އަފްޣާންގައި ތާލިބާނުން މައިތިރިކޮށް ސުލްހަ ދެމެހެއްޓުމަށް ޕާކިސްތާނުން މުހިންމު ދައުރެއް އަދާކުރާނެ ކަމަށް އުންމީދުކުރާ ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފި އެވެ. އެޑިޕާޓްމަންްޓްގެ ތަރުޖަމާން ޒެޑް ޓާރާ ވިދާޅުވީ އަފްޣާން ހަމަޖެހިފައި އޮތުމަކީ ޕާކިސްތާނަށް ވެސް ލުޔެއް ކަމަށެވެ.
ތާލިބާނުން ކޮންޓްރޯލްކޮށް އަފްޣާންގައި ސުލްހަ ދެމެހެއްޓުމަށް އެމެރިކާއިން ކުރަނީ ބުރަ މަސައްކަތްތަކެއް ކަމަށް ވެސް ތަރުޖަމާން، ޒެޑް ޓާރާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އަފްޣާން އަކީ ހަނގުރާމަ ނުކުރާ ތަނަކަށް ހެދުމަށް އަވަށްޓެރިންގެ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ.
ޓާރާ ވިދާޅުވީ އެމެރިކާއިން ޕާކިސްތާނަށް ވެސް އެހީތެރިވެދޭނެ ކަމަށާއި ކޮވިޑާ ގުޅިގެން ވެކްސިނަށް ބޭނުންޖެހިފައި ވާތީ އެކަން ވެސް ކޮށްދެއްވާނެ ކަމަށެވެ. އެމެރިކާއިން ފަސް މިލިއަން ޑޯޒަށް ވުރެ ގިނައިން ޕާކިސްތާނަށް ކޮވިޑް ވެކްސިން ފޮނުވާފައި ވެއެވެ.
އެމެރިކާއިން ވަނީ ޕާކިސްތާނަށް 60 މިލިއަން ޑޮލަރުގެ އެހީއެއް ވެސް ފޯރުކޮށްދީފަ އެވެ. އެހީ ވެސް ކޮވިޑާ ގުޅިގެން ކުރަން ހުރި ކަންތައްތައް ހަމައަކަށް އެޅުވުމަށެވެ. ޓާރާ ވިދާޅުވީ އެއީ އަދި ޕާކިސްތާނަށް ފޯރުކޮށްދޭން ހުރި އެހީގެ މަދު މިންވަރެއް ކަމަށެވެ.
ޖޯ ބައިޑަން ޕާކިސްތާން ބޮޑުވަޒީރު އިމްރާން ހާންއަށް ގުޅުއްވައި މަޝްވަރާ ކުރެއްވިކަން އެނިގައި ނެތް ކަމަށް ނޫސްވެރިއަކު ދެންނެވުމުން ޓާރާ ވިދާޅުވީ ޕާކިސްތާން އެކަހެރިކުރާ ވާހަކަ އެމެރިކާއިން ނުދައްކާ ކަމަށާއި ދެގައުމުގެ އޮފިޝަލުން މަސައްކަތްތަކުގައި އަވަދިނެތި އުޅުއްވާ ކަމަށެވެ. ބައިޑަންއާ އިމްރާންއާ ވެސް މަޝްވަރާކުރައްވާނެ ކަމަށާއި އެއީ ކުރެވެން ނެތް ކަމެއް ކަމަށް ބައިޑަން ވިދާޅުނުވާ ކަމަށެވެ.
ޓާރާ ވިދާޅުވީ އެމެރިކާ ބޭނުންވަނީ އަފްޣާންއަކީ އަވަށްޓެރިންނާ ގުޅިގެން އެކުވެރި ގައުމުތަކެއް ގޮތުގައި ދެމިއޮތުން ކަމަށެވެ.