ހުޅުމާލޭ މެޑިކަލް ފެސިލިޓީ

ފެސިލިޓީގެ އަނިޔާ؛ މި ސުވާލުތަކަށް ޖަވާބުދީ

ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދިޔަ އުމުރުން ދުވަސްވީ މީހަކަށް އޭނާގެ ކައިރީގައި ހުރި މީހަކު އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯއެއް އިއްޔެ ވަނީ އާންމުވެފަ އެވެ. އެ ވީޑިއޯ އާންމުވިތާ އިރުކޮޅެއްގެ ފަހުން ސަރުކާރުން ވަނީ ވީޑިއޯގެ ހަގީގަތް އޮޅުން ފިލުވައިދީފަ އެވެ.

ވީޑިއޯއިން އެ ފެންނަނީ ކޮވިޑް-19 ޖެހިގެން ފަރުވާއަށް މެޑިކަލް ފެސިލިޓީއަށް ގެންގޮސްފައިވާ ދޮށީ އުމުރުގެ ދިވެހި ރައްޔިތެކެވެ. އޭނާގެ ކައިރީގައި އެ ހުރީ އޭނާގެ ކަންކަން ބެލެހެއްޓުމަށް ހުރި އެހީތެރިޔާ އެވެ. އެއީ އާއިލާއިން ފޮނުވާފައި ހުރި ބަންގްލަދޭޝް މީހެކެވެ.

ވީޑިއޯ އާންމުވުމާއެކު ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބުރޫކް އަޒީޒު ޓްވީޓެއް މެދުވެރި ކުރައްވާ ސާފުކޮށްދެއްވީ މި ވާހަކަތަކެވެ. އަދި އޭގެ ކުޑައިރުކޮޅެއްގެ ފަހުން އައިޖީއެމްއެޗުންވެސް ބަޔާނެއް ނެރުނެވެ.

އެ ހޮސްޕިޓަލުން ބަޔާން ނެރުނީ މެޑިކަލް ފެސިލިޓީގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުންނެވެ. އެ ބަޔާނުގައިވެސް ބުނެފައިވަނީ ބަލި މީހާއަށް އަނިޔާކުރީ ފެސިލިޓީގެ މުވައްޒިފެއް ނޫން ކަމަށެވެ. އަދި ފެސިލިޓީން ފެނުނު އަމަލު ބަލައިނުގަން ކަމަށެވެ. މައްސަލަ ބަލަން އިސްވެ ހުށައެޅި ކަމަށެވެ.

މި މައްސަލައާ ގުޅިގެން 31 އަހަރުގެ ބަންގްލަދޭޝް މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފަ އެވެ. އަދި މައްސަލަ ހުށައެޅީ މެޑިކަލް ފެސިލިޓީން ކަމަށްވެސް ބުނެފައިވެ އެވެ.

މެޑިކަލް ފެސިލިޓީގައި އަނިޔާވެރި އަމަލެއް ހިންގާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައި މިވަނީ ފެސިލިޓީގެ އިންތިޒާމުތަކާ ގުޅިގެން އެތައް ބައެއްގެ ޝަކުވާ ފުނިޖެހިފައި ވަނިކޮށެވެ. އިހުމާލާއި އަޅާލުން ކުޑަ ކަމުގެ އެތައް ވާހަކަތައް ބޭރަށް ނިކުމެ އަޑުގަދަކޮށްލާފައި ވަނިކޮށެވެ.

އިއްޔެ އާންމުވި ވީޑިއޯ އިން އެތައް ވާހަކައެއް ބުނެދެ އެވެ. އަދި އެއީ އާއިލާއިން ބަހައްޓާފައި ހުރި މީހަކު ކުރި އަނިޔާ އެކޭ ބުނެ ނިންމާލެވެން އޮތް މައްސަލައެއް ވެސް ނޫނެވެ.

