ދުނިޔެ

ޕާކިސްތާންގެ އަސްކަރީ މަރުކަޒުތައް އެމެރިކާއަށް ހުޅުވައިނުލެވޭނެ

ޕާކިސްތާންގެ އަސްކަރީ މަރުކަޒުތައް އެމެރިކާއަށް ހުޅުވައިނުލެވޭނެ ކަމަށް ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގްރޭޝީ ވިދާޅުވެއްޖެ އެވެ.

ގާނޫނު ހަދާ މަޖިލީހަށް މައުލޫމާތު ދެއްވަމުން ގުރޭޝީ ވިދާޅުވީ ބޮޑުވަޒީރު އިމްރާން ވެސް މިކަން ނުކުރައްވާނެ ކަމަށެވެ.

ގްރޭޝީ ވިދާޅުވީ އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ބާލަމުންދާއިރު އަދި އެއަށްފަހު ވެސް އަފުޣާނިސްތާންގައި ހިނގާ ނުހިނގާ ގޮތް ބެލުމަށް ޕާކިސްތާންގެ އަސްކަރީ މަރުކަޒުތައް އެމެރިކާއަށް ބޭނުން ނުކުރެވޭނެ ކަމަށެވެ. ޕާކިސްތާންގެ އަފްޣާނިސްތާނާވީ ފަޅީގައި ހަނގުރާމަވެރިންނަށް ހަމަލާ ދޭން އެމެރިކާގެ ޑްރޯންތަކަށް ވެސް ހުއްދަ ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"ޕާކިސްތާން އޮތީ ބައެއްގެ ނުފޫޒުގައި ފިތިފައެއް ނޫން،" ގުރޭޝީ ވިދާޅުވި އެވެ. "ޕާކިސްތާން އޮތީ ވަރަށް ހަރުދަނާ ބައެއްގެ އަތްމަތީގައި"

ގުރޭޝީ ވިދާޅުވީ އެމެރިކާގެ އަސްކަރީ ބޭނުންތަކަށް ޕާކިސްތާންގެ ވައިގެ ސަރަހައްދާއި އެއްގަމާއި ކަނޑުވެސް ނުދެއްވާނެ ކަމަށެވެ.

ޕާކިސްތާންގެ ގާނުން ހަދާ މަޖިލީހުގައި ގްރޭޝީ މިމޭރުމުން ވާހަކަ ދެއްކެވީ އެމެރިކާގެ ޕެންޓަގަންގެ އޮފިޝަލަކު ދެއްކި ވާހަކަތަކަކާ ގުޅިގެންނެވެ. ޕެންޓަގަންގެ އޮފިޝަލް ބުނި ކަމަށް ވަނީ އަސްކަރީ ބޭނުންތަކަށް ޕާކިސްތާންގެ ވައިގެ ސަރަހައްދާއި އެއްގަމާއި ކަނޑު އެމެރިކާއަށް ބޭނުންކުރެވޭނެ ކަމަށެވެ. މިކަމުގައި ޕާކިސްތާންގެ ނުރުހުމެއް ނެތް ކަމަށެވެ.

ގްރޭޝީ ވިދާޅުވީ އަފްޣާނިސްތާނުން އެމެރިކާ ސިފައިން ބޭލި ނަމަވެސް ޕާކިސްތާނުން ސުލްހަ ބަލަހައްޓަން ކުރާ މަސައްކަތްތައް ހުއްޓާނުލާނެ ކަމަށެވެ. ގުރޭޝީ ވިދާޅުވީ އެމެރިކާއާ ގުޅިގެން މަސައްކަތް ކުރައްވާނެ ކަމަށާއި ދެ ގައުމަށް ވެސް ފައިދާންވާން ޖެހޭ ކަމަށެވެ.