ލައިފްސްޓައިލް

އެއް ފައިގައި 45 ކިލޯ، މިހާ ހިތްވަރުގަދަ މޮޑެލެއް ދުށިންތަ؟

ބައްޔެއްގެ ސަބަބުން ނުވަތަ އެނޫންވެސް ގޮތަކުން ނުކުޅެދުންތެރިކަމެއް އިހްސާސް ކުރަމުންދާ ބައެއް މީހުން އެމީހުންގެ އެ ނުކުޅެދުންތެރިކަން ހިތްވަރަށް ބަދަލުކޮށް ދުނިޔޭގައި އުޅެން ދަސްކުރެ އެވެ. އަދި ވަރަށް މަޝްހޫރުކަން ހޯދާ މީހުން ވެސް މަދުން ނަމަވެސް އުޅެ އެވެ.

އެމެރިކާގެ މޮޑެލް އެއް ކަމަށްވާ މެހޮގަނީ ގެޓާ އަކީ މިފަދަ އަންހެނެކެވެ.

ބައްޔެއްގެ ސަބަބުން އޭނާގެ ގައިގައި ވަރަށް ބޮޑު ނުކުޅެދުންތެރިކަމެއް ހުއްޓަސް އެ ހުރިހާ ކަމަކަށް ގޮންޖަހައި ހިތްވަރާއެކު ގެޓާ ދަނީ މަސައްކަތް ކުރަމުންނެވެ.

އުމުރުން 23 އަހަރުގެ ގެޓާ އުފަންވީއިރު ވެސް ލިމްފެޑާމާ ކިޔާ ބައްޔެއް އޭނާގެ ހަށިގަނޑުގައި ހުއްޓެވެ. މި ބަލީގެ ސަބަބުން ހަށިގަނޑުގެ މަޑު ޓިޝޫތަކުގައި އިތުރަށް ފެން އުފެދި ޖަމާވެ އެވެ. އެގޮތުން ގެޓާގެ ހަށިގަނޑުގައި ފެން ހެދި ޖަމާ ވަނީ އޭނާގެ އެއް ފަޔަށެވެ. އެ ފައިގެ ބަރުދަނުގައި މިހާރު 45 ކިލޯ އެބަހުއްޓެވެ.

ގެޓާގެ ހަށިގަނޑުގެ ބަރުދަނަށް 45 ކިލޯ އިތުރުވުމުން އޭނާއަށް އެ ފަޔާއެކު ދިރިއުޅުމަކީ ވަރަށް ބޮޑު ތަކުލީފަކަށްވެ އެވެ.

އެންމެ ދެރަ ކަމަކީ މި ބައްޔަށް އަދި ފަރުވާއެއް ހޯދިފައި ނެތުމެވެ. ތަދު ކަނޑުވަން ބޭސް ކެއުމާއި ފިޒިއޮތެރަޕީ އަދި ފައިގައި އިތުރަށް ހެދޭ ފެންތައް މަދުކުރަން ކުރާ މަސާޖު ފިޔަވައި އިތުރު ކަމެއް މި ބައްޔަކަށް ނުކުރެވެ އެވެ.

މި ފަޔާއެކު ގެޓާ ދިރިއުޅެނީ ވޭނީ ދިރިއުޅުމެކެވެ. މި ވޭނުގެ އިތުރަށް އޭނާއަށް މުޖުތަމައުގެ މީހުންގެ ފަރާތުން ކުރިމަތިވާ ތަފާތު ސުވާލުތަކާއި ފުރައްސާރަ ތަކުން ލިބޭ ތަކުލިފު ވެސް ވަކި ކުޑައެއް ނޫނެވެ.

ގެޓާގެ ފައި ފެނުމުން ފައި ބުރިކޮށްލަން ބައެއް މީހުން އޭނާއަށް މަޝްވަރާދެ އެވެ. އަދި ސޯޝަލް މީޑިއާގައި ވަރަށް ހަޑި ހުތުރުބަހުން އޭނާއާ ބައެއް މީހުން މުޚާތަބުކޮށް މަލާމާތްކޮށް ކުރެ އެވެ. މީހުންގެ މަލާމާތްތަކުން ގެޓާއަށް ވަރަށް އަސަރުކުރެ އެވެ. އަދި ދެރަވެގެން ގޮސް ހަދާނެ ގޮތް ހުސްވެފައި އެތައް ދުވަހަކު ހުރެ އެވެ.

ނަމަވެސް މީހުން ކިޔާ އެއްޗަކަށް ފަރުވާލެއް ނުބަހައްޓާ ދިރިއުޅުމައިގެން ކުރިއަށް ދާން މިހާރު ގެޓާ ވަނީ ދަސްކޮށްފަ އެވެ. އަމިއްލަ ހަށިގަނޑުގައި ހުރި އައިބުތައް އަމިއްލައަށް ގަބޫލުކޮށްގެންނެވެ.

މިހާރު އޭނާގެ "ފަލަ ފައި" މީހުންނަށް ދައްކާކަށް ގެޓާ ޖެހިލުމެއް ނުވެ އެވެ. އެގޮތުން އޭނާ ވަނީ ފައި ވަރަށް ރީތިކޮށް ފެންނަ ގޮތަށް ފޮޓޯ ޝޫޓެއް ކޮށްފަ އެވެ. މިއީ މި ބައްޔާ ބެހޭ ގޮތުން އާއްމުން ހޭލުންތެރިކުރުވަން އޭނާ ނެގި ފޮޓޯ ތަކެކެވެ. އަދި އޭނާ ކަހަލަ ހަށިގަނޑުގައި އެކި ކަހަލަ ބަލިތައް ހުރި މީހުންނަށް އިހުތިރާމް ހޯދައިދޭން ކުރި ކަމެކެވެ.

މިފަދަ ކަމެއް އޭނާއަށް ކުރެވުނީ މަންމަގެ އެއްބާރުލުމާއި ހިތްވަރުދިނުމުން ކަމަށް ގެޓާ ބުންޏެވެ. މީހުންގެ މަލާމާތާއި ފުރައްސާރަ އިތުރުވުމުން ދެރަވެގެން ގޮސް ހަދާނެގޮތް ހުސްވާ ކޮންމެ ފަހަރަކު އޭނާއަށް އަލުން ތެދުވަން ހިތްވަރު ދެނީ އޭނާގެ މަންމަ ކަމަށް ގެޓާ ބުންޏެވެ.

"މާ ބޮޑަށް ދެރަވީމަ ސޯޝަލް މީޑިއާއާ ދުރުވެލަނީ. އަދި މަންމައާ ވާހަކަ ދައްކާލައި، މިއުޒިކް އަޑުއަހާލައި، ޔޯގާ ހަދާލަނީ. މަންމައާ ވާހަކަ ދައްކާލީމަ އެ ލިބޭ ހިތްހަމަޖެހުމުން މަންމަ އަކީ ތެރަޕިސްޓެއް ފަދަ މީހަކަށް އަހަންނަށް ވޭ،' ގެޓާ ބުންޏެވެ.

މިހާރު ގެޓާ ދަތުރު ފަށާފައިވަނީ މި ފަޔާއެކު މޮޑެލްކޮށް ދުނިޔޭގެ މަގްބޫލުކަން ހޯދާށެވެ. އޭނާގެ ހުވަފެނަކީ އޭނާގެ ބައްޔާ ގުޅޭ ގޮތުން ދުނިޔެ ހޭލުންތެރިކުރުވުމެވެ. އަދި މަންމައާއެކު ދިރިއުޅޭނެ ގެއެއް ގަތުމެވެ.