އަންނަ މަހުގެ ތިނަވަނަ ދުވަހުގެ ރޭ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކާޑު ސިސްޓަމްގެ އަޕްގްރޭޑެއް ފަށާނެ ކަމަށް ބުނެފި އެވެ.
ބީއެމްއެލް އިން ބުނީ އަންނަ މަހުގެ ތިންވަނަ ދުވަހުގެ ރޭ 10:00 އިން ފެށިގެން ބީއެމްއެލްގެ ކާޑް ސިސްޓަމް އަޕްގްރޭޑް ކުރުމަށް ފަށާ މި މަސައްކަތް އަންނަ މަހުގެ ހަތަރެއްވާ ހުކުރު ދުވަހުގެ ހެނދު 9:00 އާ ހަމައަށް ކުރިއަށް ދާނެ އެވެ.
މި މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ލިބޭ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް އާއި ޕީއޯއެސް އަދި އެމްޕޮސްގެ އިތުރުން މާޗަންޓް ޕޯޓަލް އަދި ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭ ގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ އެވެ. ނަމަވެސް މި ވަގުތުގައި އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ އެވެ.
އެ ބޭންކުން ބުނީ މިއީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިން ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތަނުގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހިއްމު ބަދަލުތައް ގެނައުމުގެ ބޭނުމުގައި އާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ބޭންކުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެކެވެ.
ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތްތައް ދެމުންދާ ބޭންކެވެ. އަދި އެ ބޭންކުން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ކާޑުތަކުގެ ހިދުމަތް ވެސް ދެމުންނެވެ.