މުހައްމަދު ވަހީދު އިބްރާހިމް

"ރައީސް ސޯލިހް ހޮވަން މަސައްކަތް ކުރެވުނީތީ ހިތާމަކުރަން"

ރައީސް ސޯލިހް ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެވުނީ ހިތާމަ ކުރައްވާ ކަމަށާ އެކަމަށް ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށް ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވަހީދަކީ ކުރީގެ ރަައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ސަރުކާރާ ދެކޮޅަށް ނިކުތް 12 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މެންބަރެކެވެ.

ވަހީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހް ވެރިކަމަށް ހޮވުމަށް މަސައްކަތް ކުރެވުނީތީ ހިތާމަކުރާ ކަމަށެވެ. އަދި ރައްޔިތުންގެ ކިބައިން މައާފަށް އެދިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

ދައުލަތުގެ އިސް މަގާމުތަކަށް ބިދޭސީން ގެންނާތީ އެކަމަށްވެސް ވަހީދު ފާޑުވިދާޅުވިއެވެ. ވަހީދު ވަނީ ބޮޑު މުސާރައެއް ދީފައި ބޭރު ގައުމަކުން ރައީސްކަން ކޮށްފައިވާ ތަޖުރިބާކާރަކު ނުގެންނާނަންތޯ ރައީސް ސޯލިހާ ސުވާލު ކުރައްވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނާ ދެކޮޅަށް ނިކުމެ މަސައްކަތް ކުރި 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މިހާރު ތިއްބެވީ މި ސަރުކާރާ ދެކޮޅަށެވެ. އެ މެންބަރުން ގެންދަވަނީ ރަައީސް ސޯލިހާއި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.