ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު

ވެރިކަން ބަދަލުވި ގޮތް ބެލީ އެންމެ ރަނގަޅަށް: ވަހީދު

ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމުން ވެރިކަން ބަދަލުވީ ގޮތް ބަލަން އެކުލަވައިލި ރިޔާސީ ކޮމިޝަނަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނުވާނެ ކަމަށާ އެ ކޮމިޝަނުން އެ މަސައްކަތް ކޮށްފައި ވަނީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަަން ކުރެވޭނެ އެންމެ ރަނގަޅަށް ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ކުއްލި ގޮތަކަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ އެޑްވައިޒަރުގެ މަގާމަށް ރައީސް ވަހީދު ރޭ ވަނީ ހަމަޖައްސަވާފަ އެވެ. އެ ރަސްމިއްޔާތަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވަހީދު ވިދާޅުވީ ވެރިކަން ބަަދަލުވުމުން، އެ ވެރިކަން ބަދަލުވީތާ 24 ގަޑިއިރު ފަހުން ރައީސް ނަޝީދާއި އެމްޑީޕީން ސުވާލު އުފައްދާ މަގުތައް މައްޗަށް ނުކުތުމުން އެ މައްސަލަ ބެލުމަށް ހުރިހާ ފަރާތްތަކުން އެއްބަސްވެފައިވާ ކޮމިޝަނެއް އެކުލަވާލެއްވި ކަމަށެވެ.

އަދި ކޮމިޝަންގެ މަސައްކަތްތަކާއި ހަވާލުވެ ލެއްވި ބޭފުޅުން އެ މަސައްކަތް ފެއްޓެވީ ވެސް ކޮންމެ ގޮތަކަށް ނަތީޖާ އައި ނަމަވެސް އެ ރިޕޯޓަށް އިހުތިރާމް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު ދެއްވުމުން ކަމަށް ވަހީދު ވިދާޅު ވިއެވެ.

"އަޅުގަނޑު ދެންނެވިން ތި ބޭފުޅުންގެ ހޯދުންތަކުން އަޅުގަނޑުގެ ގޯހެއް އުޅޭކަމަށް ފެނިއްޖެނަމަ ވަގުތުން އިސްތިއުފާދީފައި އަޅުގަނޑު ދާނަމޭ. އަޅުގަނޑެއް އެކަމުގައި އެއްވެސް ގޯހެއް ނުހަދަން."

ރައީސް ވަހީދު ވިދާޅުވީ ކޯނީގެ މަސައްކަތް ކުރިއަށް ދިޔައީ ދެފުށްފެންނާނެހެން ކަމަށާ އެ ކޮމިޝަން އެމަނިިކުފާނު ވެސް ތިން ފަހަރަށް ހާޒިރުކޮށް ސުވާލު ކުރި ކަމަށެވެ. ރިޔާސީ އެ ކޮމިޝަނުން ތައްޔާރު ކޮށްފައިވާ ރިޕޯޓަކީ އަދި ވެރިކަން ބަދަލުވީ ގޮތް ބެލުމަށް ކުރެވުނު މަސައްކަތަކީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ކުރެވޭނެ އެންމެ ރަނގަޅަށް ކޮށްފައިވާ މަސައްކަތެއް ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވި އެވެ.

"މިކަމުގައި އަޅުގަނޑު އިތުރަށް ދައްކާނެ ވާހަކައެއް ނެތް. އެ ރިޕޯޓަށްވުރެ މޮޅު ރިޕޯޓެއް ހައްދަވަން ޖެހޭނީ އެއަށްވުރެ ފުންނާބުއުސް ބަޔަކު ހޯދަން. އެއަށްވުރެ ވަކި ފަރާތަކަށް ނުޖެހޭ ޖަމާއަތްތަކެއް ވެސް ހޯދަން. އެހެން ނޫނިއްޔާ އެ ނުވާނެ އެއްޗަކަށް އަޅުގަނޑުގެ ކުރިމަތީގައެއް. މިއީ ކުޅޭ ކުޅިވަރެއް ނޫން. އެކަން އެ އޮތީ ދުނިޔޭގެ އެއްވެސް ގައުމެއްގައި އެކަން ކުރެވޭނެ އެންމެ ރަނގަޅަށް ކޮށްފައި."

ރައީސް ވަހީދު ރޭ ވިދާޅުވީ ބަޔަކު ބޭނުންވާނަމަ ފެބްރުއަރީ 7 ގެ މައްސަލަ އަލުން ބަލަންވީ ކަމަށެވެ. އަދި އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ފެބްރުއަރީ 7، 2012 ގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުކުރީ "ބަޣާވާތަކުން" ކަމަށާއި އެ މައްސަލަ ތަހުގީގު ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ގާނޫނީ އޮނިގަނޑެއް ވުޖޫދުކޮށް ސަންސެޓް ގާނޫނެއް ހަދަން ޖެހޭ މަޖިލީހުގެ ބައެއް މެންބަރުން ގެންދަވަނީ ވިދާޅުވަމުންނެވެ.