ކަމާބެހޭ އިދާރާތަކުން މައްސަލަ ފިނިކުރަން އެއީ މެޑިކަލް ފެސިލިޓީގެ މުވައްޒިފެއްގެ ފަރާތުން ހިނގި ކަމެއް ނޫން ކަމަށް ބުނި ނަމަވެސް އެފަދަ ހާދިސާއެއް މެޑިކަލް ފެސިލިޓީގައި ހިނގާ ދިއުމަކީ އިދާރާތަކުން ޒިންމާ ނަގަން ޖެހޭނެ ކަމަށެވެ. 274 އެނދުގެ މެޑިކަލް ފެސިލިޓީ އޮތީ ފުރުމާ ގާތުގަ އެވެ. އެހެން ކަމުން އެ ތަނުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ މީހުންގެ ކަައިރީީގައި އާއިލާ މީހަކަށް މިހާރު ހުރެވެނީ ވަރަށް ހާއްސަ ހާލަތްތަކެއްގަ އެވެ.

އިއްޔެގެ ހާދިސާއާ ގުޅިގެން އުފެދޭ ފުރަތަމަ ސުވާލަކީ އެއީ އެވެ. އެޑްމިޓްކޮށްފައި އޮތް ބަލި މީހަކަށް އެހީތެރިވުމަށް ބިދޭސީއަކު ބެހެއްޓުމަށް ހުއްދަ ދިން ދިނުމެވެ. ބަލި މީހަކަށް އެހީތެރިވުމަށް ބަހައްޓަން ހުއްދަ ދޭން ވާނީ އާއިލާއާ ގުޅުން އޮތް މީހެކެވެ. އެކަން ނުވާނަމަ ބަލި މީހުން ބެލުމަކީ މެޑިކަލް ފެސިލިޓީގެ ޒިންމާ އެކެވެ. އެ ޒިންމާ ނުނެގޭނަަމަ އެޑްމިޓް ކޮށްގެން ނުވާނެ އެވެ. އަނެއްކޮޅުން އެ ޒިންމާ ނުނެގެންވީ ސަބަބެއްވެސް އޮވެގެން ނުވާނެ އެވެ. ނަރުހުންނާއި ޑޮކްޓަރުން އަދި އެހީތެރިން އެކަން ކުރާނެވެސްމެ އެވެ. ބިދޭސީއަކު ބަހައްޓަން ހުއްދަ ދޭނަމަ އެ ވެވެނީ އެޑްމިޓް ކުރެވޭ މީހާއަށް ފެސިލިޓީން އެންމެ ރަނގަޅަށް ހިދުމަތް ނުދެވޭނެ ކަމުގެ އިއުތިރާފެކެވެ. އެ ބުނެވެނީ ބަލި މީހާ ރަނގަޅަށް ނުބެލޭނެ ވާހަކަ ނޫން ހެއްޔެވެ.

ފެސިލިޓީގައި ތިބި ބައެއް މީހުން ބުނާ ގޮތުން ބިދޭސީ މީހާ އިއްޔެ އެކި ފަހަރު މަތިން އެ މީހާއަށް އަނިޔާކޮށްފައިވެ އެވެ. ފާހާނާއަށް ގެންގޮސް އަނިޔާ ކުުރުމުން ފާހާނާ ތެރޭ ހުރެ ރޯ އަޑު އެތައް ފަހަރަކު އިވުނެވެ. އެފަދަ ހާދިސާއެއް ހިނގިއިރު ފެސިލިޓީގެ މުވައްްޒިފުންނަށް އެކަން އެނގިފައި ނުވުމަކީ މައްސަލަ އެކެވެ.

ބައެއް ރިޕޯޓްތައް ބުނާ ގޮތުން ބިދޭސީ މީހާގެ ފަރާތުން އެމީހާ އަށް އަނިޔާ ލިބޭ ކަމަށް ފެސިލިޓީގައި ތިބި ނަރުހުންނަށް އެންގި އެވެ. ނަމަވެސް އަޅާ ނުލި އެވެ. އެކަން އަވަސް އަށް ޔަގީން ނުކުރެވުނު ނަމަވެސް އެ ތުހުމަތު އޮތީ އުފެދިފަ އެވެ. އެހެން ކަމުން އެއީ ބަލަން ޖެހޭ ކަމެކެވެ.

