ދައުލަތުގެ ބަޖެޓް

އަންނަ އަހަރުގެ ބަޖެޓް، 27.4 ބިލިޔަން ރުފިޔާ

Nov 11, 2015
4
  • ބަޖެޓާ ގުޅިގެން ވަޒީރުންގެ މަޖިލީހުގައި ވަނީ މަޝްވަރާކޮށްފައި
  • ބަޖެޓް ހުށަހެޅުން ލަސްވީ ފިނިފެންމާ ހާދިސާގެ ސަބަބުން

އަންނަ 2016 ވަަނަ އަހަރަށް ލަފާކޮށްފައި ވަނީ 27.457 ބިލިޔަން ރުފިޔާގެ ބަޖެޓެއް ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ. މިއަދަދު ހާމަކުރެއްވީ ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ޓްވީޓް ކުރައްވައިގެނެވެ.

މުއާޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލިސް އެއްވެ، މިއަދު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

ކުރިޔަށް އޮންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް، ގާނޫނު ބުނާ ގޮތުން އޮކްޓޯބަރުގެ ނިޔަލަށް މަޖިލީހަށް ހުށަހަޅަންޖެހެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލީހަށް ހުށަހެޅުން ފަސްކޮށްފައި ވަނީ މާދަމާއަށެވެ. ބަޖެޓް ހުށަހަޅުން ފަސްކުރީ "ފިނިފެންމާ" ގައި ރައީސް އަވަހާރަކޮށްލަން ދިން ހަމަލާއާ ގުޅިގެނެވެ.

އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓާބެހޭ ގޮތުން މީގެ ކުރިން މިނިސްޓަރު ޖިހާދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަސައްކަތް ކުރައްވަނީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓަކީ ދަރަނި ކުޑަ ބަޖެޓެއްގެ ގޮތުގައި މަޖިލީހަށް ހުށަހަޅަން ކަމަށެވެ.

މިއަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 24.3 ބިލިއަން ރުފިޔާ މަޖިލީހުން ފާސްކޮށްފައިވާއިރު މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުގެ ގޮތުގައި ފާސްކޮށްފައިވަނީ 17.9 ބިލިއަން ރުފިޔާއެވެ.