ޓެކްނޯލޮޖީ

އެންޑްރޮއިޑް 12: އާ ޑިޒައިނެއް

May 27, 2021

މި މަހުގެ 18 އިން 20 އަށް ކުރިއަށް ގެންދިޔަ ގޫގްލް އައިއޯ 2021 ގައި ގޫގްލްއިން ވަނީ އެ ކުންފުނިން ނެރެން ގަސްދު ކޮށްފައިވާ ވަރަށް ތަފާތު ގިނަ ޕްރޮޑަކްޓްތައް ދައްކާލާފަ އެވެ.

މި އިވެންޓުގެ ތެރެއިން މިފަހަރު ގޫގްލް އިން ވަނީ އެންޑްރޮއިޑް 12 ވެސް ދައްކާލާފަ އެވެ. އެންޑްރޮއިޑް 12 އަކީ ގޫގްލް އިން 2021 ވަނަ އަހަރު ނެރެން ގަސްދުކުރާ އޮޕަރޭޓިން ސިސްޓަމެވެ. މިއީ 2020 ގެ އެންޑްރޮއިޑް 11 އަށް ފަހު ގޫގްލްއިން އެންޑްރޮއިޑަށް ގެންނަ އެންމެ ބޮޑު ބަދަލެވެ.

ގޫގްލް އިން ބުނާ ގޮތުގައި އެންޑްރޮއިޑް 12 އަކީ މިހާތަނަށް އެ ކުންފުނިން ޑިޒައިން ކުރި އެންމެ ރީތި އަދި ފެންވަރު ރަނގަޅު އޮޕަރޭޓިން ސިސްޓަމެވެ. މި ފަހަރުގެ އެންޑްރޮއިޑް ސިސްޓަމް ބަލާލަން ހިތްގައިމެވެ. ސިސްޓަމްގައި ބޭނުން ކުރާ އައިކަންތައް ކުރީގެ އޯއެސް ތަކަށް ވުރެ ވަށްވެފައި، ޔޫޒާ އިންޓަފޭސް ރޭވިފައިވާ ގޮތުން ބޭނުން ކުރުމަށް ފަސޭހަތަކެއް ވެސް ލިބިގެންދެ އެވެ. އެއީ "ވިޖެޓްސް" ކަމަށް ވިޔަސް "ނޯޓިފިކޭޝަން ސެންޓާ" ކަމަށްވިޔަސް ހުރިހާ ފީޗާތަކެއް ވެސް ޑިޒައިން ކޮށްފައިވަނީ އެކަތި އަނެކެއްޗާ ގުޅިފައިވާ ގޮތަށެވެ. ގޫގްލް އިން ބުނާ ގޮތުގައި މިއީ "ޔުނިފައިޑް" ސިސްޓަމްއެއްގެ އެއް ފީޗާ އެވެ.

އެންޑްރޮއިޑް 12 ބޭނުން ކުރާ ފަރާތްތަކުން އެބޭފުޅުން ބޭނުންވާ ތީމަކަށް ޔޫޒާ އިންޓަފޭސް ބަދަލު ކޮށްލެވޭނެ އެވެ. އަދި މި ކަސްޓަމް ފީޗާގެ ތެރެއިން، "ކަލާ އެކްސްޓްރެކްޝަން" ގެ ނަމުގައި ގޫގްލް އިން ހާމަކުރި ފިޗާއިން، އެންޑްރޮއިޑްގެ ވޯލްޕޭޕާ ބަދަލު ކުރުމުން މުޅި ޔޫޒާ އިންޓަފޭސްގެ ކުލަ އަމިއްލައަށް އެ ފޮޓޯ އާ ގުޅޭގޮތަށް ބަދަލު ވެގެން ދާނެ އެވެ. މި ބަދަލުތައް ލޮކް ސްކްރީނަށާއި ނޮޓިފިކޭޝަނަށް ވެސް ދާނެ އެވެ.

އެންޑްރޮއިޑް 12 ޑިޒައިން ކޮށްފައިވާ ގޮތުން ސިސްޓަމްގެ އެނިމޭޝަންސް ވަނީ އޮމާންކޮށް "އޮޕްޓިމައިޒް" ކޮށްފަ އެވެ. އޭގެ ސަބަބުން ސިސްޓަމް ކުރީގެ އެންޑޮރޮއިޑް ތަކަށް ވުރެ ހަލުއި ވާނެ އެވެ. އަދި އެނިމޭޝަންތައް ޑިޒައިން ކޮށްފައިވާ ގޮތުން އެންޑްރޮއިޑްގެ ޗާޖު ވެސް ކުރީގެ އެންޑްރޮއިޑް ތަކަށް ވުރެ ގިނައިރު ހިފަހައްޓާނެ ކަމަށް ވެސް ގޫގުލް ބުނެ އެވެ.

ގޫގުލް އިން އޮންލައިންކޮށް ބޭއްވި މި އިވެންޓްގައި ހާމަކޮށްފައިވާ ގޮތުގައި އެންޑްރޮއިޑް 12 އަކީ އެކުންފުނިން ނެރުނު ސަލާމަތީ ނިޒާމް އެންމެ ވަރުގަދަ ސިސްޓަމެވެ. އެންޑްރޮއިޑް 12 "ޕްރައިވަސީ ޑޭޝްބޯޑް" އިން ސިސްޓަމްގައި ހުރި އެޕްލިކޭޝަން ތަކުން ބޭނުންކުރާ ހުރިހާ ފީޗާތަކެއް ބަލާ ޓްރެކް ކުރެވޭނެ އެވެ. މީގެ ތެރޭގައި ޖީޕީއެސް، ކެމެރާ، މައިކް އަދި ކޮންޓެކްޓްސް ފަދަ ފީޗާތައް ހިމެނެ އެވެ.

އެންޑްރޮއިޑް 12 ވަނީ މިހާރު ބީޓާ މަރުހަލާގަ އެވެ. އަދި ބައެއް ބްރޭންޑުތަކުގެ ފޯނު ގެންގުޅޭ ފަރާތްތަކަށް މިހާރު ވެސް އެންޑްރޮއިޑް 12 އިގެ ބީޓާ ވާޝަން ބޭނުން ކުރެވޭނެ އެވެ. އެންޑްރޮއިޑް 12 ނެރޭނެ ކަމަށް ލަފާ ކުރެވެނީ މި އަހަރު ފަހުކޮޅު ގޫގުލް ޕިކްސެލް ފޯނު ތަކަށެވެ. އަދި އެންޑްރޮއިޑް 12 ނެރުމުން ސެމްސަންގް، އެސޫސް ފަދަ ބްރޭންޑްތަކުން އެ ބްރޭންޑްތަކުގެ ފޯނުތަކަށް ވެސް މި އެންޑްރޮއިޑް ސިސްޓަމް ގެންނާނެ އެވެ. ނަމަވެސް ލަފާކުރެވޭ ގޮތުގައި މި ބްރޭންޑް ތަކަށް އެންޑްރޮއިޑް 12 އަންނާނީ 2022 ގައެވެ.