އޮސްޓްރޭލިޔާގެ އެންމެ ދުވަސްވީ މީހާގެ ރެކޯޑް މިހާރު އޮތީ އުމުރުން 111 އަހަރު ފުރިފައިވާ ޑެކްސްޓާ ކުރޫގާ އަށެވެ. މިދިޔަ ހޯމަ ދުވަހު ކްރޫގާ އަށް 111 އަހަރާއި 124 ދުވަސް ފުރިފައި ވެއެވެ.
ކްރޫގާ އަށް މި ރިކޯޑް މުގުރާލެވުނީ ކުރިން މި ރެކޯޑް އޮތް، އެއްވަނަ ބޮޑުހަނގުރާމައިގައި ބައިވެރިވި ސިފައިންގެ މީހެއް ކަމަށްވާ ޖެކް ލޮކެޓްއަށް ވުރެ އެއް ދުވަސް އިތުރަށް ދުނިޔޭގައި ހުރެވިގެންނެވެ. ޖެކް ވަނީ 2002 ގައި މަރުވެފަ އެވެ.
ކުއީންސްލޭންޑް ސްޓޭޓްގެ ރޯމާ ޓައުންގެ ނާސިން ހޯމެއްގައި މިހާރު ހުރި ކްރޫގާ އޮސްޓްރޭލިޔަން ބްރޯޑްކާސްޓިން ކޯޕް އަށް ދިން އިންޓަވިއު އެއްގައި ބުނި ގޮތުގައި އޭނާގެ ދިގު އުމުރުގެ އެއް ސިއްރު ކަމަށް އޭނާ ގަބޫލު ކުރަނީ ބިހާއި ކުކުޅު ފަދަ ޕޯލްޓްރީ ބާވަތްތައް ގިނައިން ކާތީ އެވެ. ޚާއްސަކޮށް ކުކުޅުގެ ސިކުނޑި އެވެ.
"ކުކުޅުގެ ސިކުނޑި. އެނގޭތަ ކުކުޅުގެ ބޮލުގަ އިންނާނެ ކުޑަކުޑަ ސިކުނޑިއެއް. އެއްފަހަރާ އަނގަޔަށް ލެވޭ ވަރުގެ ކުޑަކުޑަ ސިކުނޑިއެއް. އެއީ ވަރަށް މީރު އެއްޗެއް،" ކްރޫގާ ބުންޏެވެ.
ކްރޫގާގެ ފިރިހެން ދަރިފުޅު ގްރެގް ބުނީ އޭނާގެ ބައްޕަގެ އުމުރު ދިގުވުމުގެ ސިއްރަކީ އޭނާ މިހާތަނަށް ވެސް ދިރިއުޅުނު އާދައިގެ ދިރިއުޅުން ކަމަށެވެ.
ކްރޫގާ ހުންނަ ނާސިން ހޯމްގެ މެނޭޖަރު މެލަނީ ކެލްވާޓް ބުނި ގޮތުގައި ކްރޫގާ އަކީ އެ ނާސިން ހޯމްގައި ހުރި އެންމެ ވިސްނުންތޫނު އެއް މީހާ އެވެ.
"އުމުރުން 111 އަހަރުގައި ވެސް އޭނާގެ ހަނދާން ގަދަކަން އަޖައިބުވާ ވަރުވޭ،" މެނޭޖަރު ކެލްވާޓް ބުންޏެވެ.
އަމިއްލަ އޮޓޯބައިގްރޮފީއެއް ލިޔުމުގެ މަސައްކަތް މިހާރު ކުރޫގާ ދަނީ ކުރަމުންނެވެ.
ކްރޫގާ އަކީ އޮސްޓްރޭލިޔާގައި މިހާތަނަށް ދިރިއުޅުނު އެންމެ ގިނަ ދުވަސްވީ ފިރިހެން މީހާ ކަން އޮސްޓްރޭލިޔަން ބުކް އޮފް ރެކޯޑްސްގެ ބާނީ ޖޯން ޓޭލާ ވެސް ވަނީ ޔަގީން ކޮށްދީފަ އެވެ.
އެ ގައުމުގެ ރެކޯޑް ތަކުން ދައްކާ ގޮތުގައި އެ ގައުމުގެ މީހުންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ ދުވަހު ދުނިޔޭގައި ހުރީ ކްރިސްޓީނާ ކުކް ކިޔާ އަންހެނެކެވެ. ކްރިސްޓީނާ ވަނީ 2002 ގައި މަރުވެފަ އެވެ. އޭރު އޭނާގެ އުމުރުން 114 އަހަރާއި 148 ދުވަހެވެ.