ދުނިޔެ

ސައުދީ ވައިގެ ސަރަހައްދު ބޭނުންކުރަން އިޒްރޭލަށް ހުއްދައެއް ނުދިން

އިޒްރޭލުން ފުރައިގެން ޑުބާއީއަށް ދާން އޮތް ފްލައިޓެއް ކެންސަލްކުރަން ޖެހިއްޖެ އެވެ.

އިޒްރޭލުގެ އަސްކަރީ ރޭޑިއޯއިން ބުނީ ފުލައިޓަށް މަގުބަންދުވީ ސައުދީގެ ވައިގެ ސަރަހައްދު ބޭނުންކުރަން ފްލައިޓަށް ހުއްދަ ނުދިނުމުން ކަމަށެވެ.

ސައުދީގެ ވައިގެ ސަރަހައްދު ބޭނުންކުރަން އިޒްރޭލް ފްލައިޓަކަށް ހުއްދަ ނުދިން ސަބަބެއް ނޭގެ އެވެ. އެހެން ނަމަވެސް ފާއިތުވި އަހަރު ނޮވެމްބަރުން ފެށިގެން އިޒްރޭލުގެ ފްލައިޓްތަކަށް ސައޫދީގެ ވައިގެ ސަރަހައްދު އޮތީ ހުޅުވާލާފަ އެވެ.

އިޒްރޭލުން، ޔުނައިޓެޑް އަރަބް އެމިރޭޓްސްއަށް ދަތުރުކުރާ ފްލައިޓްތައް ސައޫދީގެ ވައިގެ ސަރަހައްދު ހުރަސް ކުރަނީ މަގު ކުރުކުރާށެވެ.

ސައޫދީ ވައިގެ ސަރަހައްދު ހުރަސްކޮށް ދާނަމަ އިޒްރޭލުން ދުބާއީއަށް ތިންގަޑިއިރުން ދެވެ އެވެ. އެނޫން ގޮތެއްގައި އަށްގަޑިއިރު ހޭދަކުރަން ޖެހެ އެވެ.

އިޒްރޭލުގެ އަސްކަރީ ރޭޑިއޯއިން ބުނި ގޮތުން ދަތުރުވެރިން ބެން ގޫރިއޮން އެއާޕޯޓްގައި 10 ގަޑިއިރު ހޭދަކުރަން ޖެހުނެވެ. އަދި ފްލައިޓް ކެންސަލްވުމުން އެނބުރި ގެއަށް ދިއައީ އެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސްއާ އެކު އިޒްރޭލުން ގުޅުން ބަދަހިކުރި ފަހުން އިޒްރޭލުގެ އެއާލައިންތަކުން ޑުބާއީއަށް ފްލައިޓްތައް އޮޕަރޭޓްކުރެ އެވެ. އިޒްރޭލުގެ އިޒްރެއާ އިން ވެސް ދުވާލަކު ދެފްލައިޓް އުދުހެ އެވެ. އަދި މިނޫން ފްލައިޓްތައް ވެސް ދަތުރުކުރެ އެވެ.

އެމެރިކާ މެދުވެރިވެ އިޒްރޭލުން ޔޫއޭއީއާ ގުޅުން ބަދަހިކުރީ ސެމްޓެމްބަރު 2020 ގައެވެ. އެއަށް ފަހު ދެ ގައުމުން ވިޔަފާރިއާ ޓޫރިޒަމް އަދި ބޭންކިން ފަދަ ޚިދުމަތްތަކުގައި އެއްބާލުންދެ އެވެ.