ބޭންކް އޮފް މޯލްޑިވްސް

އަންނަ ހަފްތާ ބީއެމްއެލް އިން ކާޑު ދޫކުރާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރު މެދުވެރިކޮށް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިިފި އެވެ.

ބީއެމްއެލް އިން ބުނީ އާދިއްތަ ދުވަހުން ފެށިގެން ޖޫން މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 2:00 އާ ހަމައަށް އެ ސެންޓަރު ހުޅުވާނެ ކަމަށެވެ.

ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދެމުންދާނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަަމަރުންނަށެވެ.

އެގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ އޮންލައިން ޓޯކަންއާ އެކު ޕޮލިސް ޕާމިޓް އޮންނަ ކަސްޓަމަރުންނަށް އެކަނި ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ބެންކުން ބުނީ އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ގުޅުމުން ކާޑު ގެއަށް ގެންގޮސްދޭނެ ކަމަށެވެ.

ބެންކުން ކުރިން ވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ބެންކުގެ ހުރިހާ ބްރާންޗަކާއި ސާވިސް ސެންޓަރުތައް ބަންދުކުރަން ނިންމާފަ އެވެ. އަދި ބޭންކިންގެ ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދިނުމަށްވެސް ބީއެމްއެލް އިން ނިންމާފައިވެ އެވެ.