ދުނިޔެ

އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް 20 އަހަރު ފުރުނުއިރު އޮތް ނުރައްކާ ބޮޑު

އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާ – ވޯލްޑް ޓްރޭޑް ސެންޓަރު ގޮއްވާލި ހާދިސާއަށް މިއަދު 20 އަހަރު ފުރުނީ އެވެ. ސެޕްޓެމްބްރު 11، 2001 ގައި މުޅި އެމެރިކާ ގޮއްވާލި ހާދިސާގެ ހަނދާންތައް ދުނިޔެ އާކުރަމުން ގެންދާއިރު އެމެރިކާއަށް މިހާރު އޮތް ބިރުވެރިކަން އެއިރަށް ވުރެ ބޮޑެވެ. މިހާދިސާގައި ގާތްގަނޑަކަށް 3،000 މީހުން މަރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ވޯލްޑް ޓްރޭޑް ސެންޓަރުގެ ދެޓަވަރު ގޮއްވާލި ހާދިސާއަށް 20 އަހަރު ފުރޭއިރު އެމެރިކާއަށް ކުރެވުނު އެންމެ މޮޅުކަމެއް ގޮތުގައި ދެކެނީ ޓެރަރިޒމާ ދެކޮޅަށް ހަނގުރާމަ ކުރަން އަފްޣާނިސްތާނަށް އެރުވި އެމެރިކާ ސިފައިން ބާލައި ހުސްކޮށްލުމެވެ. ނޫސް އޭޖެންސީތަކުން ބުނާ ގޮތުން އަފްޣާންގައި އަދި ވެސް އެމެރިކާ އޮފިޝަލުން ތާށިވެފައި އެބަ ތިއްބެވެ.

އެމެރިކާއިން އަފްޣާނިސްތާނަށް އަރައިގަތީ ވޯލްޑް ޓްރޭޑް ސެންޓަރަށް ދިން ހަމަލާގެ މޭސްތިރިޔާ އުސާމާ ބިން ލާދިން ފަހަތުން ދުވެ ގޮހެވެ. އަފްޣާނިސްތާންގައި އެއިރު ވެރިކަންކުރި ތާލިބާނުން، އުސާމާ ބިން ލާދިން އެމެރިކާއާ ހަވާލުކުރަން އިންކާރުކުރުމުންނެވެ.

ތާލިބާނުން ފަހައި އެމެރިކާ ސިފައިން ދުއްވައިގަތުމުން ހަނގުރާމަވެރިން ފިލަން ދުވެ ގޮސް އެރީ އަފްޣާންގެ ފަރުބަދަތަކަށެވެ. މޫސަލްގައި ހަރު ކޮނެ ބައެއް މީހުން ބިމުއަޑިން ހިމާޔަތް ހޯދި އެވެ. ތާލިބާނުންގެ ގުރޫޕްތަކުން ޕާކިސްތާނަށާއި އަވަށްޓެރި ގައުމުތަކަށް ވެސް ވަދެގަތެވެ.

އަފްޣާންގައި އެމެރިކާ ސިފައިން ހޭދަކުރި 20 އަހަރު ތެރޭގައި އެމެރިކާގައި ތިން ރައީސަކު ވެރިކަންކުރައްވައި ވަނީ ހަތަރު ދައުރެއް ފުރިހަމަކުރައްވާފަ އެވެ. އަފްޣާންގައި އެމެރިކާއަށް ހާސިލްވި މާބޮޑު ކަމެއް ނެތެވެ. ބިރުގަންނަ ވަރަށް ފުރާނަތައް ގެއްލުމާއި މާލީ ގޮތުން ހިސާބު ޖަހަން ގަލަމަށް ނުކުޅަދާނަ ޚަރަދުތައް ވަނީ ކޮށްފަ އެވެ.

އެމެރިކާއަށް ލިބިފައި ހުރި އަސްކަރީ އުޅަނދުތަކާއި ޒަމާނަށް ވުރެ މޮޅު ހަތިޔާރުތަކުން ތާލިބާނުންނަށް ލިބުނު މާބޮޑެތި ގެއްލުންތަކެއް އޮތް ކަމަކަށް މިއަދުގެ ހާލަތަށް ބަލާއިރު ނުފެނެ އެވެ. ކުޑަކުދިން ކުޅެން ގެންގުޅޭ ލެގޯ ރާވާ އެތިކޮޅުތަކެއްހެން ތާލިބާނުންގެ ހަނގުރާމަވެރިން 20 އަހަރު ތެރޭގައި ޖަމާވަމުން ގޮސް މިހާރު އެތިބީ އަނެއްކާވެސް ވެރިކަމަށް އަރަ އެވެ. އަފްޣާންގެ ހުންގާނުގައި އެތިބީ އެމެރިކާއާ ހުޅަނގުން ދެކޭ ގޮތުގައި ހުސް ޓެރަރިސްޓުންނެވެ.

އަފްޣާނުން އެމެރިކާ ސިފައިން ބާލަން ޖެހުނީ އެއްވެސް ކަމެއް ކާމިޔާބުވެގެނެއް ނޫނެވެ. މަޖުބޫރުވެގެންނެވެ. އެމެރިކާ ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ މީހުން އިންތިހާއަށް އިތުރުވެ ނަފުސަނީ ގޮތުން ފަރުވާދޭން ޖެހޭ ޒުވާނުން ގިނަވަމުންނެވެ.

އެމެރިކާ ސިފައިންގެ ތެރޭގައި ގިނައީ ނޫކަށިފުރާ ޒުވާނުންނެވެ. އަފްޣާންގައި ހަރަކާތެރިވާ ހަނގުރާމަވެރި ގުރޫޕްތަކުން އެމެރިކާ ސިފައިންނަށް ދޭ ހަމަލާތަކުގައި އެތައް ޒުވާން ސިފައިންނަކަށް ޖިސްމާނީ އަނިޔާތައް ލިބިފައިވެ އެވެ. ޒުވާން އުމުރުގައި ދެފައި ބުރިވެ އެއް އަތް ގެއްލި ލޯކަނުވުން ފަދަ އެތައް ހާދިސާއެއް ވަނީ ހިނގާފަ އެވެ. މިއީ ޒުވާން އުމުރުގައި ތަހައްމަލްކުރަން ދަތި ވޭނެކެވެ. ސިފައިންގެ ތެރޭގައި އަމިއްލައަށް މަރުވާ ނިސްބަތް އިތުރުވެފައިވަނީ މިފަދަ ސަބަބުތަކަކާ ހެދި އެވެ.

އެމެރިކާއިން ބުނާ ގޮތުން ބިން ލާދިން މަރާލެވިއްޖެ އެވެ. އެކަމަކު ޓެރަރިޒަމެއް ނުހުއްޓުވުނެވެ. އަލްގައީދާ ވެސް ނުހުއްޓުވުނެވެ. ނުވިތާކަށް އަލްގައިދާގެ ތަފާތު ނަން ނަމުގައި ނުރައްކާތެރި ޓެރަރިސްޓް ގުރޫޕްތައް އަންނަނީ އިތުރުވަމުންނެވެ.

އެމެރިކާއާއި ހުޅަނގަށް މިހާރު އޮތް އިޚުތިޔާރަކީ ޓެރަރިސްޓުންނާއެކު އުޅެން ދަސްކުރުމެވެ.