ.

މިބައްދަލުވުމުގައި ނައިބް ރައީސް ވިދާޅުވީ ފުވައްމުލަކުގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ސަރުކާރުން ހިނގަމުންދާ ކަމަށާއި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ފުވައްމުލަކުގެ ތަރައްގީއަށް ކުރެވޭ އެންމެހާ މަސައްކަތްތަކަކީ ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް ހިނގާ މަސައްކަތްތަކަކަށް ހެދުމަށް ކަމަށެވެ. ފުވައްމުލަކުގެ ތަރައްގީއާ ގުޅޭ އެންމެހާ ކަންކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަރަށް ގާތުން ބައްލަވާ މަސައްކަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ފުވައްމުލަކުގެ ކައުންސިލަރުން ވަނީ އެ ސިޓީގެ ތަރައްގީއާއި ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންކަމާބެހޭ ގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާ ކުރައްވާފަ އެވެ. އެގޮތުން ކައުންސިލުގެ ފަރާތުން ފާހަގަކުރެއްވި ބައެއް ކަންކަމުގެ ތެރޭގައި ފުވައްމުލަކުގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތާއި މޮޑެލް ސްކޫލް ކޮންސެޕްޓަށް ސްކޫލް ތަރައްގީކުރުމާއި ހޮސްޕިޓަލަށް އިތުރުކުރަން ބޭނުންވާ ބައެއް ހިދުމަތްތަކާ ބެހޭ ވާހަކަތައް ހިމެނެ އެވެ.

ކައުންސިލަރުން ފާހަގަކުރެއްވި އެހެން ބައެއް ކަންކަމުގެ ތެރޭގައި، ފުވައްމުލައް ސިޓީގެ ޕަވާ ހައުސްގެ މަސައްކަތާއި ލަފާ ފުރުމުގެ މައްސަލައިގެ އިތުރުން ރައްކާތެރިކަމާއެކު މޫދަށް ދެވޭނެ ގޮތެއް ނެތުމާއި، ސްކޫލް ކުދިންނަށް ޓެބްލެޓްތައް ބޭނުން ކުރުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުން ހިމެނެ އެވެ. އަދި ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ފުވައްމުލަކާއި ހުވަދު އަތޮޅާ ދެމެދު އޮތް ގުޅުން ކެނޑިފައި އޮތުން ފާހަގަކުރައްވާ އެކަންކަން ހައްލުކުރުމަށް ކުރެވެން ހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ފުވައްމުލަކުގެ ކައުންސިލަރުން ވަނީ އެ ސިޓީގެ ހޮސްޕިޓަލުގެ ހާލަތު ރަނގަޅުކުރުމަށް ސަރުކާރުން ކުރާ މަސައްކަތް ފާހަގަކުރައްވާފަ އެވެ.

ކައުންސިލަރުން މައްސަލަތައް ފާހަގަކުރެއްވުމުން ނައިބް ރައީސް ވަނީ އެ މައްސަލަތައް ހައްލުކޮށްދިނުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ އެންމެ ފަހުގެ މައުލޫމާތު އެ ފަރާތްތަކާއި ހިއްސާކުރައްވާފަ އެވެ. މައްސަލަތަކަށް ހައްލު ހޯދުމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން ކުރެވެންހުރި ކަންކަން ދެނެގަނެ އެފަދަ އެހީތެރިކަމެއްވާނަމަ އެކަން ހައްލުކުރުމަށް ކުރެވެންހުރި މަސައްކަތްތައް އެ އިދާރާތަކާއި ގުޅިގެން ކުރިއަށް ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބް ރައީސްގެ އަރިހު ސަރުކާރުގެ ބައެއް އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުކުރެއްވުމަށްފަހު ނައިބް ރައީސް ވަނީ ޏ. އަތޮޅު ތައުލީމީ މަރުކަޒަށް އިތުރުކުރެވޭ ބައިގެ ބިން ބައްލަވާލައްވާފަ އެވެ.