ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުކަށި ކޮށްފައިވާއިރު ކަސްރަތަށް ނިކުންނަށް ހުއްދަ ނުދޭނެ ކަމަށް ފުލުހުން ބުނެފި އެވެ.
މިއަދު އަމަލުކުރަން ފެށި އާ ފިޔަވަޅުތަކާއެކު މާލެ ސަރަހައްދުގައި ހަވީރު ހަތަރަކުން ހެނދުނު އަށަކަށް 16 ގަޑިއިރު ކާފިއު ހިންގާނެ އެވެ. އަދި ކާފިއު ނޫން ވަގުތުވެސް ބޭރުގައި އުޅެވޭނީ ފުލުހުން ދޭ އެ ހުއްދައެއްގެ ދަށުންނެވެ.
ހުއްދަ ހޯދައިގެން ކަސްރަތަށް ނިކުމެވޭނެތޯ އާއި ކަސްރަތު ކުރާ މީހުންނަށް ހާއްސަ ވަގުތެއް ކަނޑައަޅާފައިވޭތޯ އެތައް ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. މީގެ ކުރިންވެސް ފިޔަވަޅުތައް ހަރުކަށި ކުރި ދުވަސްތަކުގައި އުމުރުން ދުވަސްވީ މީހުންނާއި ސިއްހީ މައްސަލަތަކާއި ގުޅިގެން ކަސްރަތު ކުރާ މީހުންނަށް ހާއްސަ ވަގުތުތަކެއް ކަނޑައެޅިއެވެ. އެގޮތުން ފަތިހު ފަހަކުން ހެނދުނު އަށަކަށް އެ ހުއްދަ ދިނެވެ. އޭރު މާލެ ސިޓީ އޮތީ ލޮކްޑައުންގެ ހާލަތުގައެވެ.
މިރޭ އެޗްއީއޯސީގެ ނޫސްވެރިންގެ ބައްދަލްވުމުގައި އެކަމާއި ގުޅޭގޮތުން ސުވާލު ކުރުމުން ޗީފް ސްޕްރިޓެންޑެންޓް އަބްދުﷲ ޝަރީފް ވިދާޅުވީ މިހާރު ނެރެފައި އޮތް ގައިޑްލައިންގެ ދަށުން މަގުމަތީގައި ކަސްރަތު ކުރުމުގެ ފުރުސަތެއް ނެތް ކަަމަށެވެ.
"މިހާރު މި ނެރެފައި އޮތް ގައިޑްލައިންގެ ދަށުން އެއްވެސް ބޭފުޅަކަށް ކަސްރަތު ކުރުމުގެ ފުރުސަތެއް މަގުމަތީގައި ނޯންނާނެ. އަޅުގަނޑުމެންނަށް ޕާމިޓަކުން އެ ހުއްދައެއް ދޫނުވެސް ކުރެވޭނެ. ދެން ބޭފުޅަކު މަގުމައްޗަށް ނިކުމެ ކަސްރަތު ނުކުރާނެ ވާހަކައެއް ނޫން އަދި ދުވަންވެސް ނުދާނެ ވާހަކައެއް ނޫން. އެހެން ނަމަވެސް އެކުރެވެނީ ގައިޑްލައިނާ ހިލާފު ކަމެއް. އެއްވެސް ހާލަތެއްގައި މިހާރަކު އެއްވެސް ގަޑިއެއްގައި ހުއްދައެެއް ނުކުރަން މަގުމައްޗަށް ނިކުމެ ކަސްރަތު ކުރާކަށް،" ޝަރީފް ވިދާޅުވިއެވެ.