އެމީހާ އަށް ބިދޭސީ މީހާ އިތުރު އަނިޔާތަކެއް ކުރިތޯ އަދި އެމީހާއަށް އަނިޔާކުރާކަން އެތަނުން އެއްވެސް ނަރުހަކަށް އެހެން މީހަކު އަންގާފައިވޭތޯ ބަލަން ޖެހެ އެވެ. އެއީ މެޑިކަލް ފެސިލިޓީގެ އިތުބާރު ދެމެހެއްޓުމަށް އަދި ސިއްހީ ހިދުމަތްތެރިންގެ އިތުބާރަށްވެސް ކޮންމެހެން ކުރަން ޖެހޭ ކަމެކެވެ. ރެއާ ދުވާލު ސައުވީސް ގަޑިއިރު އިންސާނީ ހިދުމަތުގައި ތިބި ސިއްހީ ހިދުމަތްތެރިންނަށް މުޖުތަމައުގައި ހައްގު ޝަރަފު އޮންނަން ޖެހެ އެވެ. ތަނުގެ ދޯދިޔާ ސިޔާސަތާއި ހިންގުންތެރި ކަމެއް ނެތް ވެރިންގެ އިހުމާލުން ހިދުމަތްތެރިންނަށް އޮތް އިތުބާރު ގެއްލިގެން ނުވާނެ އެވެ.

ހުޅުމާލެ ފެސިލިޓީ ބެހިފައިވާ ގޮތް
ހުޅުމާލޭގެ މެޑިކަލް ފެސިލިޓީ ހުންނަނީ ދެ ބްލޮކަކަށެވެ. އެއީ އޭ ބްލޮކް އާއި ބީ ބްލޮކެވެ. އޭ ބްލޮކްގައި ހަތަރު ފުލޯ ހުންނަ އިރު ބީ ބްލޮކާ ހަމައިން މީހުން ރިސީވްކޮށް ހާލަތު ބަލައި އެކި ފުލޯތަކުން އެނދު ކަނޑައަޅަ އެވެ. ފެސިލިޓީގެ އައިސީޔޫ ހުންނަނީ އޭ ބްލޮކް ގްރައުންޑް ފްލޯގަ އެވެ. އެޗްޑީޔޫ އެއްކޮށް ފަސްޓް ފްލޯ އެއީ ސިީރިއަސް މީހުން ބަލަހައްޓާ ތަނެކެވެ. އަދި ދެވަނަ ފްލޯ އާއި ތިންވަނަ ފްލޯގައި ފަރުވާ ދެނީ ބަލީގެ އަސަރު ކުޑަ މީހުނަށެވެ.

މެޑިކަލް ފެސިލިޓީގައި ހިނގާދިޔަ އަނިޔާ، ކުރިން އެނގިފައި ނެތް ނަމަވެސް އެފަދަ ހާދިސާއެއް އެ ތަނުގައި ހިނގާ ދިއުމަކީ ވަރަށް ބޮޑު މައްސަލަ އެކެވެ. އެހާމެ ބޮޑު ކަންބޮޑުވުމެކެވެ. އަދި ބަލައިގަނެވޭނެ ކަމެއްވެސް ނޫނެވެ.

އެހެންވީމަ އަނިޔާކުރި ބިދޭސީ މީހާ އެތަނުން ނެރެ ހައްޔަރުކޮށް މައްސަލަ ބަލަން ފެށުމަކުން އަދި ނުނިމެ އެވެ. އެ ހާދިސާ ހިނގަން މެދުވެރިވި އެހެން ހުރިހާ ސަބަބެއް ދެނެގަންނަން ޖެހެ އެވެ. މިފަދަ ލާއިންސާނީ އަމަލެއް ތަކުރާރު ވިޔަ ނުދިނުމަށް އަވަސް އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެެ އެވެ.