ހަބަރު

ނަމޫނާ ކަޅުއޮށްފުންމި މިމަހު މޫދަށް ބާލަނީ

ރާއްޖެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވާގެން ބަންނަމުންދާ ނަމޫނާ ކަޅުއޮއްފުންމީގެ މަސައްކަތް މިމަހު ފަހުކޮޅު ނިމި މޫދަށް ބާލާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެފި އެވެ.

މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ވިދާޅުވީ ހދ. ނޭކުރެންދޫގައި ބަންނަމުންދާ 15 ރިޔަނުގެ ކަޅުއޮއްފުންމީގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިޔަށް ދާ ކަމަށާއި މިހާރު މަސައްކަތް ނިމުމާ ގާތް ވެފައިވާ ކަމަށެވެ. އަދި މިމަހު ފަހުކޮޅު އެމަސައްކަތް މުޅިން ނިންމާ ދޯނި މޫދަށް ބާލާނެ ކަމަށެވެ.

"ކަޅުއޮއްފުންމީގައި ހުންނާނީ ތިން ރިޔާ. އެ މަސައްކަތްވެސް ގާތްގަނޑަކަށް ނިމެނީ. އޭގެ މަތީގައި އަޅައި ފަށްގަނޑުގެ މަސައްކަތް ވެސް ކުރަމުން ދަނީ އަދި މިހާރު ކަޅުއޮއްފުންމީގެ ހަލް ބަނދެ ނިމިފައިވަނީ. ދޯންޏަށް ބޭނުންވާ ހުންގާނާއި ފަރުމާނު ވެސް މިހާރު ވަނީ ނިމިފައި، އެހެންވެ މިމަހު ފަހުކޮޅުގައި އެކީ ބަންދެ ނިމި މޫދަށް ބޭލޭވަރުވާނެ،" ސަލީމް ވިދާޅުވި އެވެ.

ސަލީމް ވިދާޅުވީ ގޮތުގައި ޕޯޗުގީޒުންގެ އަތް ދަށުން ރާއްޖެ މިނިވަން ކުރުމުގެ ޖިހާދުގައި ބޭނުންކުރި އުޅަނދު ކަޅުއޮއްފުންމި ނަމޫނާ މޮޑެލް އެއް އަލުން ބަނުމުގެ މަސައްކަތް ނިންމުމަށްފަހު މާލެ ގެންނާނީ އަންނަ މަހު އުތީމުގައި ގައުމީ ދުވަސް ފާހަގަ ކުރުމަށް ފަހު އެވެ. އަދި މާލެ ގެނެސް ކަޅުއޮއްފުންމި މާލެ ވަށާ ބުރެއްޖެހުމަށް ފަހު ސަލްޓަން ޕާކުގައި އާމުންނަށް ދައްކާލުމުގެ ގޮތުން ދޯނި ސަލްޓަން ޕާކަށް އެހެލާނެ ކަމަށެވެ.

މިލިއަނެއްހާ ރުފިޔާ ހަރަދުކޮށްގެން ބަންނަ ކަޅުއޮއްފުންމީގެ މަސައްކަތް ނިންމަން އޮތީ އޯގަސްޓަށެވެ. ނަމަވެސް ބައެއް ސާމާނު ހޯދުމުގައި ދަތިތަކާކާ ކުރިމަތިވެ ލަސްވީ އެވެ.