ޓޫރިޒަމް

"ޓޫރިޒަމް ރިކަވަރީގެ އަސްލަކީ ގުޅިގެން ކުރި މަސައްކަތް"

May 27, 2021
4

ރާއްޖޭގެ ޓޫރިޒަމް ރިކަވަރީގެ އަސްލަކީ ހުރިހާ ފަރާތްތަކެއް ގުޅިގެން ކުރަމުން ގެންދާ މަސައްކަތް ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅު ވެއްޖެ އެވެ.

ކޮވިޑް-19 އަށްފަހު ޓޫރިޒަމް މި ބަލިން އަރައިގަނެ ދެމެހެއްޓެނިވި ގޮތެއްގައި ޓޫރިޒަމް ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން ސައޫދީ އަރަބިއްޔާގައި އިއްޔެ ބޭއްވި "ރިކަވަރީ ސަމިޓް" ގައި މިނިސްޓަރު މައުސޫމް ވިދާޅުވީ ކޮވިޑް-19 އަށްފަހު ދިވެހި ޓޫރިޒަމް ވަރަށް ބޮޑުތަން ރިކަވާ ވެފައިވާ ކަމަށެވެ. އޭގެ ސިއްރަކީ ގުޅިގެން ކުރާ މަސައްކަތް ކަމަށެވެ.

"މިކަމުގެ [ރިކަވަރީ] ގެ ހަގީގީ ސިއްރަކީ އިންޑަސްޓްރީގެ ހުރިހާ ބޭފުޅުންގެ އެއްބާރުލުމާއި ރައްޔިތުންނާއި ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން އަދި ޓޫރިސްޓުންގެ ސަލާމަތްތެރިކަމަށް ސަރުކާރާއި އިންޑަސްޓްރީން ދިން އަހަމިއްޔަތު،" މައުސޫމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުންގެ 60 ޕަސެންޓް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށާ އެހެން ކަމުން ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރި މަންޒިލެއް ކަމަށެވެ.

މި ސަމިޓުގައި ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގެ އިސް ގިނަ ވެރިން ބައިވެރިވި އެވެ. މި ސަމިޓުގައި ބައިވެރިވި އެންމެ އިސް ބޭފުޅަކީ ދުނިޔޭގެ ޓޫރިޒަމް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލެވެ.

ކޮވިޑް-19 ގެ ބަލި ފެނުމާއެކު މިދިޔަ އަހަރުގެ މާޗް މަހު ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަލުން ހުޅުވީ ޖުލައި މަހު އެވެ. މިދިޔަ އަހަރު 500،000 އަށް ވުރެ ގިނަ ޓޫރިސްޓުން ޒިޔާރަތް ކުރި އެވެ. އަދި މި އަހަރުގެ މިހާތަނަށް 445،558 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެ އެވެ.